ކުރިއަށްއޮތް ތިން އަހަރުގެ ތެރޭގައި ސާކް ސަރަހައްދުގެ ޗެމްޕިއަންކަން ހޯދައިދިނުމަށް ރާއްޖޭގެ ކްލަބްތަކުގެ ކިބައިން ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފި

ކުރިއަށްއޮތް ތިން އަހަރުގެ ތެރޭގައި ފުޓުބޯޅައިން ސާކް ސަރަހައްދުގެ ޗެމްޕިއަންކަން ހޯދަން ހުރިހާ ކްލަބްތަކުން ގުޅިގެން މަސައްކަތް ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އެދިވަޑައިގެންފިއެވެ. އެމަނިކުފާނު މިކަމަށް އެދިވަޑައިގެންނެވީ، ރާއްޖޭގެ ފުރަތަމަ ޑިވިޜަނުގެ ކްލަބްތަކާއެކު މިއަދު ބޭއްވެވި ބައްދަލުކުރެއްވުމެއްގައެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ފުޓުބޯޅަ ކުލަބްތަކުގެ މެދުގައި އޮންނަ ވާދަވެރިކަމާއެކު މަސައްކަތްކުރަންވާނީ ޤައުމީ ފަޚުރު ހޯދުމުގެ އަޒުމުގައި ކަމުގައި ވިދާޅުވިއެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގައި ފުޓުބޯޅަކުޅޭ ވަރަށް ހުނަރުވެރި ޒުވާނުން އެބަތިބިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި، ސަރުކާރުގެ އަމާޒަކީ ޤައުމީ ޓީމަށް ކުޅުންތެރިން ނެގުމުގައި ވާދަވެރިކަން އޮންނަ މިންވަރަށް ކުޅުންތެރިން އުފެއްދުން ކަމަށާއި، ކުޅުންތެރިން އުފެއްދުމަށް ސަރުކާރުގެ ފަރާތުން ކުލަބުތަކަށް ކޮށްދެވެން އޮތް ހުރިހާ މަސައްކަތެއް ކޮށްދެއްވާނެކަމުގެ ޔަޤީންކަންވެސް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޕްރޮމޯޝަނަލް ބަޖެޓުން ފުރަތަމަ ޑިވިޜަންގެ ކްލަބްތަކަށް ޚަރަދުކުރާގޮތަށް ސަރުކާރުން ހަމަޖައްސައިދެއްވުމަކީ، ރާއްޖޭގެ ފުޓުބޯޅަ ބައްޓަންކުރުމުގައި ކްލަބްތަކަށް ދިމާވެފައިވާ މާލީ ދަތިކަން ހައްލުކޮށްދެއްވުމަށް ސަރުކާރުން އެޅުއްވި މުހިންމު ފިޔަވަޅެއްކަން ފާހަގަ ކުރެއްވިއެވެ. މިއީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ކުންފުނިތަކުން ކުރައްވާ އިންވެސްޓްމަންޓެއް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި އެފް.އޭ.އެމް ގެ ރައީސް ބައްސާމް ޢަދީލް ޖަލީލާއި، އޮލިމްޕިކް ކޮމިޓީގެ ރައީސް މުޙަންމަދު ޝަވީދާއި، ރާއްޖޭގެ ފުރަތަމަ ޑިވިޜަނުގެ ކްލަބްތަކުގެ ވެރިންނާއި އެ ކްލަބްތަކުގެ ސްޕޮންސަރ ދެއްވާ ކުންފުނިތަކުގެ އިސްވެރިންނާއި، އެފް.އޭ.އެމް.ގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ރާއްޖޭގެ ފުޓުބޯޅައިގެ ތަރައްޤީއަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އަހަންމިއްޔަތު ފާހަގަ ކުރައްވައި، ޝުކުރު އަދާ ކުރެއްވުމުގެ ގޮތުން ހުރިހާ ކްލަބްތަކުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ހަނދާނީ ފިލައެއް އެރުވިއެވެ.

 





ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ބޮޑުތަކުރުފާނު މަގު، މާލެ 20113
ފޯނު: 3323701 ފެކްސް: 3325500