ރައީސުލްޖުމްހުރިއްޔާ އޭ ލެވެލްގެ އެންމެ ރަނގަޅު ނަތީޖާ ހޯދި 3 ދަރިވަރުންނާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް 2017 ވަނަ އަހަރު އޭލެވެލް އިމްތިހާނުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދިވެހި 3 ދަރިވަރުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.

2017 ވަނަ އަހަރު އޭލެވެލް އިމްތިހާނުން އެންމެ ރަނގަޅު ނަތީޖާ ހޯދާފައިވަނީ ސީ.އެޗް.އެސް.އީ ގެ ތިން ދަރިވަރުން ކަމަށްވާ މާފަންނު ކައިރުގޭ މަރްޔަމް މަލްސާ ލިޝާމާއި، އައްޑޫސިޓީ ފޭދޫ މޫދުވިނަ ފާޠިމަތު ސަޢީދާއި، މާލެއަތޮޅު ތުލުސްދޫ ހީނާގޭ ޢާއިޝަތު ޢަޒްމާއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ މިދިޔަ އަހަރުގެ އެންމެ މޮޅު ނަތީޖާ ހޯދައިގެން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސްކޮލަރޝިޕް ހާސިލުކުރި ކަމަށްޓަކައި މަރުޙަބާ ވިދާޅުވެފައެވެ. އަދި މިފަދަ ފަޚުރުވެރި ނަތީޖާއެއް ހޯދިކަމަށްޓަކާ ވަރަށް ބޮޑަށް އުފާފުޅުކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން، ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއެއްގައި ތަޢުލީމު ޙާސިލު ކުރި ކަމުގައިވިއަސް ޤައުމުގެ ޙާލަތާއިމެދު ވިސްނުމަށާއި، ޤައުމަށް ބޭނުންތެރިވާނެ ކަންތައްތަކާމެދު ވިސްނައި އެކަންތައްތައް މަގުފަހި ކުރެވޭނެ ގޮތްތައް ހޯދުމަށް އެދިވަޑައިގެންނެވިއެވެ. އަދި ޤައުމަށް ވަފާތެރިވުމަށާއި ޤައުމުގެ ނަމަށް ހުތުރުވާފަދަ ކަންތައްތަކަށް ވާގިދޭފަދަ އެއްވެސް ކަމެއްނުކުރުމަށް އެމަނިކުފާނު ނަޞޭހަތްތެރިވެވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖޭގައި ހުރި ވަޒީފާގެ ފުރުޞަތުތަކަށް ބޭނުންވަނީ ކިޔަވައިގެން ތިބި ދިވެހި ކުދިންކަމުގައި ވިދާޅުވިއެވެ. އަދި ތިން ކުދިންވެސް ކިޔަވައި ނިމިގެން ސަރުކާރަށް ޚިދުމަތްކުރުމަށް އިސްކަންދިނުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މިނިސްޓަރ އޮފް އެޑިއުކޭޝަން ޑޮކްޓަރ ޢާއިޝަތު ޝިހާމް ބައިވެރިވެވަޑައިގެންނެވިއެވެ.

 

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ބޮޑުތަކުރުފާނު މަގު، މާލެ 20113
ފޯނު: 3323701 ފެކްސް: 3325500