އިސްލާމީ ރިވެތި އަޚުލާޤުގެ މަތީގައި ދެމިތިއްބެވުމަށް ރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރައްވައިފި

ރަމަޟާން މަހުގެ ދުވަސްތަކާއި ރޭތަކުގެ ބޭނުން ހެޔޮގޮތުގައި ހިއްޕެވުމަށާއި، އިސްލާމީ ރިވެތި އަޚުލާޤުގެ މަތީގައި ދެމިތިއްބެވުމަށް ރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިލްތިމާސްކުރައްވައިފިއެވެ. އެމަނިކުފާނު މިފަދައިން އިލްތިމާސްކުރެއްވީ، ބަރަކާތްތެރި ރަމަޟާންމަސް ފެށުމުގެ މުނާސަބަތުގައި، ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ.

އެމަނިކުފާނުގެ ޚިޠާބުގައި ބަރަކާތްތެރި ރަމަޟާންމަސް އަޅުގަނޑުމެންނާ ބައްދަލުކުރުމުގެ ހެޔޮ ތައުފީޤު މިންވަރުކުރެއްވި ކަމަށްޓަކައި اللّـه سبحـانـه وتعـالىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރައްވައި މި މާތް މައްސަރުގެ ތަހުނިޔާ، ރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ދަންނަވައި، މި މުނާސަބަތުގެ ހެޔޮއެދުންތައް އަރިސްކުރެއްވިއެވެ. ހަމައެޔާއެކު، އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި، އެ ޤައުމުތަކުގެ އުޚުއްވަތްތެރި ރައްޔިތުންނަށް އަދި ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ވެރިންނަށްވެސް މި ބަރަކާތްތެރި މުނާސަބަތުގެ ތަހުނިޔާ އެމަނިކުފާނު ދެންނެވިއެވެ.

މީގެ އިތުރުން، ރަމަޟާން މަހަކީ މާތްﷲ އިސްލާމީ އުންމަތަށް ދެއްވާ ވަރަށް މުހިންމު ރޫޙާނީ މައްސަރެއް ކަމަށާއި، ފުއްސެވުމާއި ރުއްސެވުމުގެ މައްސަރެއް ކަމަށާ މިއީ އަޅުކަމާއި ތަޤުވާގެ އަގުހުރި ފުރުޞަތެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ހަމައެޔާއެކު، މިމައްސަރަކީ ކީރިތި ޤުރްއާން ބާވައިލެއްވި މައްސަރު ކަމަށްވީހިނދު، މި މައްސަރުގެ މާތްކަމާއި އިތުރުކަން ބޮޑުވެގެންދާ ކަމަށާއި، އެހެންކަމުން ރޯދައިގެ މަތިވެރި އަޅުކަން އަދާކުރުމާއެކު، ކީރިތި ޤުރްއާން ކިޔެވުން ގިނަކުރުމާއި، ފަރުޟު ފަސްނަމާދަށް ފަރުވާތެރިވުމަށް ދިވެހި އެންމެހައި މުސްލިމް ރައްޔިތުންނަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

 





ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ބޮޑުތަކުރުފާނު މަގު، މާލެ 20113
ފޯނު: 3323701 ފެކްސް: 3325500