ނަގޫރޯޅީގެ ސަބަބުން އައްޑޫސިޓީއަށް ލިބުނު ގެއްލުންތަކަށް ސަރުކާރުން އެހީދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި

އައްޑޫސިޓީ ހިތަދޫއަށް ރޭ އެރި ނަގޫރޯޅީގެ ސަބަބުން، ލިބުނު ގެއްލުންތަކަށް ސަރުކާރުން އެހީދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް ނިންމަވައިފިއެވެ.

އައްޑޫސިޓީ ހިތަދޫއަށް ރޭ ނަގޫރޯޅިއެއް އަރައި، ބޮޑެތި ގެއްލުންތަކެއް ލިބުމާއި ގުޅިގެން، އެ ގެއްލުންތައް ބައްލަވައި އެހީތެރިކަން ބޭނުންވާނެ ކަންކަމުގެ މައުލޫމާތު ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ފޮނުއްވެވި ޚާއްޞަ ވަފްދު އައްޑޫ ސިޓީގައި މިހާރު ގެންދަވަނީ ހަރަކާތްތެރިވެ ވަޑައިގަންނަވަމުންނެވެ.

މި ވަފްދުގެ އިސްބޭފުޅަކަށް ވަޑައިގެންނެވީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާދަމް ޝަރީފެވެ. ޑިފެންސް މިނިސްޓަރ ވަނީ ހާދިސާގައި ގެއްލުންލިބުނު ރައްޔިތުންގެ ދިރިއުޅުން އާންމު ޙާލަތަކަށް ގެނައުމަށްޓަކައި މަސައްކަތްކުރެއްވުމަށް 8 ބޭފުޅުންގެ ކޮމިޓީއެއް އެކުލަވާ ލައްވައިގެން އެ މަސައްކަތް ފައްޓަވާފައެވެ. ސަރުކާރުގެ ބައެއް ވުޒާރާތަކާއި ކުންފުނިތައް ހިމެނޭ ގޮތަށް އެކުލަވާލެއްވި މިކޮމިޓީގައި އެމްއާރުޑީސީ، އެމްއެންޑީއެފް، ފުލުސް އޮފީސް، ސިޓީ ކައުންސިލް، ވެމްކޯ، އެސްޓީއޯ، ފެނަކަ އަދި ހައުސިންގ މިނިސްޓްރީގެ ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.

ނަގޫރޯޅި އެރުމާއި ގުޅިގެން، އައްޑޫސިޓީއަށް ލިބިފައިވާ ގެއްލުންތައް ބައްލަވައި، މި ހާދިސާގައި ގެއްލުން ލިބިފައިވާ ފަރާތްތަކަށް މިހާރުން މިހާރަށް ބޭނުންވާ އެހީތެރިކަން ސަރުކާރުން ގެންދަވަނީ ފޯރުކޮށްދެއްވަމުންނެވެ.
 





ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ބޮޑުތަކުރުފާނު މަގު، މާލެ 20113
ފޯނު: 3323701 ފެކްސް: 3325500