ވީޑިއޯބަންގްލަދޭޝް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރެއްވުން

ބަންގްލަދޭޝް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

ބަންގްލަދޭޝް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލަންސީ ރިއަރ އެޑްމިރަލް އަޚްތަރު ޙަބީބު، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢަބްދުﷲ ޖިހާދުގެ އަރިހަށް މިއަދު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ބަންގްލަދޭޝްގެ ފަރާތުން ރާއްޖޭގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް ވެދެއްވާ އެހީތެރިކަމަށް ޝުކުރުއަދާކުރެއްވިއެވެ. އަދި އެމަނިކުފާނުގެ ވާހަކަފުޅުގައި، ރާއްޖެއާއި ބަންގްލަދޭޝާ ދެމެދުގައިވާ ޚާރިޖީ ގުޅުމަށް 39 އަހަރު މިއަހަރު ފުރޭތީއާއެކު އެކަން ފާހަގަކުރައްވާ، ކުރިއަށްއޮތް ތަނުގައިވެސް މި ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާކަމުގައި ވިދާޅުވިއެވެ.

ބަންގްލަދޭޝްގެ ސަފީރުގެ ވާހަކަފުޅުގައި އެމަނިކުފާނަށް ކީ ހޫނު މަރުޚަބާއަށް ޝުކުރުއަދާކުރައްވާކަމަށާއި، ބަންގްލަދޭޝްގެ ބޮޑުވަޒީރުގެ ހެޔޮއެދުންތައް އަރިސްކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި، ބަންގްލަދޭޝްގެ ސަފީރު ވަނީ ދެޤައުމުގެ ދެމެދުގައިވާ ގުޅުން ޚާއްޞަކޮށް ވިޔަފާރީގެ ދާއިރާއިން އިތުރަށް ބަދަހިކުރެއްވުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި، ‏‏ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން ރިލޭޝަންސް މުޙައްމަދު ނަޞީރާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ސެކްރެޓަރީ، ބައިލެޓަރަލް އަލްފާޟިލް އަޙްމަދު ޚަލީލް ބައިވެރިވެވަޑައިގެންނެވިއެވެ.

 

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ބޮޑުތަކުރުފާނު މަގު، މާލެ 20113
ފޯނު: 3323701 ފެކްސް: 3325500