ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް އަލުން ފެށުމަށް ދެއްވި ދައުވަތަށް އެއްވެސް ފަރާތަކުން އިޖާބަ ދެއްވާފައި ނުވާ ކަމުގައި ޑޮކްޓަރ ޝައިނީ ވިދާޅުވެއްޖެ

މެދުކެނޑިފައިވާ ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް އަލުން ފެށުމަށް ސިޔާސީ ޕާޓީތަކަށް ސަރުކާރުން ދެއްވި ދައުވަތަށް އެއްވެސް ފަރާތަކުން އިޖާބަ ދެއްވާފައި ނުވާ ކަމުގައި ސަރުކާރުގެ ފަރާތުން މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަންނަވާ އިސްމަންދޫބު، މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑޮކްޓަރ މުޙަންމަދު ޝައިނީ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޑޮކްޓަރ ޝައިނީ ވިދާޅުވީ 2015 ވަނަ އަހަރުން ފެށިގެން ސިޔާސީ ޕާޓީތަކުގެ މަޝްވަރާއަށް ސަރުކާރުން ހުޅުއްވާލައްވާފައިވާ ފުރުސަތު ބަންދު ނުވާ ކަމަށާއި ސިޔާސީ ފަރާތްތަކުން ބުނާ ފަދަ އިސްލާހީ މަސައްކަތްތަކެއް ސަރުކާރާއެކު ކުރަން ހުރި ނަމަ ނުވަތަ ރައްޔިތުންނަށް ފައިދާހުރި ކަންތައްތަކެއްގައި ސަރުކާރުން އިސްލާހު ކުރަންޖެހޭ ކަންތައްތަކެއް ހުރިނަމަ އެކަންކަން ހުށައަޅައިގެން އެކަންކަމާމެދު މަޝްވަރާ ކުރުމުގެ ފުރުސަތު އަދިވެސް ހުޅުވިފައިވާ ކަމުގައި ޑޮކްޓަރ ޝައިނީ ވިދާޅުވިއެވެ. ޑޮކްޓަރ ޝައިނީ އިތުރަށް ވިދާޅުވީ ސަރުކާރުން ހުޅުއްވާލައްވާފައިވާ މިފުރުސަތަކީ ޤައުމުގެ ވަލިއްޔުލްއަމުރުގެ ހައިސިއްޔަތުން އެކި ސިޔާސީ ފިކުރުގެ ބޭފުޅުންނާ މަޝްވަރާ ކުރައްވަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ގަބޫލުފުޅު ކުރައްވާތީ ރައީސުލްޖުމްހޫރިއްޔާ އިސްނަންގަވައިގެން ފައްޓަވާފައިވާ މަސައްކަތެއް ކަމަށެވެ.

މިނިސްޓަރ ޝައިނީ ވިދާޅުވީ ޚިޔާލު ތަފާތުވާ ކަންތައްތަކެއް ހުރި ކަމަށްވާނަމަ އެކަންތައްތަކަކީ ކޮބައިކަން ދެފަރާތަށް ދެނެގަނެވޭނީ ދެފަރާތުން އެކުގައި އިށީނދެ މަޝްވަރާ ކުރެވިގެންނެވެ. އަދި އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ފަދަ ޤާނޫނާ ޤަވާޢިދާ ޚިލާފު އެއްވެސް ކަމެއް ސަރުކާރުން ނުކުރާ ކަމުގައިވެސް ޑޮކްޓަރ ޝައިނީ ވިދާޅުވިއެވެ. އިދިކޮޅު ފަރާތްތަކުން ސަރުކާރާމެދު ކުރާ ތުހުމަތުތަކަށް ރައްދު ދެއްވަމުން ޑޮކްޓަރ ޝައިނީ ވިދާޅުވީ މި ސަރުކާރަކުން ޤާނޫނީ ހަމަތަކުގެ ބޭރުން އެއްވެސް ފަރާތަކާ ދޭތެރޭގައި ޢަމަލުކުރައްވާފައި ނުވާނެ ކަމުގެ ޔަޤީންކަން ދިވެހި ރައްޔިތުންނަށް ދެއްވާކަމަށެވެ. މީޑިޔާތަކުގައާއި އެކިއެކި ބަޔާންތައް ނެރުއްވައިގެން ސިޔާސީ ވާހަކަތައް ދެއްކެވުމުގެ ބަދަލުގައި ރަސްމީ ހައިސިއްޔަތެއްގައި ސިޔާސީ ވާހަކަތައް ދައްކައި މަޝްވަރާކުރުމަކީ ހުރިހާ ގައުމުތަކުގައިވެސް އެކަން ކުރާ ގޮތްކަމަށާއި، ހަމައެކަނި މީޑިޔާތަކުގައި ދައްކާ ސިޔާސީ ވާހަކަތަކަށް ސަރުކާރުން އަމަލު ނުކުރައްވާނެ ކަމުގައިވެސް ސަރުކާރުގެ ފަރާތުން މަޝްވަރާތަކުގައި ބައިވެރިވެ ވަޑައިގަންނަވާ އިސްމަންދޫބު ވިދާޅުވިއެވެ.

ޑޮކްޓަރ ޝައިނީ މިއަދުވެސް ވިދާޅުވީ މި މަޝްވަރާތައް ވާންޖެހޭނީ ވަކިވަކި ފަރުދުންގެ މަސްލަހަތު ހިމެނޭ ކަންކަމުގައި މަޝްވަރާ ކުރުމުގެ ބަދަލުގައި ޤައުމީ މަސްލަޙަތު ހިމެނޭ ކަންކަމުގައި މަޝްވަރާ ކުރެވޭ ބައްދަލުވުންތަކަކަށް ކަމަށެވެ. އެހެންކަމުން އެފަދަ ޝަރުޠުތަކަކާ ނުލައި އިދިކޮޅު ފަރާތްތަކުން ގަބޫލުކުރާ އިސްލާހު ކުރަންޖެހޭ ކަންކަމާމެދު މަޝްވަރާކުރަން ވަޑައިގެންނެވުމަށް ތަކުރާރުކޮށް ޑޮކްޓަރ ޝައިނީ ގޮވާލެއްވިއެވެ.

2015 ވަނަ އަހަރު ސަރުކާރުން އިސްނަންގަވައިގެން ފެއްޓެވި ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް އަލުން ފެށުމަށް ސަރުކާރުން އެންމެ ފަހުން ސިޔާސީ ފަރާތްތަކަށް ދަޢުވަތު ދެއްވީ ހުސްވި އޯގަސްޓް މަހުގެ 30 ވަނަ ދުވަހުއެވެ.

ސަރުކާރުން ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް އަލުން މަސައްކަތް ފެއްޓެވީ އިދިކޮޅުފަރާތްތަކުން އިސްލާހީ ބަދަލުތަކެއްގެ ވާހަކަ ދައްކަވައި އެކި ވަސީލަތްތައް މެދުވެރިކޮށް އެކަމަށް ގޮވާލައްވަމުން ގެންދަވާތީ، މިފަދަ ފުރުސަތަކަށް ޕާޓީތަކުން ތައްޔާރަށް ތިބިކަމަށް ސަރުކާރަށް ގަބޫލުކުރެއްވޭތީއެވެ.

 

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ބޮޑުތަކުރުފާނު މަގު، މާލެ 20113
ފޯނު: 3323701 ފެކްސް: 3325500