ރާއްޖެ އެއް މިސްރާބަކަށް ދަތުރުކުރުމަށްޓަކައި އެންމެން އަތުކުރި އޮޅާލާ ކަމަރު ބަންނަންޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

ދިވެހިރާއްޖެ އެއް މިސްރާބަކަށް ދަތުރުކުރުމަށްޓަކައި އެންމެން އަތުކުރި އޮޅާލާ ކަމަރު ބަންނަންޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ފަރާތުން އިންތިޒާމުކުރައްވައިގެން މިރޭ ކާނިވާ ސަރަޙައްދުގައި ކުރިއަށްދިޔަ މި ގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަންބަލުން ފާތިމަތު އިބްރާހިމް ވެސް އެމަނިކުފާނުގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

މި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި އެމަނިކުފާނު ދިވެހި މުޖުތަމަޢާ ދޭތެރޭ ދެކިވަޑައިގަންނަވާ ހުވަފެންފުޅަކީ ދިވެހިން ތަހުޒީބީ މުޖުތަމަޢަކަށް ގެންދިޔުންކަމަށާއި، ދިވެހި ރައްޔިތުންނަކީ ތަނަވަސް ހަމަޖެހޭ ދިރިއުޅެއްގައި އުޅޭ ބަޔަކަށް ވުންކަމުގައެވެ.

ރައީސުލްޖުމްހޫރިއްޔާ މިރޭ ދެއްކެވި ވާހަކަފުޅުގައި، ޤައުމުގެ ސިޔާދަތާއި، އިސްތިޤްލާލު ބައިނާޅިން މިނާ މިނުން ދޫކޮށްލަންޖެހޭކަން ދިވެހިންނަށް މި ފަހުގެ ތާރީޚު ދައްކައިދިނީފައިވާކަން ފާހަގަކުރެއްވިއެވެ. އަދި، ދިވެހި ރައްޔިތަކަށްވެ ހުރެ ދިވެހިރާއްޖޭގެ ދާޚިލީ ކަންކަން ނިންމުމަށް ކުލީ ސިފައިންނާއި، ބޭރު މީހުންނަށް ޖާގަދޭން ގޮވާލުމަކީ ޤާނޫނީ ކުށެއްކަމަށާއި، އެކަން އެގޮތަށް ކުރަން އެއްވެސް މީހަކަށް ނުބުނެވޭނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މިހާރުގެ ރާއްޖޭގެ ޙާލަތަށް އަލިއަޅުއްވާލައްވަމުން މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި 1 ފެބުރުވަރީގައި ދިވެހިންނަށް ދިމާވި ހިތްދަތިކަމަކީ ކުރިޔަށް ރޭވިގެން ހިންގި ބޮޑުވެގެންވާ ނުރައްކާތެރި ބަޣާވާތެއްކަމަށާއި، އިދިކޮޅު ފަރާތްތަކުގެ ޢަމަލުތަކުންނާއި ސަލާމަތީ ބާރުތަކުން މިހާތަނަށް ކުރެއްވި ތަހުޤީގުތަކުން އެކަން ވަރަށް ބޮޑަށް ހާމަވެގެން ހިގައްޖެކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި، މިކަން މުޅިން ތަހުޤީގުކޮށް ނިމި މިކަމުގެ ޙަޤީގަތް އާންމުންނާއި ބޭރުގެ ފަރާތްތަކާ ޙިއްޞާ ކުރެވިގެންދާނޭކަމަށާއި، އޭގެ ފަހުން އިދިކޮޅު ފަރާތްތަކާއި ބޭރުގެ ފަރާތްތަކަށް ވެސް މިކަމުގައި ޖަދަލުކުރާނެ ޖާގަ ނޯންނާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
 





ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ބޮޑުތަކުރުފާނު މަގު، މާލެ 20113
ފޯނު: 3323701 ފެކްސް: 3325500