އެންމެފަހުގެ ޚަބަރުތައް


އެންމެ އިސްކަންދޭން ޖެހޭނީ ޤައުމުގައި ހަމަޖެހުން ޤާއިމްކުރުމަށްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

ޤައުމުގެ ސުލްޙައާއި ހަމަޖެހުމާއި ޤައުމުދެކެ ލޯބިވުމުގެ ކުރިޔަށް އެއްވެސް ކަމެއް ނާންނާނެކަމަށާއި، ހުރިހާކަމަކަށްވުރެ އެންމެ ބޮޑު އިސްކަމެއްދޭން ޖެހޭނީ ޤައުމުގައި ހަމަޖެހުން ޤާއިމްކުރުމަށްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ރާއްޖޭގެ އިސް ރަށްވެހިންނާ ބައްދަލުކުރެއްވުމަށް ރޭ ރަސްފަންނުގައި ބޭއްވެވި ބައަދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހިރާއްޖޭގެ ރަންއަހަރުތަކުގެ ފަޚުރުވެރި ޝަރަފުވެރި ބޭފުޅުންނަކީ އިސްރަށްވެހިންކަމަށެވެ. އިސްރަށްވެހިން ޤައުމަށް ކޮށްދެއްވާފައިވާ، މަތިވެރި ޚިދުމަތްތަކާއި ބުރަ މަސައްކަތްތަކުގެ އަގު ވަޒަންކުރައްވާކަމަށް ވިދާޅުވެ އެބޭފުޅުންނަށް ވަރަށް އިޚްލާސްތެރިކަމާއެކު ރައީސުލްޖުމްހޫރިއްޔާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

އެމަނިކުފާނު ސިފަކުރައްވާފައިވާގޮތުގައި އިސްރަށްވެހިންގެ ކޮންމެ ބޭފުޅަކީ ޚަޒާނާއެއްކަމަށާއި، އަޅުގަނޑުމެންގެ ޖީލުތަކުގެ މެދުގައި ޤައުމިއްޔަތާއި، ދިވެހިވަންތަ ސިފަތައް އަށަގަންނަވާ ދެއްވާފައިވަނީ ރާއްޖޭގެ އިސްރަށްވެހިންކަން ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި ޤައުމު ބިނާކުރާވަރުގެ ވަރުގަދަ ޖީލެއް މުޑުވަށްކުރީ އިސްރަށްވެހިންކަމަށާއި، މިއަދުގެ ޒުވާން ޖީލުތަކަކީ ތަޢުލީމީ ރޮނގުން ބަލާއިރު މާކުރީގައި ތިބި ބަޔަކަށް ވިޔަސް އިސްރަށްވެހިންނަކީ ތަޖުރިބާގެ ގޮތުން ބަލާއިރު މާކުރީގައި އުޅުއްވާ ބައެއްކަމަށެވެ. މީގެ އިތުރުން އެމަނިކުފާނުވަނީ ޤައުމު ބިނާކުރުމުގައި އިސްރަށްވެހިންގެ ދައުރުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވާފައެވެ.

 

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ބޮޑުތަކުރުފާނު މަގު، މާލެ 20113
ފޯނު: 3323701 ފެކްސް: 3325500