އަންހެނުން ކުރަން ބޭނުންވާ ކޮންމެ މަސައްކަތެއް ކުރުމަށް މި ސަރުކާރުގެ ފުރިހަމަ އެއްބާރުލެއްވުން ދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި

ރާއްޖޭގެ އަންހެން ކަނބަލުން ކުރަން ބޭނުންފުޅުވާ ކޮންމެ މަސައްކަތެއް ކުރުމަށް މި ސަރުކާރުގެ ފުރިހަމަ އެއްބާރުލެއްވުމާއި، ތާއީދާއި، ހިތްވަރު ލިބޭނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދެއްވައިފިއެވެ. އެމަނިކުފާނު މިކަމުގެ ޔަޤީންކަން ދެއްވީ، ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި، މިއަދު ހެނދުނު ދަރުބާރުގޭގައި ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްފާޟިލް ޢަބްދުﷲ ޖިހާދާއި، ކެބިނެޓް މިނިސްޓަރުންނާއި، ސަރުކަރުގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އަންހެން ކަނބަލުން ގޭގައި ތިބެގެން ކުރާ ހީވަގި އަދި ބުރަ މަސައްކަތަކީ ޚިދުމަތުގެ ގޮތުން އަގު ނުނަގާ ޚިދުމަތްތަކަކަށްވިޔަސް، މި ޚިދުމަތްތަކަކީ ފާހަގަކުރެވޭ ޚިދުމަތްތަކެއްކަމަށާއި، މިއީ ދިވެހިރާއްޖޭގެ އިޖްތިމާޢީ ކަންކަމާއި އިޤްތިޞާދީ ހުރިހާ ކަންކަމުގެ އަސްލުކަމުގައި ފާހަގަކުރެއްވިއެވެ.
މިމޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ރައީސުލްޖުމްހޫރިއްޔާވަނީ ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު ރާއްޖޭގެ އަންހެނުން ކުރިއެރުވުމަށާއި ބާރުވެރިކުރުވުމަށް ކުރެއްވި އަގުހުރި މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. މިގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި ރާއްޖޭގައި ރަސްމީކޮށް ސްކޫލުތަކަށް ގޮސް އަންހެނުން ތަޢުލީމު ހާސިލްކުރަން ފަށާފައި ވަނީ މުޙައްމަދު އަމީންގެ ވެރިކަމުގައިކަމަށާއި، ރަސްމީ ނިޒާމެއްގެ ދަށުން އަންހެނުން ބާރުވެރިކުރުވުމަށް މަސައްކަތް ފެއްޓެވުމުގެ ޝަރަފުވެސް ހޯއްދަވާފައިވަނީ މުޙައްމަދު އަމީންކަން ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދިވެހި މުޖުތަމަޢުގައި ފިރިހެނެއްގެ ހުރި ފޯރާކަން އިނގޭނީ އެމީހެއްގެ އާއިލާގައި ހިމެނޭ އަންހެނުންނާއި ކުޑަކުދިންނަށް އަދި މުޖުތަމަޢުގައި ހިމެނޭ އަންހެނުންނާއި ކުޑަކުދިންނާއި ދޭތެރޭގައި އެމީހަކު ކަންކުރާގޮތުންކަމުގައި ވިދާޅުވިއެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވިގޮތުގައި މި މޮޓޯ ޤަބޫލުކޮށްފިކަމުގައި ވާނަމަ ދިވެހި ފިރިހެނުން ދިވެހި އަންހެނުން ކުރާ މަސައްކަތުގައި އެމީހުނަށް ވާގިދޭ އެހީތެރިވާ ބަޔަކުކަމުގައި ވާނެކަމަށް ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީއަށް ލާބަޔާއި މަންފާ ލިބިދޭ ފަދަ އަގުހުރި ޚިދުމަތްކޮށްދީފައިވާ، އަދި ޚިދުމަތް ކުރަމުން އަންނަ އަންހެނުންނަށް ދެވޭ ރެހެންދި އެވޯޑް މިއަހަރު ޙާޞިލްކުރެއްވި ހަތަރު ފަރާތަށް، މިއަދުގެ ޙަފްލާގައި އެވޯޑާއި ލިޔުން ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ. އަދި، ރެހެންދި އެވޯޑް ޙާޞިލް ކުރެއްވި ފަރާތްތަކަށް ގޮފިކޮޅު ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު ‏‏އިބްރާހީމެވެ.

 

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ބޮޑުތަކުރުފާނު މަގު، މާލެ 20113
ފޯނު: 3323701 ފެކްސް: 3325500