ދިވެހިރާއްޖޭގެ މިހާރުގެ ޙާލަތާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު (22 ފެބުރުވަރީ 2018): ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުން ރައްޔިތުންގެ މަޖިލީހަށް ދޭންޖެހޭ ލަފާ އެ މަޖިލީހަށް ފޮނުވެންދެން ސުޕްރީމްކޯޓުން ވަގުތީ އަމުރެއް ނެރުއްވައިފި

ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުން ރައްޔިތުންގެ މަޖިލީހަށް ދޭންޖެހޭ ލަފާ އެ މަޖިލީހަށް ފޮނުވެންދެން ސުޕްރީމްކޯޓުން ވަގުތީ އަމުރެއް ނެރުއްވައިފި

ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުން ރައްޔިތުންގެ މަޖިލީހަށް ދޭންޖެހޭ ލަފާ ރައްޔިތުންގެ މަޖިލީހަށް ފޮނުވެންދެން، 21 ފެބުރުވަރީ 2018 ވަނަ ދުވަހުގެ ރޭގެވަގުތެއްގައި، ސުޕްރީމްކޯޓުން ވަގުތީ އަމުރެއް ނެރުއްވައިފިއެވެ.

ސުޕްރީމް ކޯޓުގެ ނަންބަރު: 2018/SC-AD/09 ވަގުތީ އަމުރުގައި، ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރުމާ ގުޅޭ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 3/2018 (އެ ޤަރާރު އިޞްލާޙުކުރުމަށް އިޢުލާންކޮށްފައިވާ 2 ޤަރާރު ހިމެނޭގޮތުގެ މަތިން) ގައި ހިމެނިފައިވާ ޤާނޫނުއަސާސީގެ 100 ވަނަ މާއްދާއާއި، 101 ވަނަ މާއްދާއާއި، 113 ވަނަ މާއްދާއާއި، 228 ވަނަ މާއްދާއުނިކޮށް،
އެ ޤަރާރުގެ މުއްދަތުގެ އިތުރުން، 30 ދުވަސް އިތުރުކުރުމަށް 20 ފެބުރުވަރީ 2018 ވަނަ ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ނިންމުންތަކަށް ޢަމަލުކުރަމުން ގެންދިއުމަށް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 141 ވަނަ މާއްދާއާއި 144 ވަނަ މާއްދާގެ (ށ) އާއި 145 ވަނަ މާއްދާގެ (ނ) ގެ މައްޗަށް ރިޢާޔަތްކޮށް، ރައްޔިތުންގެ މަޖިލީހާއި ދައުލަތުގެ ކަމާބެހޭ އެންމެހައި ފަރާތްތަކަށް އަންގާ އަމުރުކޮށްފައިވެއެވެ.

މި ގޮތަށް މި އަމުރު ނެރެފައިވަނީ، ރައްޔިތުންގެ މަޖިލީހުން މި މައްސަލައިގައި ހުށަހަޅާފައިވާ ހުށަހެޅުމުގެ މައްޗަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށާއި، މި ބާވަތުގެ މައްސަލަތަކުގައި ވަގުތީ އަމުރު ނެރުމުގައި ޢަމަލުކުރަންޖެހޭ ދުސްތޫރީ އަދި ޝަރުޢީ އުސޫލުތަކުގެ މައްޗަށާއި، މި މައްސަލައިގައި ބާވަތަށް ބަލައި ވިސްނުމަށްފަހު، ޤާނޫނުއަސާސީގެ 95 ވަނަ މާއްދާގެ ދަށުން ސުޕްރީމްކޯޓުގެ ލަފަޔަކަށް އެދި ރައްޔިތުންގެ މަޖިލީހުން ސުޕްރީމްކޯޓަށް ހުށަހަޅާފައިވާ
މި މައްސަލައިގައި ޤާނޫނުއަސާސީގެ 95 ވަނަ މާއްދާގައިވާ ގޮތުގެމަތިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ރައްޔިތުންގެ މަޖިލީހަށް ދޭންޖެހޭ ލަފާ އެ މަޖިލީހަށް ފޮނުވެންދެންކަމުގައި މި އަމުރުގައި ބަޔާންކޮށްފައިވެއެވެ.

އަދި މި އަމުރު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނެރެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 38 ވަނަ މާއްދާގައި ރައްޔިތުން އެމައްޗަށް ޢަމަލުކުރުން ލާޒިމުކުރާ އެއްވެސްކަމެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށްޓަކައި ވޯޓަށް އަހަންވާނީ، އެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ދެބައިކުޅައެއްބަޔަށްވުރެ ގިނަ މެންބަރުން އެ ވޯޓެއް ނަގާ ޖަލްސާއެއްގައި ހާޒިރުވެތިބޭ ވަގުތެއްގައި ކަމަށް ޤާނޫނުއަސާސީގެ 87 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މާއްދާގައިވާ ޢިބާރާތް ބޭނުންކޮށް،
އެ ޙާލަތުގައި ވޯޓަށް އަހަންޖެހޭ ކަންކަން ބަޔާންކުރިއިރު، ކުއްލި ޙާލަތު އިޢުލާންކުރާ ޤަރާރު
އެ މާއްދާގައި ހިމެނިފައިނުވާތީ، އެކަމަށްވެސް ރިޢާޔަތްކޮށް، ކުއްލި ނުރައްކަލުގެ ޙާލަތާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އިޢުލާނުކުރައްވާފައިވާ ޤަރާރާއި، (އެ ޤަރާރުގެ އިޞްލާޙުތައް ހިމެނޭގޮތުގެމަތިން)،
އެ ޤަރާރުގެ މުއްދަތު އިތުރުކުރުމާ ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމާއިރު، އެ މަޖިލީހުގެ ޤާނޫނީ އަދަދަކީ، ޤާނޫނުއަސާސީގެ 86 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޤާނޫނީ އަދަދުކަމަށް ބަލައި، ރައްޔިތުންގެ މަޖިލިސް ކުރިއަށް ގެންގޮސްފައިވާކަން ފާހަގަކޮށް، ނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ ކޯރަމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ސުވާލު އުފައްދާކަމަށްޓަކައި، ޤާނޫނުއަސާސީގެ
95 ވަނަ މާއްދާގެ ދަށުން ސުޕްރީމް ކޯޓުގެ ލަފަޔަކަށް އެދި ރައްޔިތުންގެ މަޖިލީހުން ސުޕްރީމް ކޯޓަށް ހުށަހެޅުމާ ގުޅިގެންކަމަށް އެ އަމުރުގައި ބަޔާންކޮށްފައިވެއެވެ.

 

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ބޮޑުތަކުރުފާނު މަގު، މާލެ 20113
ފޯނު: 3323701 ފެކްސް: 3325500