ރާއްޖޭގެ ރައްޔިތުންގެ ހިތްތަކުގައި، ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރުވުމަކީ މިއަދު ކުރަންޖެހިފައިވާ ވަރަށް މުހިންމު ޤައުމީ މަސައްކަތެއް- ރައީސުލްޖުމްހޫރިއްޔާ

ރާއްޖޭގެ ރައްޔިތުންގެ ހިތްތަކުގައި، ޚާއްޞަކޮށް އަދުގެ ޒުވާނުންނާއި ކިޔަވާ ކުދިންގެ ހިތްތަކުގައި ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރުވުމަކީ މިއަދު ކުރަންޖެހިފައިވާ ވަރަށް މުހިންމު ޤައުމީ މަސައްކަތެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނެ މިހެން ވިދާޅުވީ ރާއްޖޭގައި ފުރަތަމަފަހަރަށް މިއަދު ފާހަގަކުރަމުންދާ، ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރާ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ.

ކޮންމެ އަހަރެއްގެ މާރިޗު މަހުގެ 6 ވަނަ ދުވަހަކީ، ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރާ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް ސަރުކާރުން ހަމަޖެއްސީ މީގެ އެއް އަހަރު ކުރިން ތަރިކަ މަޝްރޫޢު އިފްތިތާޙުކުރި ދުވަހާ ގުޅިގެން، ދިވެހިންގެ މެދުގައި އިސްލާމީ ވަޙުދަތާއި ޤައުމީ ރޫޙު އުފައްދައި އާލާކުރުމުގެ މަޤްޞަދުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ޚިޠާބުގައި، ޤައުމުގެ މުސްތަޤްބަލް އޮތީ ޤައުމުގެ ޒުވާނުންގެ އަތްމަތީގައި ކަމަށްވާތީ، މިއަދުގެ ޒުވާނުންނަކީ ހަރުދަނާ ޤައުމިއްޔަތެއްގެ ވެރި އަދި މިނިވަންކަމަށް ލޯބިކުރާ، އަމިއްލަވަންތަކަން ދިފާޢުކުރާނެ ބައެއް ކަމަށް ހަދަންޖެހޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި އޭގެ ސަބަބުން ޒުވާނުންނާއި ދަރިވަރުންގެ ހިތްތަކުގައި ޤައުމީ ރޫޙު އިތުރަށް އާލާވެ، ޤައުމަށް ޚިދުމަތް ކުރާނެ، ޤައުމުދެކެ ލޯބިވާ ދަރިންތަކެއް އުފެދިގެންދާނެކަމަށްވެސް ރައީސުލްޖުމްހުރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުވި ޚިތާބުގައި، ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރާ ދުވަސް ފާހަގަކުރަމުންދާއިރު، ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރުމަށްޓަކައި އަދި މިކަމުގެ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ހުރިހާ ފަރާތްތަކަކުން ޚާއްޞަ މަސައްކަތްތަކެއް ކޮށްދެއްވުމަށް އިލްތިމާސްކުރެއްވިއެވެ. މީގެއިތުރުން ރާއްޖޭގެ ދަރިވަރުންގެ ހިތްތަކުގައި ޤައުމީ ރޫޙު ދިރުވުމަށާއި، ދަރިވަރުންނަކީ ޤައުމުދެކެ ލޯބިވާ، ޤައުމަށް ވަފާތެރި ބައެއްގެ ގޮތުގައި ތަރުބިއްޔަތު ކުރެއްވުމުގެ މަޤްޞަދުގައި ޚާއްޞަ ޕްރޮގްރާމްތަކެއް ހިންގަވައިދެއްވުމަށް ރާއްޖޭގެ ހުރިހާ ސްކޫލް މަދަރުސާތަކުގެ ވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލެއްވިއެވެ.

 

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ބޮޑުތަކުރުފާނު މަގު، މާލެ 20113
ފޯނު: 3323701 ފެކްސް: 3325500