އެންމެފަހުގެ ޚަބަރުތައް


ސޫދާން ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ނޮން – ރެޒިޑެންޓް ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާއަށް މިއަދު އަރުއްވައިފި

ސޫދާން ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ނޮން – ރެޒިޑެންޓް ސަފީރު، ހިޒް އެކްސެލެންސީ ސިރާޖުއްދީން  ޙާމިދު ޔޫސިފް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް އަރުއްވައިފިއެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު، ސޫދާންގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި ސަފީރަށް ތަހުނިޔާ ވިދާޅުވެ، ރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރްޙަބާ ދެންނެވިއެވެ.

މިއަދު އޮތް މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެއާއި ސޫދާނާ ދެމެދު އޮތް ޒަމާންވީ އަޚުވަންތަ ގުޅުމަށް 35 އަހަރު ވެފައިވާކަން ފާހަގަ ކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އެކި ދާއިރާތަކުން ދެޤައުމުގެ ދެމެދުގައި އިތުރަށް ގުޅުން ބަދަހިކުރުމައް މަސައްކަތްކުރައްވަމުން އަންނަކަމުގައި ވިދާޅުވިއެވެ. މިގޮތުން، އެމަނިކުފާނު ވިދާޅުވިގޮތުގައި ދެޤައުމުން ވެސް ޚާއްޞަކޮށް އިސްލާމީ ފިޤްޙުގެ ދާއިރާއިންނާއި، މެދުމިނުގެ އިސްލާމީ ވިސްނުން ގެންގުޅުމުގެ ދާއިރާއިން އެއްބާރުލުންދިނުމަށް މަސައްކަތްކުރައްވަމުން އަންނަކަން ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ އިތުރަށް ދެއްކެވި ވާހަކަފުޅުގައި، ދެޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ފުޅާކުރެވޭނެ ދާއިރާތަކާއި ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. މިގޮތުން، ދެޤައުމަށް ވެސް ފައިދާކުރަނިވި ގޮތަކަށް ދެޤައުމުގެ ދެމެދުގައި ވިޔަފާރީގެ ރޮނގުން އިތުރަށް ގުޅުން ބަދަހިކުރުމާއި ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.

ސޫދާނުގެ އާ ސަފީރު ދެއްކެވި ވާހަކަފުޅުގައި ސޫދާނުގެ ރައީސް ހިޒް އެކްސެލެންސީ ފީލްޑް މަރޝަލް އުމަރު ޙަސަން ރައީސުލްޖުމްހޫރިއްޔާއަށް ތަޙުނިޔާ ދެންނެވިކަމުގައި ވިދާޅުވިއެވެ. އަދި، އެމަނިކުފާނުވަނީ ރާއްޖެއާއި ސޫދާނާ ދެ ޤައުމުގެ ދޭތެރޭގައިވާ ގުޅުން ފަތުރުވެރިކަމުގެ ދާއިރާއިން އިތުރަށް ބަދަހިކުރުމާއި ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.

މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ މުޙައްމަދު ޢާޞިމާއި، ‏‏ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން ރިލޭޝަންސް މުޙައްމަދު ނަޞީރު ‏ބައިވެރިވެވަޑައިގެންނެވިއެވެ. އަދި، ސޫދާން ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރުގެ އަރިހުގައި މިލިޓަރީ އަޓަޝޭ ބްރިގޭޑިއާ ޢުސްމާން އިސްމާޢީލް ސިރާޖާއި، ކައުންސިލަރ ޢަބްދުއްރަޙްމާން ޢަލީއާއި، އަޓަޝޭ އިސްޙާޤް ޔޫސިފް އިސްޙާޤް ‏ބައިވެރިވެވަޑައިގެންނެވިއެވެ.

 

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ބޮޑުތަކުރުފާނު މަގު، މާލެ 20113
ފޯނު: 3323701 ފެކްސް: 3325500