މިނިސްޓަރ އޮފް ސްޓޭޓްގެ މަޤާމަށް ޑޮކްޓަރ ފަޟީލް ނަޖީބު ޢައްޔަނު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، މިނިސްޓަރ އޮފް ސްޓޭޓްގެ މަޤާމަށް މާފަންނު ފަށަލަ ޑޮކްޓަރ ފަޟީލް ނަޖީބް ޢައްޔަނު ކުރައްވައިފިއެވެ.

20 ސެޕްޓެންބަރު 2017 ގައި މިނިސްޓަރ އޮފް ސްޓޭޓްގެ މަޤާމަށް އައްޔަނު ކުރެއްވި ޑޮކްޓަރ ފަޟީލް ނަޖީބް މަސައްކަތް ކުރައްވާނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ގައެވެ. ޑޮކްޓަރ ފަޟީލް ނަޖީބް ވަނީ މީގެ ކުރިން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރނަރގެ މަގާމު ވެސް އަދާ ކުރައްވާފައެވެ. އެ މަޤާމު 5 އަހަރުދުވަހު އޭނާ ފުރުއްވާފައިވެއެވެ.

ޑޮކްޓަރ ފަޟީލް ނަޖީބަކީ 1987 ވަނަ އަހަރުން ފެށިގެން 2004 ވަނަ އަހަރާ ހަމައަށް ޓްރޭޑް މިނިސްޓްރީގައި އެކި ފެންވަރުގެ މަޤާމުތައް ފުރުއްވައި، ރާއްޖޭގެ ވިޔަފާރީގެ ދާއިރާއަށް އަގުހުރި ޚިދުމަތްތަކެއް ކުރައްވަމުން ގެންދަވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. ޚާއްޞަކޮށް، ބޭރުގެ ވިޔަފާރިވެރިންގެ ކަންކަން ބެލެހެއްޓެވުމުގައި، ޓްރޭޑް މިނިސްޓްރީގެ އިންވެސްޓްމަންޓާއި، އިންޓަނޭޝަނަލް ކޯޕަރޭޝަން ބައިގައި ވަރަށް ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވެއެވެ. މިގޮތުން، އެ މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރ، އިންވެސްޓްމަންޓްސްގެ މަޤާމާއި، ޑެޕިޔުޓީ ޑިރެކްޓަރ، އިންޓަނޭޝަނަލް ކޯޕަރޭޝަންގެ މަޤާމާއި، ޑިރެކްޓަރ، އިންޓަނޭޝަނަލް ކޯޕަރޭޝަންގެ މަޤާމުވެސް އޭނާ ފުރުއްވާފައިވެއެވެ.

ޑޮކްޓަރ ފަޟީލް ނަޖީބަކީ އިނގިރޭސިވިލާތުން އިންޓަރނޭޝަނަލް ބިޒްނަސް ލޯ އިން މާސްޓަރސް ޑިގްރީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

 





ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ބޮޑުތަކުރުފާނު މަގު، މާލެ 20113
ފޯނު: 3323701 ފެކްސް: 3325500