އަލްފާޟިލް މުޙަންމަދު ނަޝީދަކީ ޑިމޮކްރެޓިކް އުޞޫލުން ރާއްޖޭގައި އިންތިޙާބު ވެވަޑައިގެންނެވި ފުރަތަމަ ރައީސެވެ. އެމަނިކުފާނު ރައީސްކަމަށް އިންތިޙާބު ވެވަޑައިގެންނެވީ، އޭރު ރައީސް ކަމުގައި ހުންނެވި މައުމޫން ޢަބްދުލްޤައްޔޫމް ބަލިކުރެއްވުމަށްފަހު 28 އޮކްޓޯބަރ 2008ގައެވެ.

 
މުޙަންމަދު ނަޝީދު  ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1967 ވަނައަހަރު މެއި މަހު 17 ވަނަ ދުވަހު، މާލޭގައެވެ.
 
1971ން 1981އަށް މަޖީދިއްޔާ ސްކޫލްގައި ކިޔެވުން ޙާޞިލްކުރެއްވުމަށްފަހު، އިތުރަށް ތަޢުލީމް ޙާޞިލްކުރެއްވުމަށް ރާއްޖޭންބޭރަށް ވަޑައިގެންނެވިއެވެ. ސްރީލަންކާގެ ކޮލަމްބޯގައި ހުންނަ އޯވަރސީޒް ސްކޫލްގައި ކިޔަވައިވަޑައިގެންނެވުމަށްފަހު އޭ-ލެވެލް ފުރިހަމަކުރެއްވުމަށް އިނގިރޭސިވިލާތުގެ ޑައުންޓްސީޒް ސްކޫލަށް ވަޑައިގެންނެވިއެވެ. އަދި، 1989ވަނަ އަހަރު ލިވަރޕޫލް ޔުނިވަރސިޓީން ބެޗަލަރ އޮފް އާޓްސް އިން މެރިޓައިމް ސްޓަޑީޒް ފުރިހަމަކުރެއްވިއެވެ.
 
ކިޔެވުން ޙާޞިލްކުރެއްވުމަށްފަހު މާލެ ވަޑައިގެން 1990ވަނަ އަހަރު "ސަންގު"ގެ ނަމުގައި ޞީޔާޞީ މަޖައްލާއެއް ނެރުއްވިއެވެ. "ސަންގު" މަޖައްލާއަށް އަހަރުވީތަނާ، ސަރުކާރުން އެމަޖައްލާ ނެރުން މަނާކުރައްވައި، ނަޝީދު ހައްޔަރުކުރެއްވިއެވެ.
 
1991ވަނަ އަހަރު، ނަޝީދަކީ "ޕްރިޒަނަރ އޮފް ކޮންޝަންސް"އެއްގެ ގޮތުގައި އެމްނެސްޓީ އިންޓަރނޭޝަނަލްއިން ކަނޑައެޅިއެވެ.
 
ރައްޔިތުންގެ މަޖިލީހުގެ މާލޭ މެންބަރެއްގެ ގޮތުގައި 1992ވަނަ އަހަރު ހޮވިވަޑައިގެންނެވިއެވެ. އެހެންނަމަވެސް، ވައްކަމުގެ ތުޙުމަތުގައި ޖަލަށް ލުމަށް ހުކުމް ކުރުމުން މަޖިލިސް ގޮނޑި ގެއްލުނެވެ. އެގޮތުން، 18މަސް ދުވަހު ޖަލުގައި ހޭދަކުރެއްވިއެވެ.
 
އަމިއްލަފުޅަށް ޤައުމުން ބޭރުގައި އަރުވާލެވިގެން ހުންނެވުމަށްފަހު 2004ވަނަ އަހަރު ދިވެހިރާއްޖޭގެ ފުރަތަމަ އިދިކޮޅު ޕާޓީ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) ސްރީލަންކާގައި އުފެއްދުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
2004ވަނަ އަހަރު އިނގިރޭސި ސަރުކާރުން ނަޝީދަށް އެޤައުމުގެ ހިމާޔަތްދެއްވިއެވެ.
 
އަމިއްލަފުޅަށް އަރުވާލެވިގެން 18މަސް ދުވަހު ޤައުމުން ބޭރުގައި އުޅުއްވުމަށްފަހު، 30 އޭޕްރީލް 2005ގައި ނަޝީދު ރާއްޖެ ވަޑައިގެން، އޭރުގެ ސަރުކާރުގެ މަނާކުރެއްވުންތަކާއެކުވެސް އެމް.ޑީ.ޕީ ގެ ހަރަކާތްތައް ރާއްޖޭގައި ފެއްޓެވިއެވެ.
 
2 ޖޫން 2005ގައި ސިޔާސީ ޕާޓީތައް ރާއްޖޭގައި ހުއްދަކުރެވުނެވެ. އަދި، 20 ޑިސެމްބަރ 2005ގައި އެމް.ޑީ.ޕީ.ގެ ޗެއަރޕާރސަންގެ މަޤާމަާށް ނަޝީދު ހޮވިވަޑައިގެންނެވިއެވެ.
ޑިމޮކްރެޓިކް އިސްލާޙުތައް އަވަސްކުރުމަށް ސަރުކާރަށް ފިއްތުންތައް ކުރިމަތިކުރުވުމަށް 2005ން 2008އަށްޞުލްޙަވެރި މަދަނީ ކެމްޕެއިނެއް އެމް.ޑީ.ޕީ.އިން ހިންގިއެވެ. މި ހަރަކާތުގެ ތެރޭގައި އޯގަސްޓް 2005ވަނަ އަހަރު ނަޝީދު ހައްޔަރުކޮށް ޓެރަރިޒަމްގެ ދަޢުވާ ކުރެވުނެވެ. މި ދަޢުވާ ފަހުން ސަރުކާރުން ފަހުން ދޫކޮށްލެއްވިއެވެ.
 
އެމް.ޑީ.ޕީ.ގެ ރިޔާސީ ޓިކެޓް ކާމިޔާބު ކުރެއްވުމަށްފަހު، 2008ވަނަ އަހަރު ރާއްޖޭގައި ބޭއްވުނު ރިޔާސީ އިންތިޙާބު އޭނާ ކާމިޔާބުކުރެއްވިއެވެ.
 
ފަސް އަހަރުގެ ދައުރު ހަމަވުމުގެ ކުރިން، 7 ފެބްރުއަރީ 2012ގައި، ރައީސް ނަޝީދު މަޤާމުން އިސްތިޢުފާ ދެއްވިއެވެ. އަދި، ރާއްޖޭގެ ސިޔާސީ މަޞްރަޙުގައި އަދިވެސް އެމަނިކުފާނު ވަރަށް އިސް ދައުރެއް އަދާކުރައްވަމުން ގެންދަވައެވެ.