ރައީސުލްޖުމްހޫރިއްޔާ މީލާދީ އާ އަހަރުގެ ތަހުނިޔާ ބޭރު ޤައުމުތަކުގެ އިސްވެރިންނަށް ފޮނުއްވައިފި

މީލާދީ އާ އަހަރު ފެށުމާއިއެކު، އާ އަހަރުގެ ތަހުނިޔާއާއި ހެޔޮއެދުންތަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އަދި‏‏‏ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަމިއްލަ ނަންފުޅުގައި ބޭރު ޤައުމުތަކުގެ އިސް ވެރިންނަށާއި ސަރުކާރުތަކަށް ފޮނުއްވައިފިއެވެ.

މީލާދީ އާ އަހަރުގެ މުނާސަބަތުގައި‏ ރައީސުލްޖުމްހޫރިއްޔާ ވަކިވަކިން މިފޮނުއްވި ތަޙުނިޔާގެ މެސެޖުގައި، މިފެށޭ އާ އަހަރަކީ ދުޅަހެޔޮ، އުފާފާގަތި، ކާމިޔާބު އަހަރަކަށްވުމަށް އެދިވަޑައިގަންނަވާކަމުގައި ވިދާޅުވެފައިވެއެވެ.

‏‏‏ރައީސުލްޖުމްހޫރިއްޔާ ވަނީ އާ އަހަރުގެ ތަހުނިޔާގެ މެސެޖު ދުނިޔޭގެ ބޮޑެތި ޖަމުޢިއްޔާތަކުގެ ވެރިންނަށް ވެސް ފޮނުއްވާފައެވެ. މީގެ ތެރޭގައި، ޔުނައިޓެޑް ނޭޝަންސްއާއި، ސާކްއާއި، ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަނާއި، އިންޓަރނޭޝަނަލް މަނިޓަރީ ފަންޑާއި، އޭޝިޔަން ޑިވެލޮޕްމަންޓް ބޭންކް ފަދަ ޖަމުޢިއްޔާތައް ހިމެނެއެވެ.

މީގެ އިތުރުން، ބޭރު ޤައުމުތަކުގެ ބައެއް އިސްވެރިން ވެސް ގެންދަވަނީ މީލާދީ އާ އަހަރުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ރައީސުލްޖުމްހޫރިއްޔާއަށާއި، ދިވެހި ސަރުކާރާއި ރައްޔިތުނަށް ވެސް އަރިސްކުރައްވަމުންނެވެ.
 





ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ބޮޑުތަކުރުފާނު މަގު، މާލެ 20113
ފޯނު: 3323701 ފެކްސް: 3325500