ވީޑިއޯ



ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އިން ބޭއްވެވި ޖަލްސާގައި ބައިވެރިވެވަޑައިގަތުން

ރައްޔިތުންނަށް ދަތިވެފައިހުރިކަންކަން ފުރިހަމަ ކޮށްދެއްވުމައްޓަކައި ފުރުޞަތު ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފި

ދިވެހިރާއްޖޭގެ ރައްޔިތުންނަށް ދަތިވެފައިހުރިކަންކަން ފުރިހަމަ ކޮށްދެއްވުމަށްޓަކައި އިތުރު ދައުރަކަށް ފުރުޞަތު ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަމަށް އެދިވަޑައިގެންނެވީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްއިން މިރޭ ކާނިވާ ސަރަޙައްދުގައި ބޭއްވެވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހިމާއި، ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންގެ އިތުރުން ސަރުކާރުގެ ބައެއް އިސް ވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އިސްލާމް ދީނަކީ އުޞޫލްތަކާއި، ތަރުތީބުތަކާއި އިންތިޒާމްތަކެއްގެ މައްޗަށް ބިނާވެފައި އޮތް ދީނެއް ކަމަށާއި، އިސްލާމް ދީނުގައި ޑިމޮކްރަސީގެ ވާހަކަ އައިސްފައިވާކަމަށާއި، ރައްޔިތުންނަށް ބޭނުންވާ ކަންކަމުގައި ބަސްކިޔާނީ ރައްޔިތުންކަން ކީރިތި ޤުރުއާނުގައި އަންގަވާފައިވާކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކޮންމެ ވެރިޔަކުވެސް ވެރިކަމާ ހަވާލުވެވަޑައިގަންނަވަނީ ޞުލްހަވެރިކަމާއެކީ ރައްޔިތުން ބޭނުންވާ ކަންތައްތައް ކޮށްދެއްވުމާއެކު އަމާންކަން ޤާއިމުކުރުމަށްކަމަށާއި، މި އަސާސީ ބިންގާ ނެތިގެން ހިނގައްޖެނަމަ އަދި، އެ ވެރިއަކަށް މި ބިންގާ އިޢާދަ ނުކުރެވިއްޖެ ހިނދެއްގައި ޤާއިމުވެފައިވާ ތަރުތީބެއްގެ ދަށުން ރައްޔިތުން ބަދަލަކަށް އެދޭނެކަމަށެވެ.

މިމޭރުމުން ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ރައްޔިތުން ވޯޓުދެއްވާނެ ކެންޑިޑޭޓެއް ނިންމަވާއިރު ސަމާލުކަންދޭންޖެހޭ ބައެއް ކަންތައްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
އެމަނިކުފާނު އިތުރަށް ދެއްކެވި ވާހަކަފުޅުގައި މި ސަރުކާރުގެ ފާއިތުވި 4 އަހަރާއި 6 މަސް ދުވަހުގެ ވެރިކަމުގައި ދިވެހިންގެ ހިތްތައް އުއްމީދުން ފުރާލައިފިކަމަށާއި، ދިވެހި ޤައުމަކީ ކުރިޔަށް ދާން ބޭނުންވާބަޔަކު ދިރިއުޅޭ ތަނަކަށް ހަދައިފިކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިގޮތުގައި ކޮންމެ މީހަކީވެސް ނިޒާމުތަކަށް ތަބާވާންޖެހޭ މީހެއް ކަމަށާއި އެންމެންނަކީވެސް ހަމަހަމަ ޙައްޤުތަކެއް ލިބިގެންވާ ބައެއްކަން ފާހަގަކުރެއްވިއެވެ. މީގެއިތުރުންވެސް އެމަނިފާނު ވަނީ ރާއްޖޭގެ ތަރައްޤީއަށް މި ސަރުކާރުން ކޮށްދެއްވާފައިވާ ކަންތައްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅުދައްކަވާފައެވެ. މިގޮތުން ރާއްޖޭގެ މަލަމަތި ބަދަލުވެއްޖެކަމަށާއި، މީހުންގެ ވިސްނުމާ ފިކުރު ބަދަލުވެ ދިރިއުޅުމާމެދު ކުރާ އުއްމީދު އިތުރުވެފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

 





ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ބޮޑުތަކުރުފާނު މަގު، މާލެ 20113
ފޯނު: 3323701 ފެކްސް: 3325500