ރާއްޖޭގެ މިހާރުގެ ޙާލަތާއި ގުޅޭގޮތުން ސަލާމަތީ ބާރުތަކުން ނެރުއްވި ނޫސްބަޔާން (13 ފެބުރުވަރީ 2018)

ރާއްޖޭގެ މިހާރުގެ ޙާލަތާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ދިވެހި ރާއްޖޭގެ ސަލާމަތީ ބާރުތަކުން މިއަދު ހަވީރުވެސް ވަނީ ޙިއްޞާ ކުރައްވާފައެވެ. ތިރީގައި އެވަނީ ދިވެހި ރާއްޖޭގެ ސަލާމަތީ ބާރުތަކުން މިއަދު ހަވީރު ޙިއްސާ ކުރެއްވި މައުލޫމާތާއި ގުޅޭގޮތުން އެފަރާތްތަކުން ނެރުއްވި ނޫސްބަޔާން ތަކެވެ.

ފުލުހުންގެ މުޢައްސަސާއިން ނެރުއްވި ނޫސްބަޔާން

"ދިވެހިރާއްޖޭގައި އުފެދިފައިވާ ސަރުކާރު ޤާނޫނާ ޚިލާފަށް ވައްޓާލުމަށް މަސައްކަތްކުރި މައްސަލައިގެ ތަޙުޤީޤަށް މިހާތަނަށް 13 ފަރާތެއް ވަނީ ހައްޔަރުކޮށްފައެވެ. މިގޮތުން ހައްޔަރުކޮށްފައިވާ 13 ފަރާތަކީ ކުރީގެ ރައީސް މއ. ކިނބިގަސްދޮށުގެ، އަލްއުސްތާޛް މަޢުމޫން ޢަބްދުލްޤައްޔޫމް އާއި ސ. މީދޫ، އަލިވާގެ، އަލްއުސްތާޛް ޢަބްދުﷲ ސަޢީދު އާއި ގ. ރެހެންދި ފްލެޓް، އަލްއުސްތާޛް ޢަލީ ޙަމީދު މުހައްމަދު އާއި ދަފްތަރު ނަންބަރު 2571، ޙަސަން ސަޢީދު ޙުސައިން އާއި މ. މާފަންނުވިލާ، އިބްރާހިމް ސިޔާދު ޤާސިމް އާއި ސ. ހުޅުދޫ، ކާމިނީގެ، ފާޠިމަތު ނާޞިރާ އާއި މއ. ކިނިބިގަސްދޮށުގެ، އަޙްމަދު ފާރިޝް މަޢުމޫން އާއި މ. ބެރިއަންފަރު، ޢަބްދުﷲ ސިނާން އާއި ގއ. ގެނަމަފުށި، އޯކިޑްމާގެ، އަޙްމަދު އިލްޙާމް އަޙްމަދު އާއި ދަފްތަރު ނަންބަރު 3569، ނަޖުމާ އިބްރާޙިމް އާއި މ. ޕެންޒީހައުސް، މުޙައްމަދު އަޒްމީ އާއި މއ. ކަނބޯ، މުޙައްމަދު ނަދީމްގެ އިތުރުން ސްރީލަންކާގެ ރައްޔިތެއްކަމަށްވާ ބޮނިޔަ ސުދާގަރުއެވެ.

މި މައްސަލައިގެ ތަޙުޤީޤު ވަރަށް ބާރަށް ކުރިއަށްދާއިރު ތަޙުޤީޤަށް ގިނަ ކުރިއެރުންތަކެއް ދަނީ ލިބެމުންނެވެ. މި މައްސަލައިގެ ތަޙުޤީޤަށް ހައްޔަރުކޮށްފައިވާ ފަރާތްތަކުން ފުލުހުން ކުރަމުންދާ ތަޙުޤީޤަށް އެއްބާރުލުން ނުދޭކަން ފާހަގަކުރަމެވެ. އަދި މައްސަލައިގެ ބައެއް ހެކި، ބައެއް ފަރާތްތަކުން ދިނުމަށް އިންކާރުކޮށްފައިވާތީ އެފަރާތްތަކުން ފުލުހުންގެ ދަޢުރު އަދާކުރުމަށް ހުރަސްއެޅިކަމުގެ މައްސަލަތައް ތަޙުޤީޤުކޮށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް މިހަފްތާގެ ތެރޭގައި ފޮނުވުމަށް މަސައްކަތް ކުރަމުންދާ ވާހަކަ ދަންނަވަމެވެ.

ހަމައެއާއެކު މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ސ. މީދޫ، އަލިވާގެ، އަލްއުސްތާޛް ޢަބްދުﷲ ސަޢީދަކީ، ރާއްޖޭގެ ބޮޑު ކުންފުންޏަކުން ސްޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނާޖާއިޒު މަޤުޞަދެއް ހިމެނޭގޮތަށް ދިންކަމަށް ތުޙުމަތުކުރެވޭ 2.4 މިލިއަން ޑޮލަރުގެ އެއް ބެނެފިޝަރީކަން ފާހަގަކުރެވިފައިވެއެވެ. އަދި ރިޝްވަތުގެ ގޮތުގައި ލިބިފައިވާ ފައިސާ ބޭނުންކޮށްގެން ރާއްޖެއިން ބޭރުން އަގުބޮޑު ޕްރޮޕަޓީސް ގަތުމަށް، އެތަންތަން ބަލަން ދަތުރުކޮށް އެފަދަ އަގުބޮޑެތި ވިޔަފާރިތައް ހިންގާފައިވާކަންވެސް ފުލުހުންގެ ތަޙުޤީޤަށް ޔަޤީންކުރެވޭއިރު، ދަޢުލަތް ހިންގުމަށް ގަސްދުގައި ހުރަސްއެޅުމަށްޓަކައި ސްޕްރީމް ކޯޓުގެ އައިޓީ ވިޔުގަ ހުއްޓުމަކަށް ގެނައުމުގެ މަސައްކަތްކޮށްފައިވަނީ ޢަބްދުﷲ ސަޢީދުގެ އަމުރަށްކަމަށް ފުލުހުންގެ ތަޙުޤީޤަށް ޔަޤީން ކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.

މީގެއިތުރުން މިމައްސަލައިގައި ހައްޔަރުކޮށްފައިވާ ކުރީގެ ރައީސްގެ މަޢުމޫން ޢަބްދުލް ޤައްޔޫމަށް ތުޙުމަތުކުރެވޭ ކަންކަމުގެ ތަޙުޤީޤަށް ލިބިފައިވާ ކުރިއެރުންތަކަށް ބަލާއިރު، މިމައްސަލާގައި ހައްޔަރުކޮށްފައިވާ ނަޖުމާ އިބްރާޙިމްގެ ގެއިން ފެނުނު ކަޅު ފޮށީގެ ތެރެއިން ފެނުނު ތަކެތީގެ ތެރެއިން މިމައްސަލާގައި ހައްޔަރުކޮށްފައިވާ އަޙްމަދު ފާރިޝް މަޢުމޫން، މަޢުމޫން ޢަބްދުލް ޤައްޔޫމް މެދުވެރިކޮށް ސްޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ޚާއްސަކޮށް، އަލްއުސްތާޛް ޢަބްދުﷲ ސަޢީދު އާއި އަލްއުސްތާޛް ޢަލީ ޙަމީދު މުހައްމަދުއާ ބައްދަލުކޮށް އެކޯޓުން ނިންމާ ނިންމުންތަކާއި ކޯޓުގެ އެހެން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމަށް މަސައްކަތްކުރިކަން ފާހަގަކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.

ފުލުހުން މިހާރު ހިންގަމުންދާ ތަޙުޤީޤުތަކާއި ގުޅޭގޮތުން ހަޤީޤަތާ ޚިލާފު އެކި ވާހަކަތައް ބައެއް މީޑިއާތަކުގައާއި މީސް މީޑިއާގެ އެކި ވަސީލަތްތަކުގައި ފަތުރަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ. މިގޮތުން ފުލުހުން ތަޙުޤީޤު ކުރަމުންދާ ބޮޑެތި މައްސަލަތަކާއި އެނޫން އެހެން މައްސަލަތަކުގައި ހައްޔަރުކުރެވިފައިވާ ފަރާތްތަކަށް، އެފަރާތްތަކުން ކަނޑައަޅާފައިވާ ވަކީލުންނާ ބައްދަލުކުރުމަށް ފުލުހުން ހުރަސް އަޅަމުންދާ ކަމަށްބުނެ ދަނީ މަޢުލޫމާތު ފަތުރަމުންނެވެ.

ދަންނަވަމެވެ. މި ދުވަސްވަރަކީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށް ބޮޑެތި މައްސަލަތަކެއް ހުށަހެޅި ހިނގަމުންދާ ދުވަސްވަރަކަށްވާތީ، ގިނަބަޔަކު ހައްޔަރުކުރެވި ތަހުޤީޤު ކުރެވެމުންދާއިރު، މިދެންނެވި މައްސަލަތަކާއި އެނޫން މައްސަލަތަކުގައި ހައްޔަރުކުރެވިފައިވާ ފަރާތްތަކަށް އެފަރާތްތަކުން ކަނޑައަޅާފައިވާ ވަކީލުންނާ ބައްދަލުކުރުމުގެ ފުރުޞަތު ދިނުމުގައި "އާއްމު ޤަވާއިދު" ގެ 38 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ބަންދުގައިތިބި މީހުންގެ ޢަދަދު ގިނަވެފައި ބައްދަލުކުރަންޖެހޭ ވަކީލުންގެ ޢަދަދު ގިނަވުމުގެ ސަބަބުންނާއި، ބައްދަލުވުމުގައި ހޭދަކުރާ ވަގުތު ދިގުވުމުގެ ސަބަބުން އެންމެންނަށް ހަމަހަމަކަމާއެކު ވަކީލުންނާ ބައްދަލުކުރުމުގެ ފުރުޞަތު ދިނުމަށް މިދުވަސްވަރު ދަނީ ދަތިތަކާ ކުރިމަތިވަމުންނެވެ.

އެހެންކަމުން ކުއްލި ނުރައްކަލުގެ ޙާލަތު ނިމުމަކަށް އަންނަންދެން، ފުލުހުން ތަޙުޤީޤު ކުރަމުންދާ މައްސަލަތަކުގައި، ތަޙުޤީޤުކުރާ ވަގުތުތައް ފިޔަވައި އެހެން ވަގުތުތަކުގައި ވަކީލުންނާ ބައްދަލުރުމަށް ދުވާލަކަށް 30 މިނެޓަށްވުރެ ދިގުނުވާނެގޮތަށް ފުރުޞަތު ދޭގޮތަށް ހަމަޖައްސާފައިވާ ވާހަކަ ދަންނަވަނެވެ. އަދި މިގޮތަށް 30 މިނިޓްގެ ފުރުޞަތެއް ދެވޭނީ ކުށުގެ ތުޙުމަތުގައިވާ ފަރާތުން އޭނާގެ ވަކީލާ ބައްދަލުކުރަން އެދެފިނަމަ، ތުހުމަތުކުރެވޭ ފަރާތްތަކާ ތަޙުޤީޤަށް ސުވާލުނުކުރާ ދުވަސްތަކުގައި ކަމަށްވެސް ދަންނަވަމެވެ."

މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީއިން ނެރުއްވި ނޫސްބަޔާން

"ރާއްޖޭގައި އުފެދިފައިވާ ސިޔާސީ ހަމަނުޖެހުންތަކާ ގުޅިގެން، ދިވެހިރާއްޖެއަށް އިންޑިޔާގެ ސިފައިން ފޮނުވުމަށް ނުވަތަ އަސްކަރީ ފިޔަވަޅުތަކެއް އެޅުމަށް ގޮވާލައި އަދި އެކަމަށް ހިތްވަރުދީ، ރާއްޖޭގެ ސިޔާސީ މައިދާނުގައި ޙަރަކާތްތެރިވާ ބައެއް ދިވެހިންނާއި އިންޑިޔާގެ ބައެއް ސިޔާސީ ފަރާތްތަކުންނާއި އަދި ބައެއް ނޫސްތަކާއި މީޑިއާގެ އެހެން ވަޞީލަތްތަކުގައި ވާހަކަ ދައްކާފައިވެއެވެ."

އިތުރަށް ވިދާޅުވުމަށް: http://www.defence.gov.mv/file.php?fileId=156

 





ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ބޮޑުތަކުރުފާނު މަގު، މާލެ 20113
ފޯނު: 3323701 ފެކްސް: 3325500