އެންމެފަހުގެ ޚަބަރުތައް


ޓިއުނީޝިއާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ނޮން-ރެޒިޑެންޓް ސަފީރު، ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުއްވައިފި

ޓިއުނީޝިއާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ނޮން-ރެޒިޑެންޓް ސަފީރު، ހިޒް އެކްސެލެންސީ ނެޖްމިދީން ލަކަލް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް އަރުއްވައިފިއެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު، ޓިއުނީޝިއާގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ސަފީރަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރްޙަބާ ދެންނެވިއެވެ. އަދި ޓިއުނީޝިއާގެ ރައީސް ހިޒް އެކްސެލަންސީ ބޭޖީ ޗޭޑް އެސެބްސީއަށް ހެޔޮ އެދުންތައް އަރިސްކުރެއްވިއެވެ.

މިއަދު އޮތް މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ޓިއުނީޝިއާއާ ދިވެހިރާއްޖެއާ ދެމެދުގައި ޚާރިޖީ ގުޅުން ގާއިމުކުރި ފަހުން 30 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާކަން ފާހަގަކުރައްވާ ކުރިއަށް އޮތް ތަނުގައިވެސް މި ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމުގެ ޔަގީންކަން އެރުއްވިއެވެ.

އަދި، ޔުނައިޓަޑް ނޭޝަންސް ސެކިއުރިޓީ ކައުންސިލްގެ 2009 އިން 2020 ގެ ނިޔަލަށް ހިނގަމުންދާ ދައުރުގެ، ނަން ޕާމަނަންޓް މެންބަރަކަށް ވުމަށް ރާއްޖެއިން ފުރަތަމަ ފަހަރަށް ކުރަމުން ގެންދާ މަސައްކަތުގައި ޓިއުނީޝިއާގެ ފަރާތުން ރާއްޖެއަށް ތާއީދު ލިބިވަޑައިގަންނަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ. އަދި ޓިއުނީޝިއާ އަކީ އެފްރިކާ ބައްރުގެ ގްރޫޕްގައި ހިމެނޭ ވަރަށް މުހިންމު ބައިވެރިއެއްކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ ފަރާތުން ދުނިޔޭގެ ސުލްހައަށާ، ރައްކާތެރިކަމަށާ، ކައުންޓަރ-ޓެރަރިޒަމާ މޫސުމަށް އަންނަ ބަދަލުތައްފަދަ ކަންކަމުގައި ދެއްވާ އަހަންމިއްޔަތަށް އަލިއަޅުއްވާލެއްވިއެވެ. އެމަނިކުފާނު ފާހަގަކުރެއްވިގޮތުގައި، އ.ދގެ މެންބަރެއްގެ ގޮތުގައި 50 އަހަރު ދިވެހިރާއްޖެ ވޭތުކޮށްފައިވާއިރު، ރާއްޖެއަކީ ކުޑަ އަދި ވަސީލަތްތައް މަދު ޤައުމެއްނަމަވެސް، ބައިނަލްއަޤްވާމީ ގޮތުން ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ރާއްޖެ ވަނީ ހޯދާފައެވެ.

މި ބައްދަލުކުރެއްވުމުގައި ޓިއުނީޝިއާގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނަށް ދެންނެވި މަރުޙަބާއަށް ޝުކުރުއަދާ ކުރައްވާ، ޓިއުނީޝިއާގެ ރައީސްއާ އެ ޤައުމުގެ ރައްޔިތުންގެ ހެޔޮ އެދުންތައް ރައީސުލްޖުމްހޫރިއްޔާއަށާ ދިވެހި ރައްޔިތުންނަށް އަރިސްކުރެއްވިއެވެ. އަދި، އެމަނިކުފާނުގެ ދައުރުގައި، ދެ ޤައުމުގެ ދޭތެރޭގައިވާ ގުޅުން އިތުރަށް ބަދަހި ކުރުމަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގައިވެސް ޓިއުނީޝިއާގެ ސަފީރު ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، އެކްޓިންގް މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަދި މިނިސްޓަރ އޮފް އެޑިއުކޭޝަން ޑޮކްޓަރ ޢާއިޝަތު ޝިހާމްއާއި، ‏‏ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން ރިލޭޝަންސް މުޙައްމަދު ނަޞީރު އަދި ފޮރިން ސެކްރެޓަރީ ޑޮކްޓަރ ޢަލީ ނަސީރު މުޙައްމަދު ‏ބައިވެރިވެވަޑައިގެންނެވިއެވެ.

 

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ބޮޑުތަކުރުފާނު މަގު، މާލެ 20113
ފޯނު: 3323701 ފެކްސް: 3325500