އިންޑިޔާގެ ފޮރިން ސެކްރެޓަރީ ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

އިންޑިޔާގެ ފޮރިން ސެކްރެޓަރީ ޑޮކްޓަރ އެސް. ޖައިޝަންކަރ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ، މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވަހަކަފުޅުގައި، އިންޑިޔާ ސަރުކާރުން ރާއްޖެއަށް ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމާއި އެހީތެރިކަމަށްޓަކައި ޝުކުރު އަދާ ކުރެއްވިއެވެ. އަދި ދެ ޤައުމުގެ ދޭތެރޭގައިވާ ގުޅުން، ތަފާތު ދާއިރާތަކުން އިތުރަށް ބަދަހި ކުރެއްވުމަށް ދިވެހި ސަރުކާރުން ދެއްވާ އަހަންމިއަޔްތު ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވިއެވެ.

މިގޮތުން، ރާއްޖެއާއި އިންޑިޔާއާ ދޭތެރޭގައި ޤާއިމްކޮށްފައިވާ ވިޔަފާރީގެ ގުޅުމުގެ ސަބަބުން، ދެ ޤައުމުގެ އިޤްތިޞާދީ ގުޅުމާއި ތަރައްޤީއަށް އިތުރު ހަރުދަނާކަމެއް އަންނާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، އިންޑިޔާގެ ފޮރިން ސެކްރެޓަރީ ރާއްޖެއަށް މިކުރެއްވި ދަތުރުފުޅުގެ ސަބަބުން ދެޤައުމުގެ ދެމެދުގައިވާ ގާތް އެކުވެރި ގުޅުން އެކި ދާއިރާތަކުން އިތުރަށް ބަދަހިވެގެންދާނެކަން ޔަޤީން ކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އިންޑިޔާގެ ފޮރިން ސެކްރެޓަރީ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި އިންޑިޔާއާ ދެމެދުގައިވާ ޒަމާންވީ ގުޅުން ކުރިއަށް އޮތް ދުވަސްތަކުގައި އިތުރަށް ބަދަހިކުރުމަށް އިންޑިޔާއިން އަބަދުވެސް އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން އެރުވިއެވެ. އަދި، އިންވެސްޓްމަންޓްގެ ދައިރާއިން ރާއްޖޭގައި ހުރި ފުރުޞަތުތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއި އިންޑިޔާގެ ފޮރިން ސެކްރެޓަރީ މަޝްވަރާ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން ރިލޭޝަންސް މުޙައްމަދު ނަޞީރާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ފޮރިން ސެކްރެޓަރީ ޑޮކްޓަރ ޢަލީ ނަޞީރު މުޙައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.

އިންޑިޔާގެ ފޮރިން ސެކްރެޓަރީގެ އަރިހުގައި، އިންޑިޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާއާއި، އިންޑިޔާގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒްގެ ޖޮއިންޓް ސެކްރެޓަރީން ބައިވެރިވެވަޑައިގެންނެވިއެވެ.

 





ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ބޮޑުތަކުރުފާނު މަގު، މާލެ 20113
ފޯނު: 3323701 ފެކްސް: 3325500