ޙާފިޡުކަމުގެ އިމްތިޙާނުކުރުމާއި، ޙާފިޡުކަމުގެ ސަނަދުދޫކުރުމަކީ ހަމައެކަނި ކީރިތި ޤުރްއާނާބެހޭ މަރުކަޒުން ކުރައްވާ ކަމެއްގެ ގޮތުގައި ހަމަޖެއްސެވުން
ޙާފިޡުކަމުގެ އިމްތިޙާނުކުރުމާއި، ޙާފިޡުކަމުގެ ސަނަދުދޫކުރުމާއި، ޙާފިޡުންނަށް ދައުލަތުން ދެއްވާ ޢިނާޔަތް ދެއްވުން އެދި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ހުށަހެޅުއްވުމަކީ، ހަމައެކަނި ކީރިތި ޤުރްއާނާބެހޭ މަރުކަޒުން ކުރައްވާ ކަންތައްތަކެއްކަމަށް ހަމަޖައްސަވައިފިކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިގޮތަށް ހަމަޖެއްސެވީ ޙާފިޡުކަމުގެ އިމްތިޙާނުކުރުމާއި، ޙާފިޡުކަމުގެ ސަނަދުދޫކުރުމާއި، ޙާފިޡުންނަށް ދައުލަތުން ދެއްވާ ޢިނާޔަތް ދެއްވުން އެދި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ހުށަހެޅުއްވުމުގެ ކަންކަން، ޙާފިޡުންގެ ދަފްތަރު ބެލެހެއްޓެވުމުގެ މަސްއޫލިއްޔަތު މި އޮފީހުން ޙަވާލުކޮށްފައިވާ ކީރިތި ޤުރްއާނާބެހޭ މަރުކަޒުން ކުރައްވާގޮތަށް ހަމަޖެއްސެވުމުން، ފަސޭހަކަމާއެކު އޮޅުންކުޑަގޮތަކަށް ކުރެއްވޭނެކަމަށް ފެނިވަޑައިގަންނަވާތީކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

 

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ބޮޑުތަކުރުފާނު މަގު، މާލެ 20113
ފޯނު: 3323701 ފެކްސް: 3325500