ސިޔާސީ ޕާޓީތަކުގެ މަޝްވަރާގައި ބައިވެރިވުމަށް ޕާޓީތަކަށް ސަރުކާރުން 12 ވަނަ ފަހަރަށް ދަޢުވަތު އަރުވައިފި

ސިޔާސީ ޕާޓީތަކުގެ މެދުގައި ހުރި ކަންބޮޑުވުންތައް މަޝްވަރާކޮށްގެން ހައްލުކުރުމަށްޓަކައި، ސިޔާސީ ޕާޓީތަކުގެ މަޝްވަރާގައި ބައިވެރިވުމަށް ޕާޓީތަކަށް އަނެއްކާވެސް ސަރުކާރުން ދަޢުވަތު އަރުވައިފިއެވެ. މިއަދުގެ މި ދަޢުވަތާއެކު، ސަރުކާރުން މިހާ ހިސާބަށް މަޝްވަރާއަށް 12 ދަޢުވަތު ފޮނުއްވާފައިވެއެވެ. މި ދަޢުވަތު ދެއްވާފައިވަނީ، މިމަހުގެ 11 ވަނަ ދުވަހު އެމް.ޑީ.ޕީ އަށާއި، ޢަދާލަތު ޕާޓީއަށާއި، ޖުމްހޫރީ ޕާޓީއަށް ވަކިވަކިން ފޮނުއްވި ސިޓީގައެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ސިޔާސީ ޕާޓީތަކުގެ މަޝްވަރާ ބައްދަލުވުމުގައި ސަރުކާރުގެ ފަރާތުން އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑޮކްޓަރ މުޙައްމަދު ޝައިނީ ވަނީ މިކަމާ ބެހޭ މަޢުލޫމާތު ހިއްސާ ކުރައްވާފައެވެ.

މި ކަމާ ގުޅިގެން ސަރުކާރުން ނެރުއްވި ނޫސްބަޔާނުގައި، ސަރުކާރުން ޕާޓީތަކަށް ފޮނުއްވި ސިޓީގައި ސިޔާސީ ޕާޓީތަކުގެ ކަންބޮޑުވުންތަކަށް ޙައްލެއް ލިބޭނީ އެކުގައި މަޝްވަރާކުރެވިގެން ކަމަށާއި، އެދެވިގެންވާ ކާމިޔާބީއެއް ހޯދުމަށްޓަކައި، އެއްވެސް ޝަރުޠެއްނެތި އެއްމޭޒުދޮށަށް އައުމުގެ މުހިންމުކަން ފާހަގަކުރައްވާފައިވާނެ ކަމަށް ވިދާޅުވެފައިވެއެވެ. އަދި މި މަޝްވަރާތަކުގައި އ.ދ. އިން ބައިވެރިވުމަކީ، ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމެއްކަން ފާހަގަކުރައްވައި، އ.ދ. ގެ ދައުރެއް މިވާހަކަތަކުގައި އޮތުމަށް، ސަރުކާރުގެ އިޢުތިރާޟެއް އެއްވެސް އިރެއްގައި ނެތްކަމާއި، އަދި މިކަމުގައި ސަރުކާރުގެ ތެރޭގައި ޚިލާފެއް ނެތްކަމުގައި ފާހަގަ ކުރައްވާފައިވާ ކަމަށްވެސް ނޫސްބަޔާނުގައި ވެއެވެ.

ސަރުކާރުގެ ނޫސްބަޔާނުގައި، ސިޔާސީ ޕާޓީތަކުގެ މަޝްވަރާ ފަށައި، ޤައުމުގައި ހިންގަމުންގެންދާ ހަމަނުޖެހުންތައް އެއްފަރާތްކޮށް، ތަރައްޤީއަށާއި ރައްޔިތުންގެ ރައްކާތެރިކަމަށް ފުރުޞަތު ހޯދައިދިނުމުގެ މުހިންމުކަން ބޮޑުކަމަށް ސަރުކާރުން ޤަބޫލުކުރާތީ، ކަމާބެހޭ ފަންނީ މާހިރުން މެދުވެރިކޮށް ކަންކަން ކުރިޔަށް ގެންދެވޭނޭ ގޮތަކާބެހޭ ގޮތުން، އިދިކޮޅު ފަރާތްތަކުގެ މަސައްކަތްތަކުގައި އެންމެ އިސްކޮށް އުޅުއްވާ ކުރީގެ ރައީސް މުޙައްމަދު ނަޝީދާ ސަރުކާރުން މަޝްވަރާ ކުރައްވަމުން ގެންގޮސްފައިވާކަން ހާމަ ކުރައްވާފައިވެއެވެ.

މި މަސައްކަތްތަކުގެ ފުރިހަމަ މަޢުލޫމާތު އ.ދ. އާއި ކަމާބެހޭ އެހެން މުއައްސަސާތަކާ ސަރުކާރުން ޙިއްޞާކުރަމުން ގެންދަވާކަމުގައިވެސް ސަރުކާރުގެ ނޫސް ބަޔާނުގައިވެއެވެ. އަދި ޤައުމުގައި ހުރި މައްސަލަތަކަށް ޙައްލެއް ހޯދުމަށް ސަރުކާރުންކުރާ މަސައްކަތްތަކަށް އިދިކޮޅު ފަރާތްތަކުން އެއްބާރުލުން ނުދެއްވައި، ކަންކަން ކާމިޔާބުކުރުމުގެ ފުރުޞަތު ބަންދުކުރަމުންގެންދާތީ، އެކަމާ ސަރުކާރުން ކަންބޮޑުވުން ފާޅުކުރައްވާ ކަމުގައި ވިދާޅުވެފައިވެއެވެ.

 

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ބޮޑުތަކުރުފާނު މަގު، މާލެ 20113
ފޯނު: 3323701 ފެކްސް: 3325500