ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭ އެއްކަމަކީ، އަންހެނުންގެ ޙައްޤުތައް ހޯދައިދީ، އެކި ދާއިރާތަކުން އަންހެނުން ބާރުވެރިކުރުވުން- ރައީސުލްޖުމްހޫރިއްޔާ

ސަރުކާރުން މިއަދު އެންމެ ބޮޑު އިސްކަމެއް ދެއްވައިގެން ކުރައްވާ އެއްކަމަކީ، އަންހެނުންގެ ޙައްޤުތައް ހޯއްދަވައިދެއްވައި، އެކި ދާއިރާތަކުން އަންހެނުން ބާރުވެރިކުރުވުމަށް މަސައްކަތް ކުރެއްވުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

މިއަދު ފާހާގަކުރާ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ޚިޠާބުގައި އެމަނިކުވަނީ އަންހެން ބޭފުޅުންގެ މަސައްކަތްތަކަށް ހިތްވަރު ދެއްވައި، އަދި އެބޭފުޅުންނަށް އޯގާތެރިކަމާއެކު ކަމޭހިއްތަވައިގެން މަސައްކަތް ކޮށްދެއްވާ ހުރިހާ ފިރިހެން ބޭފުޅުންނަށާއި، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އިޚުލާޞްތެރިކަމާއެކު ދުވަހުގެ ތަހުނިޔާ ފޮނުއްވާފައެވެ.

ހަމަ އެއާއެކު އަންހެނުންނަށް ހަމަހަމަކަމާއި ރައްކާތެރިކަން އިތުރަށް ހޯއްދަވައިދެއްވުމަށް މި ސަރުކާރުން ބައެއް ޤާނޫނުތަކަށް ބަދަލުގެންނަވައި، މިހާރު އެޤާނޫނުތަކަށް ޢަމަލުކުރައްވަމުން ގެންދަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ފާހަގަކުރައްވާފައިވެއެވެ. އަދި އަންހެނުން ބާރުވެރިކުރުވުމަށާއި އަންހެނުންގެ އުފެއްދުންތެރިކަން އިތުރުކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތައް، ދުނިޔޭގެ އެހެން ބައެއް ޤައުމުތަކުން މިއަދު ބަލައިގަނެފައިވާކަމީވެސް ރާއްޖެ މިރޮނގުން ހޯދާފައިވާ ވަރަށް ބޮޑު ކާމިޔާބީއެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި، އެކިކަންކަން ނިންމާ ފެންވަރުގައި އަންހެނުންގެ ބައިވެރިވުމާއި ހިއްސާ އިތުރުކުރެއްވުމަކީވެސް، ސަރުކާރުން މިއަދު ވަރަށް ބޮޑު ސަމާލުކަމެއްދެއްވާ ކަމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިކަމުގެ އެންމެ މުހިންމު ބޭނުންފުޅަކީ، ރާއްޖޭގެ ތަޢުލީމީ އަންހެން ބޭފުޅުންގެ ބައިވެރިވެވަޑައިގަތުން ޤައުމީ ތަރައްޤީގައި އިތުރުކުރެއްވުން ކަމަށާއި، އަދި އެބޭފުޅުންނަކީވެސް ޤައުމުގެ ކުރިއެރުމުގައި މުހިއްމު ބައެއްކަމުގެ ޔަޤީންކަން އެރުވުމަށްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑު މެންބަރުންގެ ގޮތުގައި އަންހެން ބޭފުޅުން ހަމަޖައްސަވަމުން ގެންދަވަނީވެސް އެ ސަބަބަށްޓަކައިކަމުގައި ވިދާޅުވިއެވެ. އަދި ސަރުކާރުން ކުރައްވަމުން ގެންދަވާ މައިގަނޑު މަސައްކަތްތަކުގެ ތެރެއިން ރަނގަޅު ޖީލެއް ބިނާކޮށް، އެއްވެސް ތަފާތު ކުރުމެއްނެތި މިއަދުގެ ކިޔަވާކުދިންނަށް ތަރުބަވީ ތަޢުލީމުގެ ތެރެއިން ރަނގަޅު ފުރުޞަތުތައް ފަހިކޮށްދެއްވުމަކީވެސް ވަރަށް ބޮޑު އިސްކަމެއްދެއްވާ ކަމެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވެވިއެވެ.

މިއަދުގެ ޚިޠާބުގައި، ރާއްޖޭގެ އަންހެން ކުދިންނަށް ތަޢުލީމީ ރޮނގުންނާއި މަސައްކަތްތެރިކަމުގެ ރޮނގުން ތަފާތު ފުރުޞަތުތައް ހުޅުވާލަ ދެއްވުމަށް ސަރުކާރުން މިއަދު ފަށްޓަވާފައިވާ މަސައްކަތްތަކުގެ ނަތީޖާ ފެންނަމުންދާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ޚާއްޞަކޮށް އަންހެނުން ޢާންމުކޮށް ކޮށްނޫޅޭ ބާވަތުގެ (ނޮން-ސްޓީރިއޯ ޓައިޕް) މަސައްކަތްތަކުން މިއަދު ޒުވާން އަންހެންކުދިން ފެންނަމުންދާކަން އެއީ، ޤައުމުގެ ކުރިމަގު އުޖާލާވަމުން އަންނަ ކަމުގެ ހެތްކެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޙިޠާބު ނިންމަވާލައްވަމުން އަންހެނުންގެ ތަރައްޤީއަށާއި ކުރިއެރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތައް އެއްވެސް ހުއްޓުމެއްނެތި ކުރިއަށް ގެންދަވާނެކަމުގެ ޔަޤީންކަން ރާއްޖޭގެ އަންހެން ބޭފުޅުންނަށް ދެއްވާފައިވެއެވެ.

 

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ބޮޑުތަކުރުފާނު މަގު، މާލެ 20113
ފޯނު: 3323701 ފެކްސް: 3325500