އެންމެފަހުގެ ޚަބަރުތައް


ޢަޒުމަކީ ރައްޔިތުން ހިތްހަމަޖެހޭވަރަށް ރާއްޖެ ތަރައްޤީ ކުރުމުގެ މަސައްކަތުގައި މަޝްޢޫލުވެވަޑައިގެންނެވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

ޢަޒުމަކީ ރައްޔިތުންނަށް، އުފާ ފާގަތި ތަނަވަސްކަން ގެނެސްދެއްވައި، ރައްޔިތުން ހިތްހަމަޖެހޭވަރަށް ރާއްޖެ ތަރައްޤީ ކުރުމުގެ މަސައްކަތުގައި މަޝްޢޫލުވެވަޑައިގެންނެވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އިން މިރޭ ބޭއްވި ޙަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެމަނިކުފާނުގެ މިހިނގާ ވެރިކަމުގެ ދައުރުގައި ރާއްޖެއަށް އެކި ދާއިރާތަކުން ތަރައްގީ ގެނައުމަށް ކުރައްވަމުން ގެންދަވާ މަސައްކަތް ތަކަށް އަލިއަޅުއްވައި ލައްވައި މުހިންމު މަސައްކަތް ތަކުގެ ތަފުސީލު ހާމަކުރެއްވިއެވެ. އެގޮތުން ރާއްޖޭގެ ތައުލީމީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނެވިފައިވާކަން ހާމަކުރައްވަމުން މި އަންނަ އަހަރުގެ ދިރާސީ އަހަރު ފެށިގެންދާނީ އިންޤިލާބީ ބަދަލުތަކަކާއި އެކުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގެ ތައުލީމީ ނިޒާމަށް ގެނެވިފައިވާ ބޮޑެތި ބަދަލުތަކުގެ މައްޗަށް ބައްލަވާލައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ މިސަރުކާރުގެ ތައުލީމީ މުގައްރަރު ބައްޓަން ކުރެވިފައިވަނީ އެއްވެސް ކުއްޖަކު ތައުލީމީ ނިޒާމުގެ ތެރެއިން ބާކީ ނުވާގޮތަށް ކަމަށެވެ. އަދި، ކިޔަވާ ދަރިވަރުންގެ ފެންވަރު މައްޗަށް ގެންދެވޭނީ ކުދިންނަށް ކިޔަވައިދޭ މުދައްރިސުންގެ ފެންވަރު މަތިކުރެވިގެންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިމޭރުމުން ވާހަކަފުޅު ދައްކަވަމުން، ސަރުކާރުން މަސައްކަތް ކުރައްވަނީ މި ދައުރު ނިމުމުގެ ކުރިން ހުރިހާ މުދައްރިސުންނަކީވެސް ޑިގްރީ ފެންވަރަށް ކިޔަވައިގެން ތިބި މުދައްރިސުންނަށް ހެދުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މަސްވެރިންނަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް ހާމަކުރައްވަމުން، މި އަހަރުގެ ނިޔަލަށް މިމައްސަލަ ތަކަށް ހައްލު ހޯއްދަވައި ދެއްވާނެ ކަމުގައި ވިދާޅުވިއެވެ.

ރާއްޖޭގެ ޞިއްޙީ ދާއިރާއިން ފެނިގެންދާނެ ބޮޑެތި ތަރައްގީތަކަށް ބައްލަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، މި އަންނަ އަހަރުގެ މެދެއްހާ ތަނުގައި ހުޅުވިގެންދާ 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލަކީ ރާއްޖޭގައި މީގެ ކުރީގައި ދުވަހަކުވެސް ނުފެންނަ ފަދަ ވަރުގަދަ ކުރިއެރުން ހުރި، ޞިއްޙީ ޚިދުމަތް ތަކެއް ދެވޭ ތަނަކަށް ވެގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިގޮތުން، މި ހޮސްޕިޓަލުން ލިބޭ ޚިދުމަތްތަކުގެ ތެރޭގައި އެންމެ މި ޒަމާނުގެ ވަސީލަތްތައް ބޭނުންކޮށްގެން މިހާރު ރާއްޖޭގައި ކުރެވެން ނެތް ތަހުލީލީ އެތައް މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

 





ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ބޮޑުތަކުރުފާނު މަގު، މާލެ 20113
ފޯނު: 3323701 ފެކްސް: 3325500