"ތަރިކަ" މަޝްރޫޢަށް އެއްބާރުލުން ދެއްވުމަށް، ދެންނެވުމަކުން ދައުލަތުގެ މުއައްސަސާތަކަށް ރައީސުލްޖުމްހޫރިއްޔާ އަންގަވައިފި

ދިވެހީންގެ މެދުގައި އިސްލާމީ ވަޙްދަތާއި، ޤައުމީ ރޫޙު އުފައްދައި އާލާކުރުމުގެ މަޤްޞަދުގައި 6 މާރިޗު 2017 ގައި އިފްތިތާޙުކުރެވުނު "ތަރިކަ" މަޝްރޫޢަށް އެއްބާރުލުން ދެއްވުމަށް، ދެންނެވުމަކުން ދައުލަތުގެ މުއައްސަސާތަކަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އަންގަވައިފިއެވެ. މި މަޝްރޫޢުގެ ކަންކަން ހިންގެވުމަށްޓަކައި، އިދާރީ ކޮމިޓީއަކާއި ފަންނީ ކޮމިޓީއެއްވަނީ އުފައްދަވާފައެވެ.

[ތަރިކަ] މަޝްރޫޢުގެ މަސައްކަތްތައް ރާއްވަވާނީ، ފަންނީ ކޮމިޓީންކަމަށާއި، ފަންނީ ކޮމިޓީން އަންގަވާ ކަންތައްތައް ހިންގެވުމުގައި، ދައުލަތުގެ އެންމެހައި މުއައްސަސާތަކާއި ކުންފުނިތަކުން އެއްބާރުލުން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަންގަވައިފިއެވެ. އަދި، އެތަންތަނުން ކުރިއަށް ރާއްވަވާ ކަންތައްތަކުގެ ތެރެއިން މި މަޝްރޫޢާ ގުޅުވައިލެއްވޭނެ ކަންތައްތައް، މި މަޝްރޫޢާ ގުޅުވައިލައްވައިގެން ކުރައްވަމުން ގެންދެވުމަށާއި، މި މަޝްރޫޢުގެ އިދާރީ ކޮމިޓީން އެދިވަޑައިގަންނަވާ ކަންކަމުގައިވެސް އެއްބާރުލުން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފައިވެއެވެ.

 

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ބޮޑުތަކުރުފާނު މަގު، މާލެ 20113
ފޯނު: 3323701 ފެކްސް: 3325500