ފިޠުރު ޢީދާ ގުޅިގެން ސަރުކާރު ބަންދު ދުވަސްތައް ހަމަޖެއްސެވުން
1438 ވަނަ އަހަރުގެ ޝައްވާލް މަހުގެ 1 ވަނަ ދުވަހަކީ، މި ޖޫން މަހުގެ 25 ވާ އާދީއްތަ ދުވަސް ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކަނޑައަޅުއްވައިފިނަމަ، މި ޖޫން މަހުގެ 28 ވާ ބުދަ ދުވަހާއި، 29 ވާ ބުރާސްފަތި ދުވަސް ހަމަޖެހިގެންދާނީ، ސަރުކާރު ބަންދު ދެ ދުވަހުގެ ގޮތުގައި ކަމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މި ޖޫން މަހުގެ 25 ވާ އާދީއްތަ ދުވަހަކީ، ރަމަޟާން މަހުގެ 30 ވަނަ ދުވަސް ކަމުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކަނޑައަޅުއްވައިފިނަމަ، އެދުވަސް ސަރުކާރު ބަންދު ދުވަހަކަށް ނުވާނޭ ކަމަށާއި، އެހެންނަމަވެސް ފިޠުރު ޢީދުގެ ބަންދު 3 ދުވަސް (ޖޫން 26، 27 އަދި 28) އާއެކު، މި ޖޫން 29 ވާ ބުރާސްފަތި ދުވަހަކީވެސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެހިގެންދާނޭ ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިގޮތަށް މި ހަމަޖެއްސެވީ، ފިޠުރު ޢީދާ ގުޅިގެން ޗުއްޓީގައްޔާއި އަދި އެނޫން އެހެން ބޭނުންތަކުގައި ރަށުން ބޭރަށްދާން ބޭނުންވާ މުވައްޒަފުންނަށް ދަތިތަކެއް ކުރިމަތިވެދާނެތީ، އެކަމަށް ލުޔެއް ދެއްވުމުގެ ގޮތުންނާއި، ބަންދު ދުވަސްތަކަށް މެދުކެނޑުމެއްނައިސް މުވައްޒަފުންނަށް ލިބޭގޮތަށް ހަމަޖައްސަވައި ދެއްވުމަށްޓަކައި ކަމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިގޮތަށް ހަމަޖެއްސެވުމުން، ފިޠުރު ޢީދުގެ ބަންދު ދުވަސްތަކަށްފަހު، ސަރުކާރުގެ އޮފީސްތައް ހުޅުވޭނީ، އަންނަ ޖުލައި މަހުގެ 2 ވާ އާދީއްތަ ދުވަހު ކަމުގައި ދަންނަވަންވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

 





ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ބޮޑުތަކުރުފާނު މަގު، މާލެ 20113
ފޯނު: 3323701 ފެކްސް: 3325500