އެންމެފަހުގެ ޚަބަރުތައް


ހޫތީން ސަޢޫދީ ޢަރަބިއްޔާއަށް އަމާޒުކޮށް ދިން ޓެރަރިސްޓް ޙަމަލާ ކުށްވެރި ކުރައްވައި، ރައީސުލްޖުމްހޫރިއްޔާ، ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނަށް މެސެޖެއް ފޮނުއްވައިފި

ސަޢޫދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާޟަށް އަމާޒުކޮށް، ހޫތީ ހަނގުރާމަވެރިން ދިން ޙަމަލާ ކުށްވެރިކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް-ސަޢުދަށް މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، މިސައިލާއި ޑްރޯން ބޭނުންކޮށްގެން ރިޔާޟުގެ ދެކުނުގެ ސަރަޙައްދުތަކަށް އަމާޒުކޮށް ދިން މި ޙަމަލާގެ ޚަބަރު އެއްސެވީ ކުއްލި ހައިރާންކަމާއި، ފުން ހިތާމައާއެކު ކަމުގައި ވިދާޅުވެފައިވެއެވެ.

ޓެރަރިޒަމްގެ މިފިނޑި ޢަމަލު، ދިވެހި ސަރުކާރާއި، ދިވެހި ރައްޔިތުންނާއި، އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި އެންމެ ހަރުކަށި ޢިބާރާތުން ރައީސުލްޖުމްހޫރިއްޔާ ކުށްވެރިކުރައްވާފައިވެއެވެ. އަދި، ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރާއި، ބައިނަލްއަޤުވާމީ ފަރާތްތަކުން ޓެރަރިޒަމާ ދެކޮޅަށް ކުރަމުންގެންދާ މަސައްކަތްތަކުގައި ރާއްޖެއިން އަބަދުވެސް ސާބިތުކަންމަތީ ދެމިތިބޭނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.

ސަރަޙައްދީ ހަމަޖެހުން ޤާއިމުކުރުމަށް ސަޢޫދީ ޢަރަބިއްޔާއިން ކުރަމުންދާ މަސައްކަތްތަކުގައި ރާއްޖެއިން އަބަދުވެސް އެޤައުމާއެކު ސާބިތުކަންމަތީ އޮންނާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

 





ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ބޮޑުތަކުރުފާނު މަގު، މާލެ 20113
ފޯނު: 3323701 ފެކްސް: 3325500