މި ސަރުކާރުގެ ސިޔާސަތަކީ އުސޫލާއި އިންސާފާ އެކީ ކަންކަން ކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

މި ސަރުކާރުގެ ސިޔާސަތަކީ އުސޫލާއި އިންސާފާ އެކީ ކަންކަން ކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މިރޭ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ އޮފީހުގައި ބޭއްވެވި ހަފުލާއަކަށްފަހު ރާއްޖޭގެ ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި، މި ވެރިކަމަކީ ޤާނޫނާއި ޝަރީޢަތް ދަމަހައްޓައި، ދިވެހިން ޤަބޫލުކުރާ އުސޫލުތަކެއްގެ މަތީގައި ދިވެހިރާއްޖެ ތަރައްޤީކުރަން މަސައްކަތްތަކެއް ކުރާ ވެރިކަމެއް ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މިއަދު ސިޔާސީ ގޮތުން ބައެއް އިދިކޮޅު ފަރާތްތަކުން، މި ސަރުކާރުގެ އަނިޔާވެރިކަމާއި އިންސާފެއް ނެތްކަމަށް ބުނަމުން ދިޔަނަމަވެސް، މި ސަރުކާރުގެ އެފަދަ އެއްވެސް ކަމެއް އެއްވެސް ފަރާތަކަށް ބުނެ ނުދެވޭ ކަމުގައި ވިދާޅުވިއެވެ. އަދި އެފަދަ ވާހަކަތަކަކީ އެއްވެސް އަސާސެއްނެތް ވާހަކަތަކެއް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ރާއްޖެއިން ބޭރުގައި ތިބެ ސޯޝަލް މީޑިޔާގައި ރާއްޖެ ބަދުނާމުވާ ފަދަ ވާހަކަތައް ފަތުރާ ފަރާތްތަކުގެ މިފަދަ އަމަލުތައް ރައީސުލްޖުމްހޫރިއްޔާ ކުށްވެރިކުރެއްވިއެވެ. އަދި، ޝައްކެއްވެސް ނެތް ގޮތުގައި، ޤައުމު ހަލާކުކޮށްލަން ރާއްޖެއިން ބޭރުގައި ތިބެގެން މަސައްކަތްކުރާ މީހުންނަކީ ޤައުމު ދެކެ ލޯބިވާ ބައެއްނޫން ކަމުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ. މިނިވަންކަމުގެ ނަމުގައި ތިބެ ޤައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ކަންކަން ނުކުރުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ގޮވައިލެއްވިއެވެ.

 

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ބޮޑުތަކުރުފާނު މަގު، މާލެ 20113
ފޯނު: 3323701 ފެކްސް: 3325500