ރާއްޖޭގެ މިހާރުގެ ޙާލަތާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު (12 ފެބުރުވަރީ 2018)

ރާއްޖޭގެ މިހާރުގެ ޙާލަތާއި ގުޅިގެން މިއަދު ހަވީރު ދިވެހި ރާއްޖޭގެ ސަލާމަތީ ބާރުތަކުން ވަނީ ނޫސްވެރިން މެދުވެރިކޮށް އާންމުންނާއި މަޢުލޫމާތު ޙިއްޞާ ކުރެއްވުމަށް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަވާފައެވެ.

ތިރީގައި މިވަނީ މިއަދު ހަވީރު ސަލާމަތީ ބާރުތަކުން ގުޅިގެން ދެއްވި ނޫސްވެރިންގެ ބައްދަލުކުރެއްވުމަށް ފަހު ފުލުހުންގެ މުޢައަސަސާއިން ނެރުއްވި ނޫސްބަޔާނެވެ.

"2018 ފެބްރުއަރީ 16 ވަނަ ދުވަހު މާލެއާއި ރާއްޖޭގެ އެކި ސަރަޙައްދުތަކަށް މީހުން އެއްވެ ހަމަނުޖެހުން ހިންގައި، ސަލާމަތީ ބާރުތަކާ ކުރިމަތިލައި، ޤައުމު ހަލަބޮލިކޮށްލުމަށް ބަޔަކު ރާވަމުންދާކަމުގެ އިންޓެލިޖެންސް މަޢުލޫމާތުތައް ފުލުހުންނަށްވަނީ ލިބިފައެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކޮށްފައިވާ މި ދަނޑިވަޅުގައި، އެއްވެ އުޅުމުގެ މިނިވަންކަން ލިބިދީފައިވީނަމަވެސް، ޤާނޫނާއި ޤަވާއިދުތަކާ ޚިލާފަށް ޢަމަލުކުރުމުގެ ފުރުޞަތު އެއްވެސް ފަރާތަކަށް ނުދޭނެ ވާހަކަ ދަންނަވަމެވެ. ޤާނޫނާއި ޤަވާއިދުތަކާ ޚިލާފަށް އެއްވެ ހަމަނުޖެހުން ހިންގުމަށް ރާވައި، ހަމަނުޖެހުން ހިންގުމުގެ ޖާގައެއް ނުދޭނެވާހަކަ ދަންނަވަމެވެ. އަދި މިފަދަ ފަރާތްތަކާމެދު ޤާނޫނީ ހަރުކަށި ފިޔަވަޅު އަޅާނެވާހަކަވެސް ދަންނަވަމެވެ. ހަމައެއާއެކު ރަށްރަށުން މީހުން އައުމަށާއި ހަމަނުޖެހުމަށް ހިތްވަރުދޭ ފަރާތްތަކާމެދުވެސް އަޅަންޖެހޭ ޤާނޫނީ ފިޔަވަޅު އަޅާނެ ވާހަކަވެސް ދަންނަވަމެވެ.

ޤައުމުގެ ސުލްޙަ މަސަލަސްކަން ނަގާލައި، ހަމަނުޖެހުން ހިންގުމަށް މިހާރުވެސް އެކިފަރާތްތަކުން މަސައްކަތް ކުރަމުންދާކަމާއި މިގޮތުން ރޭ އައްޑޫ ސިޓީގެ ގެއެއްގެ އިތުރުން ދެ ތަނެއްގައި އަލިފާން ރޯކޮށްލާފައިވާކަން ވަނީ ފާހަގަކުރެވިފައެވެ. މިމައްސަލަތަކުގައި ޝާމިލްވާ ފަރާތްތައް ހޯދައި، ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި މިމައްސަލަތައް ތަޙުޤީޤު ކުރަމުންދާ ވާހަކަވެސް ދަންނަވަމެވެ.

ޤައުމުގެ ސުލްޙަ މަސަލަސްކަން ނަގާލައި، ޤައުމު ހަލަބޮލިކޮށް، ހަމަނުޖެހުމަށް ހިތްވަރު ލިބޭގޮތަށް އެކިފަރާތްތަކުން ކުރަމުންދާ މަސައްކަތްތައް ހުއްޓާލުމަށް މިފުރުޞަތުގައި އިލްތިމާސްކުރަމެވެ. އަދި ޤައުމު އަމަން އަމާންކަން ނަގާލައި، ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެއްދުމުގެ ނިޔަތުގައި ކުރަމުންދާ ކަންކަމަކީ އެއްވެސް ހާލެއްގައި ފުލުހުން ބަލައިގަންނާނެ ކަމެއް ނޫންކަމުގައިވެސް ދަންނަވަމެވެ.

ފުލުހުން އަބަދުވެސް މަސައްކަތްކުރަމުންދާނީ އަދި ސާބިތުވެ ތިބޭނީވެސް ޤައުމުގެ އަމަން އަމާންކަމާއި ސުލްޙަ މަސަލަސްކަން ޤާއިމްކުރުމަށެވެ. އަދި ޤައުމުގައި ސުލްޙަ މަސަލަސްކަން ޤާއިމްކޮށް، އަމާން ވެއްޓެއް ޤާއިމްވެފައިވާ ތަނެއްގައި ގޮތުގައި ބޭއްވުމަށްޓަކައި ފުލުހުން އަދާކުރަންޖެހޭ ވާޖިބުތަކާއި މަސްޢޫލިއްޔަތުތައް ތަންފީޒްކުރުމުގައި ދިވެހި ފުލުހުން އެކަތި ގަނޑެއްގެ ދެމިތިބޭނެކަމުގެ ފުރިހަމަ ޔަޤީންކަން ދިވެހި އެންމެހާ ރައްޔިތުންނަށް އަރުވަމެވެ."

 





ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ބޮޑުތަކުރުފާނު މަގު، މާލެ 20113
ފޯނު: 3323701 ފެކްސް: 3325500