ރާއްޖޭގެ މިހާރުގެ ޙާލަތާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު (8 މާރިޗު 2018): ހަމަނުޖެހުން ހިންގަން އުޅޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރު ކުރައްވާފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދެއްވައިފި

ހަމަނުޖެހުމާއި މާރާމާރީ ހިންގުމަށް ހިތްވަރު ނުދިނުމަށާއި، ޤާނޫނާ ޚިލާފަށް މުޒާހަރާތައް ނުބޭއްވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން އާންމުންގެ ކިބައިން އެދިވަޑައިގެންފިއެވެ. ފުލުހުންގެ މުއައްސަސާއިން މިރޭ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި، މުޒާހަރާގެ ތެރެއިން ހަމަނުޖެހުން ހިންގުމަށް ރާވަމުންދާ ކަމުގެ ތުހުމަތުގައި މިހާތަނަށް 4 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް މަޢުލޫމާތު ދެއްވިއެވެ. އަދި، މި މައްސަލަ އިތުރަށް ތަހުގީގުކުރައްވަމުން ގެންދަވާ ކަމަށާއި، މި ތަހުގީގުގެ އަލީގައި ކުރިއަށް އޮތްތާނގައި އިތުރު ފަރާތްތައް ހައްޔަރުކުރުން އެކަށީގެންވާ ކަމުގައިވެސް ފުލުހުން މަޢުލޫމާތު ދެއްވިއެވެ.

ޤަނޫނާ ޚިލާފު ހަރަކާތްތަކެއް މިއަދާއި މާދަމާ ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށާއި، މިފަދަ ކަންކަން ހުއްޓުވުމަށްޓަކައި ފުލުހުންގެ ޚާއްޞަ އޮޕަރޭޝަންތަކެއް ކުރިއަށް ގެންދެވުމަށް ރާއްވަވާފައިވާ ކަމުގައިވެސް ފުލުހުން މަޢުލޫމާތު ދެއްވިއެވެ. އަދި މިކަން ކުރިއަށް ގެންދެވުމުގައި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ ނަގަހައްޓައި، ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ރާއްޖޭގެ އަމަންއަމާންކަން ދެމެހެއްޓުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ފުލުހުން ދެއްވިއެވެ.

މީގެ ކުރިން ބާއްވާފައިވާ މުޒާހަރާތަކުން ހައްޔަރުކޮށްފައިވާ ފަރާތްތައް އަދިވެސް ފުލުހުންގެ ބަންދުގައި ތިބިކަމަށް ފެތުރިފައިވާ ވާހަކަތައް ދޮގު ކުރައްވައި، އެ ހުރިހާ ފަރާތްތައްވެސް މިހާރު ދޫކޮށްލާފައިވާ ކަމުގައި ފުލުހުން މަޢުލޫމާތު ދެއްވިއެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި، މާލޭގައި އެންމެ ފަހުން ބޭއްވި އެއްވުންތަކުގައި ފުލުހުންގެ އެނގުމަށް އިހުތިރާމުކޮށްފައިވާތީ އެކަން ފާހަގަ ކުރައްވައި، އެކަމަށްޓަކައި ޝުކުރު އަދާ ކުރެއްވިއެވެ. އަދި، ދިވެހިރާއްޖެއަކީ ސުލްހަވެރި، އަމާން ތަނެއްގެ ގޮތުގައި ބޭއްވުމަކީ ފުލުހުންގެ ޒިންމާއެއް އަދި ޤާނޫނީ ވާޖިބެއްކަން ފާހަގަ ކުރައްވަމުން، ދިވެހިރާއްޖޭގެ ސުލްހަ މަސަލަސްކަމާއި އަމާންކަމާއި ރައްކާތެރިކަން ޤާއިމު ކޮށްދިނުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ފުލުހުން ސާބިތުކަމާއެކު ކުރާނެ ކަމުގެ ޔަޤީންކަން ދިވެހި ރައްޔިތުންނަށް އެރުވިއެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 253 ވަނަ މާއްދާއަށް ރިޢާޔަތްކުރައްވައި، 15 ދުވަހުގެ މުއްދަތަށް ކުއްލި ނުރައްކަލުގެ ޙާލަތު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިޢްލާނު ކުރެއްވީ 5 ފެބުރުވަރީ 2018 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު (2018/3) އިންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ޤަރާރަކީ 1 ފެބުރުވަރީ 2018 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނެރުއްވާފައިވާ ނަންބަރު: 2018/SC-SJ/01 އަމުރުގެ ސަބަބުން ދިވެހި ދައުލަތުގެ ހިންގުމުގެ ބާރުތައް އޮޅުންބޮޅުންވެ، ޤާނޫނުއަސާސީން ބާރުލިބިދީގެން އުފައްދާފައިވާ މުއައްސަސާތަކުގެ ހިންގުމުގެ ނިޒާމުތަކަށް ބުރޫއަރައި، ޤައުމީ ސަލާމަތާއި ރައްޔިތުންގެ ރައްކާތެރިކަމާ ގުޅިފައިވާ އެތައް މަޞްލަޙަތުތަކެއް ގެއްލޭ ހިސާބަށްގޮސް، ދައުލަތުގެ ހިންގުން އެ އަމުރާ އެއްގޮތަށް ހިންގަން ފަށައިފިނަމަ، ޤާނޫނުއަސާސީގެ ބާރު ކެނޑިދާ ހިސާބަށް ކަންކަން ގޮސްފައިވާކަމަށް ފެނިވަޑައިގަންނަވާތީ ނެރުއްވި ޤަރާރެކެވެ.

ދިވެހިރާއްޖޭގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނު ކޮށްފައިވަނީ، ކާފިއުއަކާއި ނުލައި، ޢާންމު ދިރިއުޅުމަށް ހުރަސް ނޭޅޭނެ ފަދަ ގޮތަކަށެވެ. އަދި ވިޔަފާރިތަކާއި ޚިދުމަތްދޭ ފަރާތްތަކަށްވެސް މިކަމުގެ އަސަރު ނުކުރާނެ ފަދަ ގޮތަށެވެ.

 

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ބޮޑުތަކުރުފާނު މަގު، މާލެ 20113
ފޯނު: 3323701 ފެކްސް: 3325500