ދުނިޔޭގެ ވަރުގަދަ ފުޓުބޯޅައިގެ ތަމްރީނުދޭ ސްކޫލެއް ރާއްޖޭގައި ޤާއިމްކުރައްވާނެކަން ރައީސުލްޖުމްހޫރިއްޔާ އިޢުލާނު ކުރައްވައިފި

މި ސަރުކާރުން ޒުވާނުންނަށް ދެއްވާ އަހަންމިއްޔަތު ފާހަގަ ކުރައްވަމުން، ދުނިޔޭގެ ވަރުގަދަ ފުޓުބޯޅައިގެ ތަމްރީނުދޭ ސްކޫލެއް ރާއްޖޭގައި ޤާއިމްކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިޢުލާނު ކުރައްވައިފިއެވެ. އެމަނިކުފާނު މިކަން އިޢުލާނު ކުރެއްވީ، ޓީ.ސީ. ސްޕޯޓްސް ކްލަބްގެ ކާމިޔާބީ ފާހަގަ ކުރުމަށްޓަކައި މިރޭ ދަރުބާރުގޭގައި ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ޓީ.ސީ. ސްޕޯޓްސް ކްލަބުން ވަނީ، މިއަހަރު ބަންގްލަދޭޝްގައި ބޭއްވި ޝެއިޚް ކަމާލް އިންޓަނޭޝަނަލް ކްލަބް ކަޕް 2017 ގެ ޗެމްޕިޔަންކަން ހޯދާފައެވެ.

މިރޭގެ ހަފްލާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި މި ސަރުކާރުން ޒުވާނުންނަށް ދެއްވާ އަހަންމިއްޔަތު ފާހަގަ ކުރައްވަމުން، އެއްވަނަ ޑިވިޜަނުގައި ކުޅޭ ކުޅުންތެރިންނަށް ރަސްމީ ސިފައެއްގައި ސަރުކާރުން ކަންތައްތަކެއް ކޮށްދެއްވުމުގެ މަޝްވަރާތަކެއް އެފް.އޭ.އެމް. އާއެކު ކުރައްވާފައިވާކަން ހާމަ ކުރެއްވިއެވެ. އަދި، ދިވެހި ފުޓުބޯޅައިގެ އަމާޒާ މެދު ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިގަންނަވާ ތަސައްވުރު ހާސިލް ކުރެވޭނީ ވަކި ފެންވަރެއްގެ އަޚްލާޤަކާއި ހުނަރުވެރިކަމެއް ކުޅުންތެރިންގެ ކިބައިގައި ހުރެގެން ކަމުގައި ބަޔާންކުރައްވައި، ރާއްޖޭގައި ޤާއިމްކުރާ ފުޓުބޯޅައިގެ ތަމްރީނުދޭ ސްކޫލްގެ ތިން ވަނަ އަހަރާ ހަމައަށް ދާންވާއިރަށް، ޤައުމީ މުބާރާތެއްގައި އެއްވެސް ކްލަބަކަށް ބައިވެރިވެވޭނީ އެ ކްލަބްގެ ޓީމުގެ ކޮންމެވެސް އިންސައްތައެއްގެ ކުޅުންތެރިންނަކީ ވަކި މުއްދަތަކަށް މި ތަމްރީން ސްކޫލްގައި ތަމްރީން ހާސިލްކުރާ ބަޔަކަށް ވެގެން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ކުޅިވަރުގެ ތެރެއިން ލިބޭ އެންމެ ސާފު، އެންމެ ވަރުގަދަ މެސެޖަކީ، ހަމަޖެހުމާއި، ކުރިބޯއްޓާ ހަމައަށް ދިއުމަށް ގުޅިގެން ޓީމެއްގެ ގޮތުގައި މަސައްކަތްކުރުން ކަމުގައި ވިދާޅުވިއެވެ. އަދި، ކުޅިވަރު ކުޅުމުގައި އެންމެ ފުރަތަމަ ކަމަކީ ކޯޗުގެ އިރުޝާދާއެކީ ވަރުގަދައަށް، އެއްޓީމެއްގެ ގޮތުގައި މަސައްކަތްކުރަން ދަސްކުރުން ކަމަށާއި، ދެވަނަ ކަމަކަށް ވާންވާނީ ދަނޑަށް އަރާއިރުވެސް ކުރިބޯއްޓާ ހަމައަށް ދިއުމަށް އަޒުމް ކަނޑައެޅުން ކަމުގައިވެސް އެމަނިކުފާނު ހަނދާން ކޮށްދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޒުވާނުން ބާރުވެރިކުރުވުމަށާއި، ރާއްޖޭގެ ކުޅިވަރު ދާއިރާ ފުޅާކުރުމަށްޓަކައި މި ސަރުކާރުން ވަރަށް ބޮޑު ހޭދަތަކެއް ކުރައްވާ ކަމުގައި ވިދާޅުވިއެވެ. އަދި، މި ހޭދަތަކުގެ ފޮނި ނަތީޖާއެއްގެ ގޮތުން، ދިވެހިރާއްޖެއަކީ ފުޓުބޯޅައިގައި ސާކް ސަރަހައްދުގެ ޗެމްޕިޔަނަށްވެ، އެ ތަށި އަބަދުވެސް ރާއްޖޭގައި ބެހެއްޓޭނެ ޤައުމަކަށް ހެދުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

މި ރޮނގުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ކުޅިވަރު ކުޅޭ ޒުވާނުންނަށް އެންމެ ދަތިވެފައި އޮތް ކަމަކީ ފައިސާގެ ދަތިކަން ކަމުގައި ބަޔާންކުރެއްވިއެވެ. އަދި މި ކަމުގެ ހައްލެއްގެ ގޮތުން، ކްލަބެއް އެއްވަނަ ޑިވިޜަނާ ހަމައަށް އައުމުން، އެ ކްލަބެއްގެ މާލީ ކަންކަން ބެލެހެއްޓުމަށް ސްޕޮންސަރ ކުންފުންޏެއް އޮތުމުގެ މުހިންމުކަން ފާހަގަ ކުރެއްވިއެވެ. މިގޮތުން، މިކަމުގެ ބޭނުމަކީ ކްލަބަށް އާމްދަނީ ލިބޭނެ ގޮތެއް ހޯދައިދިނުމާއި، ކުޅިވަރުގެ ރޮނގުން ކުރިއަށް ދާން ބޭނުންވާ ކުދިންނަށް ރަނގަޅު ތަމްރީނު ފުރުސަތުތަކެއް ފަހިކޮށްދީ، ކްލަބްގެ މެނެޖްމަންޓަށް ހިތްވަރުދޭނެ ޒިންމާދާރު ބަޔަކު ތިބުން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޓީ.ސީ. ސްޕޯޓްސް ކްލަބްގެ ކާމިޔާބީ ފާހަގަ ކުރުމަށްޓަކައި މިރޭ ދަރުބާރުގޭގައި ބޭއްވި ހަފްލާގައި، ޝެއިޚް ކަމާލް އިންޓަނޭޝަނަލް ކްލަބް ކަޕް 2017 ގެ ރަން މެޑެލް، އެ ކްލަބްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް އެރުވިއެވެ.

މިރޭގެ ހަފްލާގައި ދައުލަތުގެ ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ބޮޑުތަކުރުފާނު މަގު، މާލެ 20113
ފޯނު: 3323701 ފެކްސް: 3325500