އިސްލާމްދީން ހިމާޔަތްކުރުމަކީ ކޮންމެ މީހަކުވެސް ފަރުދީގޮތުން ކުރަންޖެހޭކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

ދިވެހިންގެ ނަސީބަކީ ރާއްޖޭގައި ތާއަބަދަށް އިސްލާމްދީން އޮންނަ އޮތުންކަމަށާއި، އިސްލާމްދީން ހިމާޔަތްކުރުމަކީ ފަރުދީގޮތުން ކޮންމެ މީހަކު ވެސް ކުރަންޖެހޭ ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

މިއަދު ހެނދުނު މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫއަށް ވަޑައިގެން އެރަށުގެ ބަނދަރު ހުޅުއްވައިދެއްވާ އެރަށު ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢު ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށްފަހު، އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި ގޮނޑުދޮށާއިކާރީގައި މީހުން ދިރިއުޅޭ ރަށްރަށުގެ ގިރަމުންދާ ސަރަހައްދުތައް ހިމާޔަތްކުރުމަށާއި މިފަދަ ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ލިބެމުންދާ މާއްދީ ގެއްލުންތަކާއި ނަފްސާނީ ގެއްލުންތަކަށް ހައްލެއް ހޯއްދަވައިދެއްވުމަކީ މި ސަރުކާރުން ވަރަށް އިސްކަންދޭ ކަމެއްކަމަށެވެ. އެގޮތުން ކުރިން އެކަން ކުރައްވަމުން ގެންދެވި އުޞޫލު ބަދަލުކުރައްވައި މިސަރުކާރުން އެމަސައްކަތް މިހާރު ކުރިއަށް ގެންދަވަނީ އެންމެ ނާޒުކު ރަށްތަކަށް އިސްކަންދެއްވައިގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ދަޢުލަތާއި ބެހޭގޮތުން އިދިކޮޅު ފަރާތްތަކުން ބޭރު ދުނިޔޭގައި ދައްކަމުން ގެންދާ ނޭދެވޭ ވާހަކަތަކަކީ ޤައުމީ ޙައްޤަކަށް އަރައިގަތުން ކަމުގައި ސިފަކުރައްވައި، މުޅި ޤައުމުގެ ޙައްޤަށްވުރެ ވަކި ވަކި މީހުންގެ ފަރުދީ ޙައްޤު ބޮޑުނުވާނޭކަމުގައި ވިދާޅުވެފައެވެ.

މިމޭރުމުން ވާހަކަފުޅު ކުރިޔަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެއްވެސް ދަޢުލަތަކުން އެ ދަޢުލަތެއްގެ ދާޚިލީ ކަންކަމާ ބެހުމަށް އެހެން ދަޢުލަތަކަށް ޖާގާނުދޭނޭކަމަށް ވިދާޅުވެ، ރާއްޖޭގެ ދާޚިލީކަންކަމުގައި ބޭރުގެ ނުފޫޒު ފޯރުވަން ބައެއް ދިވެހިން ކުރާ މަސައްކަތް ކުށްވެރިކުރައްވައި އެކަމަށް ޖާގަނުދެއްވޭނެ ކަމުގައި ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރާއްޖޭގެ އިޖްތިމާޢީ މައްސަލަތަކަށާއި، ރާއްޖޭގެ އެކި ހިސާބު ތަކުގެ ތަރައްޤީއަށް މި ސަރުކާރުން ކުރައްވަމުންގެންދަވާ ބައެއް މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިލަދުންމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށާއި، ފާދިއްޕޮޅު ހިންނަވަރަށާއި، މާޅޮސްމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށް ކުރެއްވި ތިން ދުވަހުގެ މިދަތުރުފުޅުގައި ޖުމްލަ އަށް ރަށަށް ޒިޔާރަތް ކުރައްވާފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ މިރަށްތަކުގައި ސަރުކާރުން ކުރިއަށް ގެންދަވާ ބައެއް މަޝްރޫޢުތައް ފައްޓަވައި ދެއްވުމާއެކު، ބައެއް މަޝްރޫޢުތަކުގެ ނިންމުން ފާހަގަ ކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި އެރަށްރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާފައެވެ.

 

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ބޮޑުތަކުރުފާނު މަގު، މާލެ 20113
ފޯނު: 3323701 ފެކްސް: 3325500