ރައީސުލްޖުމްހޫރިއްޔާ ބ. ކެންދޫއަށް ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫއަށް މިއަދު މެންދުރުފަހު ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ކެންދޫއަށް ފައިބާވަޑައިގެންނެވުމާއެކު އެރަށު ރައްޔިތުންގެ ފަރާތުން ވަރަށް ހޫނު މަރުޙަބާއެއް އެމަނިކުފާނަށް ދެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ކެންދޫއަށް ވަޑައިގެންނެވީ އެމަނިކުފާނު، މިލަދުންމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށާއި، ފާދިއްޕޮޅު ހިންނަވަރަށާއި، މާޅޮސްމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގެ ތެރޭގައި ހިމެނިގެންނެވެ. މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ކެންދޫ ބަނދަރު ހުޅުއްވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާ ކެންދޫއަށް ވަޑައިގެންނެވުމުގެ ކުރިން މިއަދު ހެނދުނު ޅ. ހިންނަވަރަށް ވަޑައިގެން އެރަށުގައި ޤާއިމްކޮށްފައިވާ ރައްކާތެރި ބޯފެނުގެ ނިޒާމް އިފްތިތާޙްކޮށްދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިއްޔެ ހެނދުނު ފެއްޓެވި 3 ދުވަހުގެ މިދަތުރުފުޅުގައި އިއްޔެ ވަނީ މިލަދުންމަޑުލު ދެކުނުބުރީ މާޅެންދޫއަށާއި، ހެނބަދޫއަށާއި، ހޮޅުދޫ އަދި ވެލިދޫއަށް ޒިޔާރާތް ކުރައްވާފައެވެ. އިއްޔެ ޒިޔާރަތް ކުރެއްވި ރަށްތަކުގެ ތެރެއިން މާޅެންދޫގެ ބަނދަރާއި އެރަށު މިސްކިތް ހުޅުއްވައިދެއްވައި ހެނބަދޫގެ ނަރުދަމާ ނިޒާމުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވައި، ހޮޅުދޫ އަދި ވެލިދޫގެ ބަނދަރު ހުޅުއްވައިދެއްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، މިއަދާއި، މާދަމާ ވަޑައިގަތުމަށް ހަމަޖެހިފައިވާ ރަށްތަކުގައި ވެސް ސަރުކާރުން ކުރިއަށް ގެންދަވާ ބައެއް މަޝްރޫޢުތައް ފައްޓަވައި ދެއްވުމާއެކު، ބައެއް މަޝްރޫޢުތަކުގެ ނިންމުން ފާހަގަ ކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

 

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ބޮޑުތަކުރުފާނު މަގު، މާލެ 20113
ފޯނު: 3323701 ފެކްސް: 3325500