ރާއްޖޭގެ މިހާރުގެ ޙާލަތާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު (11 ފެބުރުވަރީ 2018)

ރާއްޖޭގެ މިހާރުގެ ޙާލަތާއި ގުޅިގެން މިރޭ ދިވެހި ފުލުހުންގެ މުއައްސަސާއިން ވަނީ ނޫސްވެރިން މެދުވެރިކޮށް އާންމުންނާއި މަޢުލޫމާތު ޙިއްޞާ ކުރެއްވުމަށް ދެވަނަ ބައްދަލުވުމެއް ބާއްވަވާފައެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ދިވެހިރާއްޖޭގައި އުފެދިފައިވާ ސަރުކާރު ޤާނޫނާ ޚިލާފަށް ވައްޓާލުމަށް މަސައްކަތްކުރި މައްސަލައިގާ ފުލުހުން ހިންގަމުންދާ ތަހުޤީގުން ލިބިފައިވާ ކުރިއެރުންތަކާއި ބެހޭގޮތުން މުހިންމު މަޢުލޫމާތުތަކެއް ވަނީ ޙިއްޞާ ކުރައްވާފައެވެ. އެގޮތުން މި މައްސަލައިގައި ތުހުމަތުކުރެވިގެން މީގެކުރިން ފުލުހުންގެ ތަޙުޤީޤަށް ހައްޔަރުކޮށްފައިވާ މއ. ކިނބިގަސްދޮށުގެ، އަލްއުސްތާޛް މަޢުމޫން ޢަބްދުލްޤައްޔޫމާއި، ސ. މީދޫ، އަލިވާގެ، އަލްއުސްތާޛް ޢަބްދުﷲ ސަޢީދާއި، ގ. ރެހެންދި ފްލެޓް، އަލްއުސްތާޛް ޢަލީ ޙަމީދު މުހައްމަދާއި، ދަފުތަރު ނަންބަރު 2571، ޙަސަން ސަޢީދު ޙުސައިންގެ އިތުރުން 4 މީހަކު ފުލުހުންގެ ތަހުޤީގަށް ހައްޔަރުކޮށްފައިވާކަމުގައި ފުލުހުންގެ މުޢައްސަސާއިން ވަނީ ހާމަކުރައްވާފައެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުންގެ ތަހުޤީގަށް ހައްޔަރުކޮށްފައިވާ އިތުރު ހަތަރު މީހުންނަކީ މ. މާފަންނުވިލާ، އިބްރާހިމް ސިޔާދު ޤާސިމްއާއި، ސ. ހުޅުދޫ، ކާމިނީގެ، ފާޠިމަތު ނާޞިރާއާއި، މއ. ކިނިބިގަސްދޮށުގެ، އަޙްމަދު ފާރިޝް މަޢުމޫނާއި، މ. ބެރިއަންފަރު، ޢަބްދުﷲ ސިނާނެވެ. މީގެއިތުރުން މިމައްސަލައިގެ ތުޙުމަތުގައި ގއ. ގެމަނަފުށި، އޯކިޑްމާގެ، އަޙްމަދު އިލްޙާމް އަޙްމަދު ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް މި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ހާމަކުރައްވާފައިވެއެވެ.

ފުލުހުން ހާމަކެރެއްވި ގޮތުގައި މި މައްސަލައާއި ގުޅިގެން ފުލުހުން ކުރިއަށް ގެންދާ ތަހުޤީގުގައި 30 ފަރާތަކާ ސުވާލުކޮށް، 15 ތަނެއް ބަލާ ފާސްކޮށްފައިވާކަމުގެ މަޢުލޫމާތު ފުލުހުން ވަނީ ނޫސްވެރިންނާ ޙިއްޞާ ކުރައްވާފައެވެ. ރާއްޖޭގެ މިހާރުގެ ހާލަތާއި ގުޅޭގޮތުން މަޢުލޫމާތު ޙިއްޞާ ކުރައްވަމުން ފުލުހުން ހާމަކުރެއްވި ގޮތުގައި، ފުލުހުންގެ ތަހުޤީގަށް ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން ދަފުތަރު ނަންބަރު 2571، ޙަސަން ސަޢީދު ޙުސައިން ފަނޑިޔާރުންގެ މަސައްކަތްތަކަށް ނުފޫޒު ފޯރުވުމާއި، ރިޝްވަތުގެ ފައިސާ ދިނުމުގެ އިތުރުން ރިޝްވަތުގެ ގޮތުގައި ހޯދާފައިވާ ފައިސާ ބޭނުންކޮށްގެން މަންފާ ހޯދާފައިވާކަމުގެ ކިތާބީހެކި ލިބިފައިވާކަމުގައި ވިދާޅުވިއެވެ.

މީގެއިތުރުން ގ. ރެހެންދި ފްލެޓް، އަލްއުސްތާޛް ޢަލީ ޙަމީދު މުޙައްމަދަށް ނިސްބަތްވާ ދަބަހަކުން 215,000 ޔޫ.އެސް ޑޮލަރާއި 150,000 ދިވެހި ރުފިޔާ ފެނިފައިވާކަމަށާއި، އަލްއުސްތާޛު ޢަލީ ޙަމީދު މުޙައްމަދުގެ އާޢިލާއަށް ތަފާތު އެކިގޮތްގޮތުން، މއ. ކިނބިގަސްދޮށުގެ، އަލްއުސްތާޛް މަޢުމޫން ޢަބްދުލްޤައްޔޫމް އެހީތެރިވެދެއްވާކަން ފުލުހުންގެ ތަޙުޤީގަށް ޔަޤީން ކުރެވިފައިވާކަމުގެ މަޢުލޫމާތުވެސް ފުލުހުން ވަނީ ނޫސްވެރިންނާ ޙިއްޞާ ކުރައްވާފައެވެ. މީގެއިތުރުން އަލްއުސްތާޛު ޢަލީ ޙަމީދު މުޙައްމަދު ރިޝްވަތުގެ ފައިސާ ބޭނުންކޮށްގެން ފްލެޓެއް ގަނެފައިވާކަމުގެ ކިތާބީހެއްކާއި، އަލްއުސްތާޛު ޢަލީ ޙަމީދު މުޙައްމަދުގެ އާއިލާއަށް، ދިވެހިރާއްޖޭގައި ވިޔަފާރި ހިންގަމުން އަންނަ ބޮޑު ކުންފުންޏަކުން 2.4 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ލޯނެއްގެ ގޮތުގައި ދީފައިވާކަން ޔަޤީން ކުރެވިފައިވާކަމުގައިވެސް ފުލުހުން ވަނީ ހާމަކުރައްވާފައެވެ.

ފުލުހުން ހިންގަމުން ގެންދާ ތަހުޤީގުގައި ލިބިފައިވާ ކުރިއެރުންތައް ޙިއްޞާ ކުރައްވަމުން ފުލުހުން ވަނީ، މ. އެންދެރިމާގެއިން ސިއްރުން ނެރެގެން ގެންދިޔަ ކަޅުފޮއްޓެއްގެ ތެރެއިން، މި މައްސަލައިގެ ތަޙުޤީގަށް ބޭނުންވާ އެކިއެކި ހެކިތަކާއި މަޢުލޫމާތު ލިބިފައިވާ ކަމަށާއި، މި ކަޅު ފޮށީގެ ތެރެއިން، ކަނޑައެޅިގެން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމަށް އަޙްމަދު ފާރިސް މައުމޫން މަސައްކަތް ކޮށްފައިވާ ކަމުގެ ކިތާބީހެކި ލިބިފައިވާކަން ފުލުހުން ހާމަކޮށްފައިވެއެވެ. އެގޮތުން މިކަޅުފޮށި ފެނިފައިވަނީ އެންދެރިމާގެއާ އަދި އަލްއުސްތާޛް މަޢުމޫން ޢަބްދުލްޤައްޔޫމްގެ އަރިހުގައި މަސައްކަތްކުރާ، މިހާރު ފުލުހުންގެ ހައްޔަރުގައި ހުރި ނަޖުމާގެ ގެއިންކަންވެސް ފުލުހުން ވަނީ ފާހަގަކުރައްވާފައެވެ. މިމައްސަލައިގެ ތަހުޤީގުގައި ތުހުމަތު ކުރެވިފައިވާ ފަރާތްތައް، ރާއްޖެއިން ބޭރުން އަގު ބޮޑެތި ފުލެޓްފަދަ ތަންތަން ގަނެފައިވާކަން ޔަޤީން ކުރެވޭ ކިތާބީހެކި ލިބިފައިވާ ކަމަށްވެސް ފުލުހުން ވަނީ މަޢޫލޫމާތު ދެއްވާފައެވެ.

މި މައްސަލައިގެ ތަހުޤީގުތަކާ ގުޅޭގޮތުން، މި ކަންކަމުގެ ޙަޤީޤަތް އޮޅޭގޮތަށް މީޑިއާގެ ވަޞީލަތްތަކުގައާއި، މީސް މީޑިއާގެ އެކި ވަޞީލަތްތައް ބޭނުންކޮށްގެން މަޢުލޫމާތު ނުފެތުރުމަށް ހުރިހާ ފަރާތްތަކަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި މި މައްސަލައާއި ގުޅިގެން އެއްވެސް ފަރާތަކަށް އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އެފަދަ މަޢުލޫމާތެއް ފުލުހުންނާ ޙިއްޞާ ކުރުމަށާއި، ހަމައެއާއެކު މި މައްސަލާގައި ތުހުމަތު ކުރެވޭ މީހުންގެ، ފަރާތުން މައްސަލައާ ގުޅޭ އެއްވެސް އެއްޗެއް ނުވަތަ މުދަލެއް ނަމަވެސް ފޮރުވުމަށް ދީފައިވާކަމަށް ޝައްކުކުރެވޭނަމަ އެއެއްޗެއް ނުވަތަ އެ މުދަލެއް ފުލުހުންނާ ޙަވާލުކުރުމަށްވެސް ފުލުހުން ވަނީ އެދިވަޑައިގެންފައެވެ.
 

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ބޮޑުތަކުރުފާނު މަގު، މާލެ 20113
ފޯނު: 3323701 ފެކްސް: 3325500