އެންމެފަހުގެ ޚަބަރުތައް


އ.ދ ގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް، ދިވެހިރާއްޖެއިން ކުރާ މަސައްކަތަށް އެއްބާރުލުން ދެއްވުން
އ.ދ. އިން ކަނޑައަޅާފައިވާ، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ނުވަތަ "ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ގޯލްސް 2030"ގައި ހިމެނޭ 17 ލަނޑުދަނޑި، 2030ވަނަ އަހަރުގެ ނިޔަލަށް ހާސިލުކުރުމަށް، 2015ވަނަ އަހަރުގެ ސެޕްޓެންބަރުމަހު ބޭއްވުނު އ.ދގެ އާންމު ބައްދަލުވުމުގައި ވަނީ ފާސްކޮށްފައެވެ. އަދި މި ލަނޑުދަނޑިތަކާއެކުގައި ހިމަނާފައިވާ 169 ޓާގެޓް، ރާއްޖޭގެ ޤައުމީ ސިޔާސަތުތަކުގެ ތެރޭގައި ހިމެނުމަށާއި، މި ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި ޤައުމީ ފެންވަރުގައި ކުރަންޖެހޭ ކަންކަން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން ކުރައްވަމުން ގެންދަވާ ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
 
އ.ދ އިން ކަނޑައަޅާފައިވާ، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ދިވެހިރާއްޖެއިން ކުރާ މަސައްކަތުގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ދައުރަކީ، މި ލަނޑުދަނޑިތަކާ ގުޅޭ ސަރުކާރުގެ ފޯކަލް ޕޮއިންޓުގެ ދައުރު އަދާކުރެއްވުމާއި، ސަރުކާރުގެ އިދާރާތަކާ ގުޅިގެން މި ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރެއްވުމާއި، މި މަސައްކަތްތައް ހިނގައިނުހިނގާގޮތް ބެއްލެވުމާއި، މި ލަނޑުދަނޑިތައް ހާސިލުވަމުންދާ މިންވަރު ބައްލަވައި، ރިޕޯޓު ކުރައްވަންޖެހޭ ފަރާތްތަކަށް ރިޕޯޓުކުރެއްވުން ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
 
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން މި މަސައްކަތް ކުރައްވަމުން ގެންދަވާނީ، ދިވެހިރާއްޖޭގައި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމުގެ މަސައްކަތުގައި ލަފަޔާއި އިރުޝާދުދެއްވުމަށް އެކުލަވައިލައިފައިވާ މިނިސްޓީރިއަލް ކޮމިޓީއާއި، ސަރުކާރުގެ ވުޒާރާތަކާއި، ކަމާބެހޭ އެކިއެކި އިދާރާތަކާއި، މުއައްސަސާތަކުގެ ފަންނީ ބޭފުޅުންގެ މައްޗަށް އެކުލަވައިލައިފައިވާ ޓެކްނިކަލް ކޮމިޓީގެ ލަފާގެ މަތިން ކަމަށްވެސް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
  
ވީމާ، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި ކުރައްވަންޖެހޭ ކަންކަން، އެކަމަކާ ގުޅޭ ސަރުކާރުގެ އިދާރާއަކުން އިސްނަންގަވައިގެން ކުރައްވަމުން ގެންދެވުމަކީ މުހިންމު ކަމެއްކަމަށާއި، ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ ހިއްސާއާއި އެއްބާރުލުން ހޯއްދަވައިގެން މި މަސައްކަތް ކުރައްވަމުން ގެންދެވުމަށާއި، މި މަސައްކަތަށް ސަރުކާރުގެ އިދާރާތަކުން ފުރިހަމައަށް އެއްބާރުލުން ދެއްވުމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް އިސްކަމެއް ދެއްވައިގެން، ދިގު މުއްދަތުގެ ޕްލޭންތަކާއި، މަޝްރޫޢުތައް ނުވަތަ ޕްރޮގްރާމްތައް އެކުލަވައިލެއްވުމަށާއި، އެ އިދާރާއެއްގެ އަހަރީ ބަޖެޓުގައި މިކަންތައްތައް ހިމެނުއްވުމަށް ސަމާލުކަން ދެއްވުމަށް ދަންނަވަންވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

 





ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ބޮޑުތަކުރުފާނު މަގު، މާލެ 20113
ފޯނު: 3323701 ފެކްސް: 3325500