އެންމެފަހުގެ ޚަބަރުތައް


އެއްވެސް ދައުލަތަކުން އެހެން ދައުލަތެއްގެ ދާޚިލީ ކަންކަމަށް ބާރު ފޯރުވުމުގެ އުސޫލެއް އޮންނާނެ ކަމަށް ދިވެހި ދައުލަތުން ޤަބޫލެއްނުކުރަން – ރައީސުލްޖުމްހޫރިއްޔާ

ދުނިޔޭގެ އެއްވެސް ދައުލަތަކުން އެހެން ދައުލަތެއްގެ ދާޚިލީ ކަންކަމަށް ބާރު ފޯރުވުމުގެ އެއްވެސް ކަހަލަ އުސޫލެއް ނުވަތަ އަސާސެއް އޮންނާނެ ކަމަށް ދިވެހި ދައުލަތުން ޤަބޫލު ނުކުރާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖެއިން ބޭރުގައި ތިއްބަވާ ދިވެހި ސަފީރުންނާއެކު ބާއްވާ މަހާސިންތާ ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދިވެހި ދައުލަތުގެ ވިސްނުމަކީ، އެއްވެސް ދައުލަތަކުން އަނެއް ބައެއްގެ ކަންކަން ނިންމުމުގައި އަމަލުކުރާ ދާޚިލީ އުސޫލުތަކާ ނުބެހުން ކަމަށާއި، އ.ދ. އަކީ ކޮންމެ ދައުލަތަކުންވެސް، އެބަޔަކު އަމިއްލައަށް ނިންމާ ކަންކަން ނިންމޭނެ ފުރިހަމަ ސިޔާދަތީ ބާރު އޮންނަ ދައުލަތްތަކެއް ހިމެނޭ ޖަމްޢިއްޔާއަކަށް ވެގެންދިއުން ކަމުގައި ވިދާޅުވިއެވެ. މިގޮތުން، އަޅުގަނޑުމެންނަކީ އަޅުގަނޑުމެންނަށް އިޙްތިރާމުކުރާ، އަޅުގަނޑުމެންގެ އިސްތިޤްލާލު ޤަބޫލުކުރާ ހުރިހާ ދައުލަތްތަކާ ގާތް ގުޅުމެއް ބާއްވަން ބޭނުންވާ ދައުލަތެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވިއެވެ. އަދި، ކޮންމެ ދައުލަތެއްގެ ވެސް އިސްތިޤްލާލާއި ކަރާމާތަށް އަނެއް ދައުލަތުން އިޙްތިރާމް ކުރުމަށް ދިވެހިރާއްޖެއިން އަބަދުވެސް ބާރުއަޅާ ކަމަށާއި، ދިވެހިރާއްޖެއާއި ދުނިޔޭގެ އެހެން ދައުލަތްތަކުން ބައިވެރިވާ ޖަމްޢިއްޔާއަކީ އެ ޖަމްޢިއްޔާއެއްގެ ކަންކަން ނިންމުމުގައި އުސޫލުތަކަކަށް ތަބާވާ މުއައްސަސާތަކަކަށް ވާންޖެހޭނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ރޮނގުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ވަކި ޤައުމުތަކަކާ ދޭތެރޭ ވަކި އިމްތިޔާޒްތަކެއްގެ ދަށުން ފިޔަވަޅު އެޅުމަކީ ދިވެހި ދައުލަތުން ޤަބޫލުކުރާނެ ކަމެއްނޫންކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދިވެހި ދައުލަތަކީ ބޭރުގެ އެކިއެކި ދައުލަތްތަކާ ގުޅުން ބަދަހިކޮށް، ހުރިހާ ދައުލަތްތަކަށް އިޙްތިރާމްކުރާ ދައުލަތަކަށް ވާއިރު، ދިވެހި ދައުލަތުގެ މިސިޔާސަތު ބޭރު ދުނިޔެއަށް ހާމަވާން ޖެހޭކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވިއެވެ. މިގޮތުން، ރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއެކުވެސް ލިބިފައިހުރި ވަސީލަތްތައް ބޭނުންކޮށްގެން ބޭރު ދުނިޔޭގައި އަޅުގަޑުމެންގެ އަޑު އިވޭނެ ގޮތްތައް ހެދުމަށް ދިވެހި ހުރިހާ ސަފީރުންގެ ފަރާތްޕުޅުން ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކޮންމެ ދައުލަތެއްގެވެސް އަމިއްލަ މައްސަލަތައް ހުންނާނެ ކަމަށާއި، ކޮންމެ ދައުލަތެއްގައިވެސް އެ ދައުލަތަކުން ކަންކަން ހައްލުކުރާނެ އަމިއްލަ އުސޫލުތަކެއް ހުންނާނެކަން ފާހަގަ ކުރެއްވިއެވެ. މިއަދުގެ ދުނިޔޭގެ ކުރިއެރުމަކީ، އަދި ޑިމޮކްރެސީއެއް ހަރުދަނާވެގެން ދިއުމަކީ، އެބަޔަކު ޤަބޫލުކުރާ އުސޫލުތަކެއް އެބައެއްގެ ތެރޭގައި ތަންފީޒުކުރެވޭނެކަން ކަށަވަރުވެގެން ދިއުން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިއަދު އިފްތިތާހުކުރި ދިވެހި ސަފީރުންގެ މަހާސިންތާގައި، އެކި ޤައުމުތަކަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައިވާ ހުރިހާ ސަފީރުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި، މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ މުޙަންމަދު އާސިމާއި، މިނިސްޓަރ އޮފް ޓޫރިޒަމް މޫސާ ޒަމީރު ތަޤްރީރު ކުރެއްވިއެވެ.

 





ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ބޮޑުތަކުރުފާނު މަގު، މާލެ 20113
ފޯނު: 3323701 ފެކްސް: 3325500