އެންމެފަހުގެ ޚަބަރުތައް


މިއަހަރު ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު އަންނަ އާދިއްތަ ދުވަހު ހަމަވާނެ

މިއަހަރު ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު، މި އެޕްރީލް މަހުގެ 15 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 2:00 އަށް ހަމަވާނެއެވެ.

އިނާމަށް އެދި ހުށަހަޅާ ފޯމުތައް ފޮނުއްވަންޖެހެނީ، ޤައުމީ އިނާމާބެހޭ ކޮމިޓީއަށް އެޑްރެސް ކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ. ޤައުމީ އިނާމަށް ނަން ހުށަހަޅާ ފޯމު، ރަސްމީ ގަޑީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ލިބިވަޑައިގަންނަވާނެއެވެ. އަދި އެއޮފީހުގެ ވެބްސައިޓް www.presidencymaldives.gov.mv އިންވެސް ޑައުންލޯޑް ކުރެއްވޭނެއެވެ.

މިއަހަރުވެސް ސަރުކާރުގެ އިދާރާތަކުންނާއި، މިނިވަން މުއައްސަސާތަކުން ޤައުމީ އިނާމަށް ނަން ހުށަހެޅުއްވޭ ގޮތަށް ވަނީ ހަމަޖައްސަވާފައެވެ. އަދި ޤައުމީ އިނާމަށް އެދޭ އަމިއްލަ ފަރާތްތަކުންނާއި، ޤައުމީ އިނާމަށް އެހެން ފަރާތެއްގެ ނަން ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުންނާއި، ކުންފުނި، ޖަމުޢިއްޔާ ޖަމާޢަތް ފަދަ ތަންތަނުންވެސް ސަރުކާރުގެ އިދާރާއެއް މެދުވެރިނުކޮށް، ނަން ހުށަހެޅޭގޮތަށް ވަނީ ހަމަޖައްސަވާފައެވެ.

ރާއްޖޭގައި ތިބި އެކި ފަންނުގެ ހުނަރުވެރިންނަށް ފުރުޞަތު ދެއްވުމަށްޓަކައި އިނާމުދެވޭ ދާއިރާތަކުގެ ތެރޭގައި، މިދިޔަ 4 އަހަރެކޭ އެއްގޮތަށް، ޒުވާނުންނާއި އަންހެނުންގެ ދާއިރާ ވަކިން ހިމަނުއްވައި، މި ދެ ދާއިރާއިން އިނާމު ދެއްވާނެ ވަކި ރޮނގުތަކެއް ވަނީ ކަނޑައަޅުއްވާފައެވެ. އެދެ ދާއިރާއިން އިނާމު ދެއްވާނީ، މަދުވެގެން 5 އަހަރު ފާހަގަކުރެވޭފަދަ ޚިދުމަތްތަކެއް ކޮށްފައިވާ އަންހެނުންނަށާއި، ޢުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ.

މިއަހަރު ޤައުމީ އިނާމާއި ޚާއްޞަ އިނާމު ދެއްވާނީ، މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވަވާ އިޙްތިފާލުގައެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް މިއަހަރު ނަން ހުށަހެޅުމުގެ ފުރުޞަތު، ޚާއްޞަ އިނާމާބެހޭ ކޮމިޓީން މި މަހުގެ ތެރޭގައި ހުޅުއްވާލައްވާނެއެވެ.

 

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ބޮޑުތަކުރުފާނު މަގު، މާލެ 20113
ފޯނު: 3323701 ފެކްސް: 3325500