ރައީސުލްޖުމްހޫރިއްޔާ، "ތަރިކަ" މަޝްރޫޢު އިފްތިތާޙު ކޮށްދެއްވައިފި

މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ފަދައިން، ދިވެހީންގެ މެދުގައި އިސްލާމީ ވަޙްދަތާއި، ޤައުމީ ރޫޙު އުފައްދައި އާލާކުރުމުގެ މަޝްރޫޢު "ތަރިކަ"، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިރޭ އިފްތިތާޙު ކޮށްދެއްވައިފިއެވެ. މި މަޝްރޫޢު އިފްތިތާޙު ކޮށްދެއްވުމާ ގުޅިގެން، މަޝްރޫޢުގެ ލޯގޯ އާއި ޝިޢާރުވެސް ތައާރަފު ވެގެންދިޔައެވެ. މިގޮތުން، މި މަޝްރޫޢުގެ ޝިޢާރެއްގެ ގޮތުން ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ " ދީނާއި ޤައުމިއްޔަތު، ދިވެހީންގެ ނާރެސް"އެވެ.

"ތަރިކަ" މަޝްރޫޢުގެ ކަންކަން ހިންގެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލެއްވި ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާދަމް ޝަރީފާއި، މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ ޢާއިޝަތު ޝިހާމާއި، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒިޔާދާއި، މިނިސްޓަރ އޮފް ހޯމް އެފެއާޒް އަޒްލީން އަޙްމަދާއި، ޤައުމީ އިނާމާ ބެހޭ ކޮމިޓީގެ ޗެއާމަން ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތްތެރި ވެރިޔާ ޢަބްދުއްރަޝީދު ޙުސައިނާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމާއި، އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގެ ޗާންސެލަރ ޑޮކްޓަރ މުޙަންމަދު ޝަހީމް ޢަލީ ސަޢީދާއި، ޕީ.އެސް.އެމް.ގެ ޗެއާމަން އިބްރާހީމް ޢުމަރުމަނިކާއި، ޕީ.އެސް.އެމް.ގެ މެނެޖިންގ ޑިރެކްޓަރ އިބްރާހީމް ޚަލީލާއި، ހެންވޭރު ފަތަނގުމާގޭ ޢަބްދުﷲ ފާރޫޤް ޙަސަނެވެ. މި މަޝްރޫޢުގެ ފަންނީ އެކިއެކި ކަންކަން ހިންގުމަށްޓަކައި އެކިއެކި ދާއިރާތަކުން ފަންނީ ބޭފުޅުން ހިމެނިވަޑައިގަންނަވާ ގޮތަށް ޓެކްނިކަލް ކޮމިޓީއެއްވެސް އައްޔަނު ކުރައްވާފައިވެއެވެ.

މިރޭގެ ރަސްމިއްޔާތުގައި "ތަރިކަ" މަޝްރޫޢުގެ އެންމެހައި ކަންކަން އެންމެ އިސްކޮށް ވިލަރެސްކުރައްވާ، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތްތެރި ވެރިޔާ ޢަބްދުއްރަޝީދު ޙުސައިން ދެއްކެވި ވާހަކަފުޅުގައި، ދިވެހިންގެ ތެރޭގައި ހުޅަނގުގެ ސަގާފަތް އަށަގެންފައިވާ މިންވަރުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. އަދި، "ތަރިކަ" މަޝްރޫޢުގެ މަޤްޞަދަކީ ދިވެހި ބަހަށް އިސްކަންދީ، އެންމެ ތުއްތު ކުއްޖާގެ ކިބައިގައިވެސް ދިވެހިންގެ ސަގާފަތް އަށަގެންނެވުން ކަމުގައި ވިދާޅުވިއެވެ.

"ތަރިކަ" މަޝްރޫޢުގެ ކަންކަން ހިންގެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލެއްވި ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާދަމް ޝަރީފާއި، މިނިސްޓަރ އޮފް ހޯމް އެފެއާޒް އަޒްލީން އަޙްމަދުވެސް މިރޭގެ ރަސްމިޔާތުގައި ވާހަކަފުޅު ދެއްކެވިއެވެ. ޑިފެންސް މިނިސްޓަރގެ ވާހަކަފުޅުގައި، ޤައުމު ދެކެ ލޯބިވާ މީހެއްނަމަ އިސްލާމްދީނަށް އިސްކަން ދިނުމާއެކު، ދިވެހިންގެ ސަގާފަތާއި އާދަކާދައަށް ރައްކަތެރިވާންޖެހޭ ކަމުގައި ވިދާޅުވިއެވެ. އަދި، ހޯމް މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި، "ތަރިކަ" މަޝްރޫޢު ކުރިއަށް ގެންދެވުމުގައި ދިވެހި ހުރިހާ ރައްޔިތުންގެ އެއްބާރުލެއްވުމާއި، އެހީތެރިކަމާއި، ބައިވެރިވުން އިތުރު ކުރެއްވުމަށް އިލްތިމާސް ކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، އިސްލާމީ ޙަޟާރަތު ފެށިގެންދިޔަ ގޮތާބެހޭ ޕްރެޒެންޓޭޝަނެއް ހުށައަޅުއްވައިދެއްވިއެވެ.

"ތަރިކަ" މަޝްރޫޢު އިފްތިތާޙު ކުރެއްވުމަށް މިރޭ ބޭއްވެވި ރަސްމިއްޔާތުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ދައުލަތު އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

 





ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ބޮޑުތަކުރުފާނު މަގު، މާލެ 20113
ފޯނު: 3323701 ފެކްސް: 3325500