ދިވެހި ދައުލަތަކީ ހައްދު ފަހަނައަޅާފައިވާ ސިޔާސަތުތަކަށް ޖާގަދޭނެ ދައުލަތެއްނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

ދިވެހި ދައުލަތަކީ ހައްދު ފަހަނައަޅާފައިވާ ސިޔާސަތުތަކަށް ޖާގަދޭނެ ދައުލަތެއްނޫން ކަމަށާއި، ރާއްޖޭގެ މި ސިޔާސަތު ބައިނަލްއަޤްވާމީ ދުނިޔޭގައި ހާމަކޮށްދޭން އެބަޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ރާއްޖެއިން ބޭރުގައި ތިއްބަވާ ދިވެހި ސަފީރުންނާއެކު ބާއްވާ މަހާސިންތާ ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖެއަކީ މެދުމިނުގެ އިސްލާމީ ދައުލަތަކަށްވެފައި، ދިވެހިރާއްޖެއިން ޓެރަރިޒަމާ ދެކޮޅަށް އެތައް ފިޔަވަޅެއް އަޅަމުން ގެންދާ ކަމަށާއި، ހައްދުފަހަނައަޅާފައިވާ ސިޔާސަތުތައް ކޮންޓްރޯލްކޮށް، އެކަންކަން ހައްލުކުރުމަށް ދިވެހިރާއްޖެއިން އެތައް މަސައްކަތެއް ކުރަމުން ގެންދާ ކަމުގައި ވިދާޅުވިއެވެ. މިގޮތުން މިހާރުވެސް އޭގެ އެތަކެއް މަދަނީ ޙައްޤުތައް ހިފެހެއްޓުމުގެ މަސައްކަތްތައް ދައުލަތުން ކުރަމުން އެބަގެންދާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.

މި މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ދިވެހިރާއްޖެއިން މި ކަހަލަ ދީނީ ހައްދުފަހަނައަޅާފައިވާ ސިޔާސަތުތަކާ ދެކޮޅަށް ކުރާ މަސައްކަތްތަކުގެ ވާހަކަ ދައްކަންޖެހޭ ކަމުގައި ވިދާޅުވެ، މިއަށްވުރެ ބޮޑަށް މިކަންކަން ހިނގާ ދައުލަތްތަކާ ބެހޭގޮތުން މި ވާހަކަ، ހަމަ މި ގޮތަށް ނުދެކެވޭންވީ ސަބަބެއް ނެތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، ދިވެހިރާއްޖެ މިކަމުގައި ކުރިއަށް ނުކުންނަން ޖެހޭ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޣައިރު މުސްލިމު ދައުލަތްތަކަށް ފަސޭހަކަމާއެކީ ގަބޫލުކުރެވޭ އިޞްޠިލާޙުތަކާއި، ފަސޭހަކަމާއެކީ ގަބޫލުކުރެވޭ ކަންކަން، ރާއްޖެފަދަ އިސްލާމީ ދައުލަތަކުން ގަބޫލުކުރުމުގައި ދަތިތަކެއް ހުންނާނެކަން ހަނދާންކޮށްދެއްވިއެވެ. އަދި މި ހުރިހާ ކަމަކާއެކުވެސް ރާއްޖެއިން އ.ދ. ގައި ބައިވެރިވީ، އ.ދ. އަކީ އެކި ފަންތީގެ، އެކި ގިންތީގެ ތަނަވަސްކަމާއި ބާރާއި ވަސީލަތްތައް ހިމެނޭ ޤައުމުތަކުގެ މައްޗަށް އުފެދިފައިވާ ބޮޑު އާއިލާއެއްގެ ގޮތުގައި ދެކިގެން ކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވިއެވެ.

ދިވެހި ސަފީރުންނާ މުޚާތަބުކުރައްވައި ވާހަކަފުޅު ދައްކަވަމުން، ދިވެހިރާއްޖެއާ ގުޅުވައިގެން ބޭރު ދުނިޔޭގައި ދެކެވޭ ވާހަކަތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުއްވައިލެއްވިއެވެ. މިގޮތުން، ރާއްޖެއަކީ ދީނީ ހައްދުފަހަނައަޅާ މީހުންގެ ހާއްޔެއް ކަމަށް ދެކެވޭ ވާހަކަތަކަށް ވަރަށް ކެރިގެން ޖަވާބުދާރީވާންޖެހޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ދިވެހި ދައުލަތަކީ މެދުމިނުގެ އިސްލާމީ ދައުލަތެއްކަން މުޅި ދުނިޔެއަށް ހާމަކޮށްދެވެން އެބަޖެހޭ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދިވެހިރާއްޖެއަކީ ކުޑަ ޤައުމަކަށްވުމުން، ދިވެހިރާއްޖޭގެ އާބާދީގެ ނިސްބަތުން ޖިހާދަށް ދާ މީހުން އެހެން ޤައުމުތަކާ އަޅާބަލާއިރު ގިނަވެދާނެކަން ފާހަގަ ކުރެއްވިއެވެ. އެހެންނަމަވެސް، ދިވެހިރާއްޖޭގައި އާބާދީގެ ބޮލަކަށްޖެހޭ ވަކިވަރެއް މިއީ ޖިހާދަށްދާ ފަރާތްތައް ކަމަށް ބުނެ، އޭގެ ނާޖާއިޒު ފައިދާ ނަގަން އެއްވެސް ޤައުމަކަށް، ނުވަތަ އެއްވެސް ބަޔަކަށް ޖާގަ ދީގެން ނުވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރާއްޖެއިން ބޭރުގައި ތިއްބަވާ ދިވެހި ސަފީރުންނާއެކު ބާއްވާ މަހާސިންތާ ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި، ބޭރުގެ އެކި ޤައުމުތަކުގައި ދިވެހިރާއްޖެ ތަމްސީލު ކުރައްވާ ހުރިހާ ސަފީރުން ބައިވެރިވެވަޑައިގެންނެވިއެވެ.

 





ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ބޮޑުތަކުރުފާނު މަގު، މާލެ 20113
ފޯނު: 3323701 ފެކްސް: 3325500