އަންނަ އަހަރު އޮގަސްޓު މަސް ނިމުމުގެ ކުރިން ކުޅުދުއްފުށީ އެއާޕޯޓުގައި ފްލައިޓު ޖައްސާނެ- ރައީސުލްޖުމްހޫރިއްޔާ

އެއާޕޯޓަކީ އިޤްތިޞާދެއްގެ މައި ބަދަކަމަށާއި، އަންނަ އަހަރު އޮގަސްޓު މަސް ނިމުމުގެ ކުރިން ކުޅުދުއްފުށީ އެއާޕޯޓުގައި ފްލައިޓު ޖައްސާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އިން މިރޭ ކުޅުދުއްފުށީގައި ބޭއްވި ޙަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މި ސަރުކާރުގެ އިޚްލާސްތެރިކަމުގެ ނަތީޖާއަކީ މީގެ ކުރިން ނުވާނެއޭ ބުނި އެތައް ކަމެއް މިއަދު ކުރަމުންދާތަން ފެނިގެންދިޔުންކަމަށާއި، ކޮންމެ މީހަކީވެސް އިޚްލާސްތެރިކަމާއެކު އެމީހަކު ބޭނުން އަޒުމެއްގައި އެމީހަކު ޤަބޫލުކުރާ މިސްރާބަކަށް މަސައްކަތްކުރަން ކެރޭ މީހަކަށް ވާންޖެހޭނެ ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއަކީ އަޅުގަނޑުމެން ތަނަވަސްކުރަން ބޭނުން މިންވަރަކަށް ތަނަވަސް ކުރެވޭނެ ޤައުމެއްކަމަށާއި، ބޮޑު ތިލަދުންމަތީ މައި ގޭޓު ހުޅުވުމުން ފަތުރުވެރިކަން އިތުރަށް ފުޅާވެ، މިކަމުގެ ސަބަބުން އެ ސަރަޙައްދަށް އިތުރު މުއްސަނދިކަމެއް އަންނާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވިގޮތުގައި ތަފާސް ހިސާބުތައް ދައްކާގޮތުން ކުރިޔަށް އޮތް ތާނގައި ކުޅުދުއްފުށި ސަރަޙައްދުގައި ފަތުރުވެރިކަމަށް 1500 އެނދު ތަރައްޤީ ކުރެވިގެންދާނެ ކަމަށާއި، މިކަމުގެ ސަބަބުން މި ސަރަޙައްދުގައި ސާޅީސް ހާހެއްހާ ވަޒީފާ އިތުރަށް އުފެދޭނެކަން ފާހަގަކުރެއްވިއެވެ.

 

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ބޮޑުތަކުރުފާނު މަގު، މާލެ 20113
ފޯނު: 3323701 ފެކްސް: 3325500