ވީޑިއޯ



ރައީސުލްޖުމްހޫރިއްޔާ ދިވެހި ޤައުމާ މުޚާތަބު ކުރެއްވުން

ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކުރެއްވުމާއި ގުޅިގެން މިވަގުތު ޤައުމު އޮތް ހާލަތު ރައީސުލްޖުމްހޫރިއްޔާ ބަޔާންކޮށްދެއްވައިފި

ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކުރެއްވުމާއި ގުޅިގެން މި ވަގުތު ދިވެހިރާއްޖެ އޮތް ހާލަތު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް ދިވެހި ރައްޔިތުންނަށް ބަޔާންކޮށްދެއްވައިފިއެވެ. އެމަނިކުފާނު މިކަން ބަޔާންކޮށްދެއްވާ ވާހަކަފުޅުދެއްކެވީ މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުކުރެއްވުމެއްގައެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނާ މުޙާތަބުކުރައްވަމުން ރައީސުލްޖުމްހުރިއްޔާ ވިދާޅުވީ މި ވަގުތު ކުއްލި ހާލަތު ޤައުމުގައި އޮތްނަމަވެސް، އެއްވެސް ހާލެއްގައި ކާފިއު އިއުލާން ނުކުރައްވާކަމަށާއި، މިހާރުވެސް ހަމަ ކުރިއެކޭއެއްގޮތަށް ޤައުމުގައި ކުރަމުންއައި އެއްވެސް ކަމެއް ހުއްޓުމަކަށް އައިސްފައި ނުވާކަމަށެވެ. މީގެ އިތުރުން ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކުރެއްވި ނަމަވެސް ޤައުމުގެ އާންމު ހާލަތަށް އެއްވެސް ބަދަލެއް ނާއްނާނެކަމަށާއި ވިޔަފާރިތަކާ، ދަތުރުފަތުރު ކުރުމަށް އެއްވެސް ބަދަލެއް ނާންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރައްވަން ޖެހިވަޑައިގެންނެވި އެންމެ ބޮޑު ސަބަބަކީ މި ވަގުތު ދިވެހިރާއްޖޭގެ ޤައުމީ ހާލަތު އޮތް ގޮތުންނާއި މިދިޔަ ފެބުރުވަރީ މަހުގެ 1 ވަނަ ދުވަހު ސްޕްރީމް ކޯޓުން ނެރުނު އަމުރަކާ ގުޅިގެން ދިވެހި ދައުލަތް ހިންގެވުމަށް ދަތި ތަކެއްކުރިމަތިވާން ފެށުމުންކަމުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް ވިދާޅުވިއެވެ. އަދި މިކަން ކުރެވިގެން ދިޔައީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ 115 ވަނަ މާއްދާގައި ވާގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ބަޔާނުގައި ސްޕްރީމް ކޯޓުގެ އަމުރަކީ އެކި އެކި މައްސަލަތަކުގައި ބަންދުވެފައި އަދި ހުކުމް ތަންފީޒުކޮށް ނިމިފައި ތިބި 9 މީހަކު ދޫކޮށްލުންކަން ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ބަޔާނުގައި އެމަނިކުފާނު އެތައްފަހަރަކު ސްޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ގުޅުއްވައިގެން މި މައްސަލަތައް ހައްލުކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވާފައިވާކަން ވެސް ހާމަ ކުރެއްވެވިއެވެ. މީގެއިތުރުން އެ މަނިކުފާނުވަނީ ސްޕްރީމް ކޯޓަށް މި މައްސަލައިގެ ހައްސާސްކަން ހާމަކޮށްދެއްވަން މަސައްކަތް ކުރައްވާފައިވާކަން ހާމަ ކުރައްވާފައެވެ. އަދި ސްޕްރީމް ކޯޓުން ނެރުނު އަމުރުގައި ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްސަލައެއް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނުބެލެވޭނެކަމަށް އޮތް މައްސަލަ ރައީސުލްޖުމްހޫރިއްޔާގެ ބަޔާނުގައި ފާހަގަކުރެއްވިއެވެ. މި އަމުރުގެ ސަބަބުން އެ ކޮމިޝަނަށް ޤާނޫނު އަސާސީގެ 157ވަނަ މާއްދާއިން ލިބިދޭ ހައްޤުތައް ގެއްލިގެންދާކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެންމެހާ ދިވެހި ރައްޔިތުން މި ދަނޑިވަޅުގައި ކެތްތެރިވުމަށް އިލްތިމާސް ކުރެއްވެވިއެވެ. އަދި މި ވަގުތު ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކުރެއްވީ ދިވެހި އެންމްހާ ރައްޔިތުންގެ ހިމާޔަތުގައިކަންވެސް އެމަނިކުފާން ފާހަގަކުރެއްވެވިއެވެ.

 





ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ބޮޑުތަކުރުފާނު މަގު، މާލެ 20113
ފޯނު: 3323701 ފެކްސް: 3325500