އަޅުގަނޑު ބޭނުންވަނީ ދިވެހި ރައްޔިތުންގެ އިޚްލާސްތެރިކަން - ރައީސުލްޖުމްހޫރިއްޔާ

ބޭނުންފުޅު ވަނީ ދިވެހި ރައްޔިތުންގެ އިޚްލާސްތެރިކަން ކަމަށާއި އެހެން އެއްވެސް އެއްޗެއް ބޭނުންފުޅު ނުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އިން މިރޭ ބޭއްވި ޙަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސިޔާސީ ކަންކަމަށް ވެންނެވީ ރައްޔިތުންނަށް އިތުރުފުޅު ހައްދަވައި ރައްޔިތުންނަށް މަކަރުހައްދަވައި ރައްޔިތުންނަށް ގެއްލުންދެއްވައި ދިވެހިރާއްޖޭގައި ހުރި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރައްވަން ނޫންކަމަށް ވިދާޅުވެ، އެމަނިކުފާނު ވަޑައިގެންނެވީ އިޚްލާސްތެރި ހިތަކާއެކުގައި ކަމަށާއި، އަދިވެސް ހުންނެވީ އިޚްލާސްތެރިކަންމަތީގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެއްވެސް މީހަކު އެމީހަކަށް ނޭދޭ ހިތްދަތިކަމެއް އަނެކާއަށް އެދޭކަށްނުވާނެ ކަމަށާއި، އެއްވެސް މީހަކު އެމީހަކަށް މެދުވެރިވާން ނޭދޭ ބަދުނަސީބެއް އެހެން މީހަކަށް އެދޭކަށް ނުވާނެ ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"މަގޭ ދީނާ ނުތޮޅޭށޭ، މަގޭ ވަޠަނާ ނުތޮޅޭށޭ" މިއަޒުމުގައި އަޅުގަނޑުމެން ހަމަ ކޮންމެ މީހަކު ވެސް ސާބިތުކަމާއެކީ ތިބެންވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބާ ހަމައަށް ދިއުމާ ދޭތެރޭ މިއޮތް ދުވަސްތަކުގައި ދިވެހިރާއްޖެ އިތުރު ނުރައްކަލުގެ ޙާލަތަކަށް ހުށަނޭޅުމަށް ރައީސުލްޖުމްހޫރިއްޔާ މިރޭ ވަނީ އިލްތިމާސް ކުރައްވާފައެވެ. މިފަދަ ކޮންމެ ނުރައްކާތެރި ހާލަތެއްގައި އޭގެ ނާޖާއިޒު ފައިދާ ނަގަން ބޭރުގެ އެކި ފަރާތްތަކުން ޖާގަ ހުޅުވާލެވޭކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
 

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ބޮޑުތަކުރުފާނު މަގު، މާލެ 20113
ފޯނު: 3323701 ފެކްސް: 3325500