ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫ‏ނަށް 7 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ މިއަދު ތަޞްދީޤު ކުރައްވައިފި

މި އެޕްރީލް މަހުގެ 12 ވި ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ
މި އަހަރުގެ ފުރަތަމަ ދައުރުގެ 13 ވަނަ ޖަލްސާއިން ފާސްކުރެއްވި "ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް 7 ވަނަ އިޞްލާޙު ގެނައުމުގެ ބިލު" ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިއަދު ތަޞްދީޤް ކުރައްވައިފިއެވެ. މި ބިލު ތަޞްދީޤް ކުރެއްވުމާ ގުޅިގެން ދިވެހި ސަރުކާރުގެ ގެޒެޓްގައި ވަނީ ޝާއިޢު ކުރައްވާފައެވެ.

މި ޤާނޫނަށް ގެނައި އިސްލާހުގައި، ލޯކަލް ގަވަރމަންޓް އޮތޯރިޓީ ހިންގާނީ މި ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ޢައްޔަންކުރާ 5 މެންބަރުންގެ މައްޗަށް އެކުލެވޭ ބޯޑަކުންނެވެ. މި ބޯޑަކީ ލޯކަލް ގަވަރމަންޓް އޮތޯރިޓީއާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ މިނިސްޓަރަކާއި، ޖެންޑަރ އިކުއަލިޓީގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ އަންހެން މެންބަރަކާއި، މަދަނީ ޖަމްޢިއްޔާއެއްގެ މެންބަރަކާއި، ގަވަރނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ މެންބަރެއްގެ އިތުރުން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ ހިމެނޭގޮތަށް އެކުލަވާލެވިފައިވާ ބޯޑެކެވެ.

މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު މިހާރު އެކުލަވާލެވިފައިވާ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑު އުވި އަލުން ބޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން މި ފޯމް ޑައުންލޯޑުކުރެވެން ހުންނާނެއެވެ.

 

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ބޮޑުތަކުރުފާނު މަގު، މާލެ 20113
ފޯނު: 3323701 ފެކްސް: 3325500