މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ދަށުން ހިނގަމުންދާ ވަކި މަރުކަޒެއް ގޮތުގައި "ފިޔަވަތި" ހަމަޖެއްސެވުން
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުން، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ދަށުން ހިންގަމުންދާ، ކުޑަކުދިންގެ ހިޔާގެ ބައެއްގެ ގޮތުގައި ހުޅުމާލޭގައި ޤާއިމުކޮށްފައިވާ "ފިޔަވަތި" އަކީ،  އެ މިނިސްޓްރީގެ ދަށުން ހިނގަމުންދާ ވަކި މަރުކަޒެއް ގޮތުގައި 2016 އޮގަސްޓު 28 ވަނަ ދުވަހުން ފެށިގެން ހަމަޖައްސަވައިފިކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ފިޔަވަތީގެ މަސައްކަތްތަކުގެ ލިސްޓު މިދެންނެވުމާއެކު އެވަނީއެވެ.
 
"ފިޔަވަތި"ގެ މަސައްކަތްތައް
1. އުމުރުން 13 އަހަރު ނުފުރޭ ކުދިންގެ ތެރެއިން ތިރީގައިމިވާ ޙާލަތްތައް ދިމާވެފައިވާ ކުދިން މަރުކަޒުގައި ބައިތިއްބައިގެން ބެލެހެއްޓުން.
· މަންމައާއި ބައްޕަ ދުނިޔޭގައި ނެތް އަދި ބަލާނެ އެއްވެސް މީހަކު ނެތް ކުދިން.
· މަގުމަތިން ނުވަތަ އެހެންވެސް ޢާންމު ތަނަކުން ހޮވޭ ކުދިން (އެކުދިންގެ މައިންބަފައިން ނުވަތަ ބެލެނިވެރިން ހޯދައި އެ މީހުންނާ އެ ކުދިން ހަވާލުކުރެވެންދެން).
· މައިންބަފައިން ނުވަތަ ބެލެނިވެރިން ކުދިންނަށް އިހުމާލުވާކަން އެނގުމުން އެ މައިންބަފައިން ނުވަތަ ބެލެނިވެރިންނަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ނަސޭހަތްތެރިވެ ޢަމަލުތައް އިޞްލާޙުކުރުމަށް އިރުޝާދު ދިނުމުންވެސް އިޞްލާޙުނުވުމުން މައިންބަފައިންނާ ނުވަތަ ބެލެނިވެރިންނާ ވަކިކުރެވޭ ކުދިން.
· މައިންބަފައިން އެކަށީގެންވާވަރަށް ނުބެލެހެއްޓުމުގެ ސަބަބުން އެ ކުދިންނަށް ލިބެންޖެހޭ ޒަރޫރީ ޚިދުމަތްތައް ލިބެމުންނުދާ ކުދިންނާއި، އެ ކުދިންގެ މުސްތަޤުބަލު ގެއްލިގެން ހިނގައިދާނެކަމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ގަބޫލުކުރެވޭ ކުދިން.
· ކުދިންނަށް އަނިޔާކޮށްގެން ނުވަތަ ބޮޑެތި އިހުމާލުވެގެން މައިންބަފައިން ނުވަތަ ބެލެނިވެރިން ހައްޔަރުކުރަންޖެހޭ ޙާލަތްތަކުގައި ކުދިން ބަލާނޭ އެއްވެސް މީހަކު ނެތް ކުދިން.
· މައިންބަފައިން ނުވަތަ ބެލެނިވެރިން ޖަލަށްލުމުން ބަލާނެ އެހެން އެއްވެސް މީހަކު ނެތް ކުދިން.
· ބެލެނިވެރިޔާގެ ބުއްދި ގޯސްވެގެން ބަލާނެ އެހެން އެއްވެސް މީހަކު ނެތް ކުދިން.
2. މަރުކަޒުގެ ބެލުމުގެ ދަށުގައިތިބޭ ކުދިން އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޤާނޫނާއި ދިވެހި ޘަޤާފަތާ އެއްގޮތްވާ ގޮތުގެ މަތިން ތަރުބިޔަތުކޮށް، އެ ކުދިންނަށް ބޭނުންވާ އަސާސީ ޚިދުމަތްތަކާއި ޙައްޤުތައް، މަރުކަޒުގެ ގަވާއިދުތަކާ އެއްގޮތަށް ލިބިދިނުން.
3. މަރުކަޒުގެ ބެލުމުގެ ދަށުގައިތިބޭ ކުދިންނަށް ބޭނުންވާ އެންމެހައި އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމާއެކު، ދިވެހިރާއްޖޭގައި ކުޑަކުދިން ގެންގުޅޭ މަރުކަޒުތަކުގައި ހުންނަންޖެހޭ މިންގަނޑުތަކާ އެއްގޮތަށް ކުދިންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުން.

 





ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ބޮޑުތަކުރުފާނު މަގު، މާލެ 20113
ފޯނު: 3323701 ފެކްސް: 3325500