ކުރިއަށް އޮތް 5 އަހަރު ދުވަހުގެ އިޤްތިޞާދީ ތަޞައްވުރު އެކުލެވިގެންދާނީ "ރަށްވެހި ތަރައްޤީ" ގެ މައްޗަށް ބިނާކޮށް - ރައީސުލްޖުމްހޫރިއްޔާ

ކުރިއަށް އޮތް 5 އަހަރު ދުވަހުގެ އަރބަން ޕްލޭނިންގއާއި، އިޤްތިޞާދީ ތަޞައްވުރު އެކުލެވިގެންދާނީ މިއަދު އިފްތިތާޙް ކުރެވުނު ޤައުމީ ތަރައްޤީގެ މަޝްރޫޢުތަކާބެހޭ މަޢުލޫމާތު ހިމެނޭ ފޮތް "ރަށްވެހި ތަރައްޤީ" ގެ މައްޗަށް ބިނާކޮށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރައްޔިތުންގެ ކުރިއެރުމާއި ލާބައާއި މަންފާއަށްޓަކައި ސަރުކާރުން ފާއިތުވެދިޔަ ހަތަރު އަހަރު ހިންގަވާފައިވާ ޤައުމީ ތަރައްޤީގެ މަޝްރޫޢުތަކުގެ އުސްއަލިތައް ހިމަނައިގެން އެކުލަވާލާފައިވާ ޚާއްޞަ ފޮތް، އިފްތިތާޙްކޮށްދެއްވުމަށް ފަހު އެރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގެ ބައެއް ސަރަޙައްދުތަކުގައި ޢުމްރާނީ ތަރައްޤީ މިހާރު ގޮސްފައިހުރި މިންވަރަށް ބަލާއިރު، އެސަރަޙައްދުތަކުގައި މިހާރު ކުރަން ޖެހޭ ކަންކަމަކީ އާމްދަނީ ހޯދޭނެ ވަސީލަތްތައް ޤާއިމު ކުރެއްވުން ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހިރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅުކޮށް ފެންވަރު މަތިކުރުމަށް މިސަރުކާރުން ކޮށްދެއްވާފައިވާ މަސައްކަތްތައް މިފޮތުން ހާމަވެގެންދާނެ ކަމަށާއި، މި މަސައްކަތްތަކަކީ ރައްޔިތުންގެ ހެވާއި، ކުރިއެރުމާއި، މަސްލަހަތަށް އަދި ދިވެހިރާއްޖެއަކީ އަމާން، ފާގަތި، އުފާވެރި ތަނެއްގެ ގޮތުގައި ދެމިއޮތުމަށްކުރާ މަސައްކަތްތަކެއް ކަމަށެވެ. ރައްޔިތުންނަށް އެންމެ ދަތިވެފައި ހުރި ކަންކަން ޙައްލުކޮށްދިނުމަށް މިސަރުކާރުން ކޮށްފައިވާ މަސައްކަތްތަކާއި އެމަސައްކަތްތަކުގެ ނަތީޖާތައް މިއަދު އިފްތިތާޙް ކުރެވުނު ފޮތުން ފެނިގެންދާނެ ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ތަފާތު ނަޒަރިއްޔާތަކުން ތަފާސްހިސާބު ގެނެސްދިނުމުން ކަންކަން ޚިޔާލާއި ވިސްނުމަށް ގެނައުމަށް ފަސޭހަވެގެންދާ ކަމަށް ވިދާޅުވެ، "ރަށްވެހި ތަރައްޤީ" ގެ އެންމެ މުހިންމު ބޭނުމަކަށް ވެގެންދަނީ ތަފާސް ހިސާބުން، މަދުރަސާތަކުގެ ކިޔަވާ ކުދިންނަށް، ރިސަރޗްކުރާ ކުދިންނަށް، އަދި ޚާއްޞަކޮށް ސިޔާސީ ބޭފުޅުންނަށް މުހިންމު އެތައް މަޢުލޫމާތެއް ގެނެސްދިނުންކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

"ރަށްވެހި ތަރައްޤީ" ގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެކުލަވާލެއްވި ފޮތަކީ ރާއްޖޭގެ ތާރީޚުގައި މިހާތަނަށް ފެނިފައި ނުވާފަދަ ބޮޑެތި ބިޔަ މަޝްރޫޢުތަކެއްގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ޒަޢާމަތުގައި، މަދަނިއްޔަތާއި ތަހުޒީބު ލިބިގެންވާ ތަރައްޤީއެއް ދިވެހިރާއްޖެއަށް ގެންނެވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މަޢުލޫމާތު ހިމެނޭ ފޮތެކެވެ. ދިރާސާކުރާ ފަރާތްތަކަށާއި ޔުނިވަރސިޓީތަކުގައި ތަޢުލީމު ޙާސިލުކުރާ ދަރިވަރުންނަށް، މިދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ރާއްޖެ ދެކެފައިވާ ބަދަލުތަކާގުޅޭ ވަރަށް ތަފްސީލީ މަޢުލޫމާތުތަކެއް މި ފޮތުން ލިބޭނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ޒަޢާމަތުގައި ހިންގަވާފައިވާ، އަދި ހިންގަވަމުން ގެންދަވާ ތަރައްޤީގެ މަޝްރޫޢުތަކުގެ މަޢުލޫމާތުގެ އިތުރުން، 2009 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރުގެ ނިޔަލަށް ސަރުކާރުން ހިންގަވާފައިވާ ތަރައްޤީގެ މަޝްރޫޢުތަކުގެ މަޢުލޫމާތުވެސް މި ފޮތުގައި ހިމަނާފައިވެއެވެ.

މިފޮތަށް، މަޢުލޫމާތު ފޯރުކޮށްދީފައިވަނީ ދައުލަތުގެ ވުޒާރާތަކާއި، ކުންފުނިތަކާއި، ކަމާބެހޭ އިދާރާތަކުންނާއި، ސިޓީ ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކާއި، ރަށްރަށުގެ ކައުންސިލް ތަކުންނެވެ.

"ރަށްވެހި ތަރައްޤީ"ގެ ކޮޕީއެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުގައި ޝާއިޢުކޮށް ގަވާއިދުން އަޕްޑޭޓް ކުރަމުންދާނެއެވެ.

 

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ބޮޑުތަކުރުފާނު މަގު، މާލެ 20113
ފޯނު: 3323701 ފެކްސް: 3325500