ދިވެހިރާއްޖޭގެ މިހާރުގެ ޙާލަތާ ގުޅޭ ގޮތުން މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ނެރުއްވި ނޫސް ބަޔާން (22 ފެބުރުވަރީ 2018): ދިވެހިރާއްޖޭގެ މިހާރުގެ ހާލަތާ ގުޅޭގޮތުން ބަޔާންތައް ނެރުމުގެ ބަދަލުގައި މަޝްވަރާކުރުމަށް ދިވެހި ސަރުކާރުން ގޮވާލައިފި

ދިވެހިރާއްޖޭގެ މިހާރުގެ ޙާލަތާ ގުޅޭގޮތުން އިންޑިޔާ ސަރުކާރުން މީޑިޔާއަށް ބަޔާންތައް ދެއްވަމުންދާތީ، އެކަމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ނޫސް ބަޔާނެއް ނެރުއްވައިފިއެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ނޫސް ބަޔާން ތިރީގައި މިވަނީއެވެ:

"ދިވެހިރާއްޖޭގެ ސިޔާސީ މަޝްރަޙުގައި މިހާރު ހިނގަމުންދާ ކަންތަކާ ގުޅިގެން އިންޑިޔާ ސަރުކާރުން ޝާއިޢުކުރައްވާ ޕްރެސް ސްޓޭޓްމަންޓްތަކާއި މީޑިއާތަކަށް ދެއްވަމުންގެންދަވާ މަޢުލޫމާތު ދިވެހި ސަރުކާރުގެ ސަމާލުކަމަށްވަނީ އައިސްފައެވެ. މިފެބުރުވަރީ މަހުގެ 5 ވަނަ ދުވަހު ދިވެހި ސަރުކާރުން 15 ދުވަހުގެ މުއްދަތަށް އިޢުލާނު ކުރި ކުއްލި ނުރައްކަލުގެ ޙާލަތު، މިއަހަރުގެ ފެބުރުވަރީ މަހުގެ 20 ވަނަ ދުވަހު، 30 ދުވަހުގެ މުއްދަތަށް ރައްޔިތުންގެ މަޖިލީހުން އިތުރު ކުރެއްވުމާ ގުޅިގެން، އެ ނިންމުމަކީ ޤާނޫނު އަސާސީއާ ޚިލާފަށް ނިންމަވާފައިވާ ނިންމެވުމެއްކަމަށް އިންޑިޔާ ސަރުކާރުން ކަނޑައަޅުއްވާފައި ވަނީ، ހަޤީޤަތާ ޚިލާފަށް، ފެންނަންހުރި ހެކިތަކަށް ބެއްލެވުމެއްނެތި ކަމުގައި ދިވެހި ސަރުކާރުން ދެކެމެވެ".

"5 ފެބުރުވަރީ 2018 ގައި ރައީސުލްޖުމްހުރިއްޔާ ކުއްލިނުރައްކަލުގެ ޙާލަތު އިއުލާންކުރެއްވީ، ޤާނޫނު އަސާސީގެ ބާރުތައް ހިޞާރުކުރާ ހިސާބަށް ކަންކަން ދިއުމުން، ޤައުމީ ސަލާމަތާއި ރައްޔިތުންގެ ރައްކާތެރިކަމަށް ބުރޫއަރާ ހިސާބަށް ޤައުމުގެ ޙާލަތު ގޮސްފައިވާކަމަށް ޤައުމީ ސާލާމަތާބެހޭ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާއަރުވާފައިވާތީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 253 ވަނަ މާއްދާއަށް ރިޢާޔަތްކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުންނެވެ."

"އަދި މި ޤަރާރު 20 ފެބްރުއަރީ 2018 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ދައުރުގެ ބޭރުން ބޭއްވުނު ޚާއްޞަ ޖަލްސާގާއި ވަނީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުން އިސްލާހުތަކަކާއެކު ފާސްކޮށް، 30 ދުވަހުގެ މުއްދަތަށް އިތުރުކުރައްވާފައެވެ. މި އިސްލާހުތަކުގެ ތެރޭގައި ހިމެނެނީ ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުން، ހިފެހެއްޓިފައިވާ ޤާނޫނު އަސާސީގެ ބައެއް މާއްދާތައް، ރައްޔިތުންގެ މަޖިލީހުން މިހާރު ދޫކޮށްލާފައިވާ ކަމާއި، އަދި ކުއްލި ނުރައްކަލުގެ ހާލަތަށް ޢަމަލުކުރުން މިހާރު ލާޒިމުވެގެންވަނީ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގާފައިވާ ފަރާތްތައް އެކަނި ކަމާއި، އެ ޙާލަތުގެ އިޙުތިސާސްގެ ތެރޭގައި ހިމެނެނީ އެފަދަ ފަރާތްތައް ދިރިއުޅެފައިވާ ތަންތަން އެކަނި ކަންވެސް މި ފުރުސަތުގައި ފާހަގަކުރަމެވެ. ރައްޔިތުންގެ މަޖިލީހުގެ މި ނިންމުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިޝްތިޝާރީ ލަފައެއް ހޯއްދެވުމަށް ހުށައެޅުއްވުމުން 21 ފެބްރުއަރީ 2018 ގައި އެ ކޯޓުން ވަނީ މަޖިލީހުގެ ނިންމުން ކުރިއަށް ގެންދިއުމަށް އަމުރު ނެރުއްވާފައެވެ."

"ދިވެހިރާއްޖެ މިހާރު ދެކެމުން މިދަނީ ދެކެފައިނުވާފަދަ ދަތި އުނދަގޫ ދަޑިވަޅެކެވެ. އަދި މި ހުތޫރަތްތެރި ދަނޑިވަޅުގައި އިންޑިއާއާއި ބައިނަލްއަޤްވާމީ މުޖުތަމަޢުން އެއްބާރުލުން ދެއްވައި ޤައުމީ ސަލާމަތަށް ނުރައްކާވެފައިވާ މި ދަނޑިވަޅުގައި ދިވެހިރާއްޖޭގައި ސުލްޙަމަސަލަސްކަން ޤާއިމުކުރުމަށް އެއްބާރުލުން ދެއްވުމަށް ދިވެހި ސަރުކާރުން ގޮވާލަމެވެ. އަދި ޤައުމީ މަސްލަހަތު އިތުރަށް ގޯސްވެދާނޭފަދަ ޢަމަލުތައް ނުކުރެއްވުމަށާއި، ރާއްޖޭގެ ޢާއްމު ޙާލަތު އިޢާދަކުރުމަށް ދިވެހި ސަރުކާރުން ކުރާ މަސައްކަތްތަކަށް ހުރަސްއެޅޭފަދަ ކަންތަކުން އެއްކިބާވެ ތިއްބެވުމަކީވެސް ދިވެހި ސަރުކާރުގެ އެދުމެކެވެ".

"އަދި ރާއްޖޭގެ މިހާރުގެ ޙާލަތާ ގުޅޭގޮތުން، އުފެދިފައިވާ ކަންބޮޑުވުންތައް ޙައްލުކުރުމަށްޓަކައި، ބައިނަލްއަޤްވާމީ މުޖުތަމަޢާ ގުޅިގެން މަސައްކަތް ކުރުމަށް ދިވެހި ސަރުކާރުން ތައްޔާރަށް އޮތްކަން މި ފުރުޞަތުގައި ފާހަގަކުރަމެވެ."

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 253 ވަނަ މާއްދާއަށް ރިޢާޔަތްކުރައްވައި، 15 ދުވަހުގެ މުއްދަތަށް ކުއްލި ނުރައްކަލުގެ ޙާލަތު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިޢްލާނު ކުރެއްވީ 5 ފެބުރުވަރީ 2018 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު (2018/3) އިންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ޤަރާރަކީ 1 ފެބުރުވަރީ 2018 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނެރުއްވާފައިވާ ނަންބަރު: 2018/SC-SJ/01 އަމުރުގެ ސަބަބުން ދިވެހި ދައުލަތުގެ ހިންގުމުގެ ބާރުތައް އޮޅުންބޮޅުންވެ، ޤާނޫނުއަސާސީން ބާރުލިބިދީގެން އުފައްދާފައިވާ މުއައްސަސާތަކުގެ ހިންގުމުގެ ނިޒާމުތަކަށް ބުރޫއަރައި، ޤައުމީ ސަލާމަތާއި ރައްޔިތުންގެ ރައްކާތެރިކަމާ ގުޅިފައިވާ އެތައް މަޞްލަޙަތުތަކެއް ގެއްލޭ ހިސާބަށްގޮސް، ދައުލަތުގެ ހިންގުން އެ އަމުރާ އެއްގޮތަށް ހިންގަން ފަށައިފިނަމަ، ޤާނޫނުއަސާސީގެ ބާރު ކެނޑިދާ ހިސާބަށް ކަންކަން ގޮސްފައިވާކަމަށް ފެނިވަޑައިގަންނަވާތީ ނެރުއްވި ޤަރާރެކެވެ.
ދިވެހިރާއްޖޭގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނު ކޮށްފައިވަނީ، ކާފިއުއަކާއި ނުލައި، ޢާންމު ދިރިއުޅުމަށް ހުރަސް ނޭޅޭނެ ފަދަ ގޮތަކަށެވެ. އަދި ވިޔަފާރިތަކާއި ޚިދުމަތްދޭ ފަރާތްތަކަށް ވެސް މިކަމުގެ އަސަރު ނުކުރާނެ ފަދަ ގޮތަށެވެ.

ލިންކް: މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ނެރުއްވި ނޫސް ބަޔާން

 

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ބޮޑުތަކުރުފާނު މަގު، މާލެ 20113
ފޯނު: 3323701 ފެކްސް: 3325500