|
ޚަބަރު
05 ސެޕްޓެމްބަރ 2010
މިދިޔަ އޯގަސްޓް މަހުގެ 19ވި ބުރާސްފަތި ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގެ 30 ވަނަ ޖަލްސާއިން ފާސްކުރެއްވި "ގޭންގް ކުށްތައް މަނާކުރުމުގެ ބިލް" ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ތަޞްދީޤު ކުރައްވައިފިއެވެ. ތަޞްދީޤު ކުރެއްވުމާ ގުޅިގެން، މި ޤާނޫނު ދިވެހި ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިޢު ކުރައްވައިފިއެވެ. މިއީ، ދިވެހިރާއްޖޭގައި ގޭންގު އުފެއްދުމާއި، ހިންގުމާއި، ގޭންގު ހަދައިގެން އެކިއެކި ކުށްކުރުން މަނާކުރުމާއި، އެ ކުށްތަކަށް އަދަބު ކަނޑައެޅުމުގެ ޤާނޫނެވެ.
މި ޤާނޫނުގައިވާ ގޮތުން، ޣައިރު ޤާނޫނީ ޢަމަލުތައް ހިންގުމަށްޓަކައި ގޭންގެއް އުފެއްދުމާއި ހިންގުމާއި ގޭންގެއްގެ މެންބަރަކަށްވުމަކީ ކުށެކެވެ. ޣައިރު ޤާނޫނީ ޢަމަލުތައް ހިންގުމަށްޓަކައި ގޭންގެއް އުފެއްދުމާއި ހިންގުމާއި ގޭންގެއްގެ މެންބަރަކަށްވުން ފަދަ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 1 (އެކެއް) އަހަރުދުވަހާއި 5 (ފަހެއް) އަހަރުދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ. އެއްވެސް ގޭންގެއްގެ ލީޑަރުކަން ކުރުމަކީ ނުވަތަ ލީޑަރެއްގެ ދައުރު އަދާކުރުންފަދަ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ 2 (ދޭއް) އަހަރުދުވަހާއި 7 (ހަތެއް) އަހަރުދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.
އެއްވެސް ގޭންގަކާ ނުވަތަ ގޭންގެއްގެ މެންބަރަކާ ގުޅޭގޮތުން ކޯޓަކަށް ނުވަތަ ޤާނޫނު ތަންފީޛުކުރާ ފަރާތަކަށް މަޢުލޫމާތު ދިނުން ނުވަތަ ހެކި ދިނުން ހުއްޓުވުމަށްޓަކައި އެމީހާއަށް ނުވަތަ އެނޫންވެސް ފަރާތަކަށް އަނިޔާއެއް ނުވަތަ ގެއްލުމެއްދޭނެކަމުގެ ނުވަތަ މެދުވެރިކުރާނެކަމުގެ އިންޒާރުދިނުމަކީ ނުވަތަ އަނިޔާއެއް ނުވަތަ ގެއްލުމެއް ދިނުމަކީ ނުވަތަ މެދުވެރިކުރުމަކީ ކުށެއްކަމަށް މި ޤާނޫނުގައި ބުނެފައިވެއެވެ. އިންޒާރުދިނުމުގެ ކުށްކޮށްފި މީހެއްގެ އަދަބަކީ 6 (ހައެއް) މަސްދުވަހާއި 18 (އަށާރަ) މަސްދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ. އަނިޔާއެއް ނުވަތަ ގެއްލުމެއް ދިނުމުގެ ނުވަތަ މެދުވެރިކުރުމުގެ ކުށްކޮށްފި މީހެއްގެ އަދަބަކީ 3 (ތިނެއް) އަހަރުދުވަހާއި 7 (ހަތެއް) އަހަރުދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.
ޤާނޫނުގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ނަމެއް ނުވަތަ ޖަމާޢަތެއް ނުވަތަ ޖަމްޢިއްޔާއެއް ނުވަތަ ކުޅިވަރުކުޅޭ ކްލަބެއް ނިވާފަތްގަނޑެއްގެ ގޮތުގައި ބޭނުންކޮށްގެން، މި ޤާނޫނުގެ ދަށުން މަނާކޮށްފައިވާ ޢަމަލެއް ނުވަތަ ޙަރަކާތެއް ހިންގާކަމަށް ޝަރީޢަތަށް ސާބިތުވެއްޖެނަމަ، އެ ނަމެއް ނުވަތަ އެ ޖަމާޢަތެއް ނުވަތަ އެ ޖަމްޢިއްޔާއެއް ނުވަތަ ކުޅިވަރުކުޅޭ ކްލަބެއްގެ ރަޖިސްޓަރީ ބާޠިލުކުރުމުގެ ބާރު، ކަމާބެހޭ އިދާރާއަށް މި ޤާނޫނުން ލިބިދީފައިވެއެވެ.
ގޭންގުތައް މަނާކުރުމާބެހޭ ޤާނޫނުގައިވާ ގޮތުން، ގޭންގެއްގެ ބޭނުމަށް ހަތިޔާރެއް ނުވަތަ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރެވިދާނެފަދަ އެއްޗެއް އުފެއްދުމަކީ ނުވަތަ ވިއްކުމަކީ ނުވަތަ ދިނުމަކީ ނުވަތަ ގެންގުޅުމަކީ ނުވަތަ ދިވެހިރާއްޖެއަށް އެތެރެކުރުމަކީ ކުށެކެވެ. މިފަދަ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ 1 (އެކެއް) އަހަރުދުވަހާއި 5 (ފަހެއް) އަހަރުދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.
ކުށެއް ކުރުމަށްޓަކައި މީހެއްގެ ބިމަކަށް ނުވަތަ ގެއަކަށް ނުވަތަ އިމާރާތަކަށް ނުވަތަ ފިހާރައަކަށް ނުވަތަ މިނޫންވެސް ތަނަކަށް ވަނުމަކީ އަދި އުޅަނދަކަށް އެރުމަކީ ކުށެކެވެ. މިފަދަކުށެއް ކޮށްފި މީހެއްގެ އަދަބަކީ 6 (ހައެއް) މަސްދުވަހާއި 18 (އަށާރަ) މަސްދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.
ގޭންގު ނުވަތަ ގްރޫޕް ހަދައިގެން މާރާމާރީ ހިންގުމަށް ރޭވުން؛ ގޭންގު ނުވަތަ ގްރޫޕް ހަދައިގެން މާރާމާރީ ހިންގުން؛ ގޭންގު ނުވަތަ ގްރޫޕް ހަދައިގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމަކީ ކުށެކެވެ. ގޭންގު ނުވަތަ ގްރޫޕް ހަދައިގެން މާރާމާރީ ހިންގުމަށް ރޭވި މީހެއްގެ އަދަބަކީ 3 (ތިނެއް) އަހަރުދުވަހާއި 5 (ފަހެއް) އަހަރުދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ. ގޭންގު ނުވަތަ ގްރޫޕް ހަދައިގެން މާރާމާރީ ހިންގުމާއި ގޭންގު ނުވަތަ ގްރޫޕް ހަދައިގެން މާރާމާރީ ހިންގުމުގައި ބައިވެރިވި މީހެއްގެ އަދަބަކީ 6 (ހައެއް) އަހަރުދުވަހާއި 12 (ބާރަ) އަހަރުދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.
މި ޤާނޫނުގެ ދަށުން ޙުކުމް ތަންފީޛުކުރަމުން ގެންދާ އެއްވެސް މީހަކަށް ޕެރޯލްގެ ދަށުން ނުވަތަ އެހެން ގޮތަކުންވިޔަސް އަދަބު ލުއިކޮށްދެވޭނީ ޙުކުމުގެ ތިންބައިކުޅަދެބައި ތަންފީޛުކުރުމަށް ފަހުގައި ކަމަށް މި ޤާނޫނުގައި ބުނެފައިވެއެވެ. މި ޤާނޫނުގައި ބުނެފައިވާފަދަ ކުށެއްކުރީ ނުވަތަ އެފަދަ ކުށެއްގައި ބައިވެރިވީ ޢުމުރުން 18 އަހަރު ނުފުރޭ ކުއްޖެއްކަމުގައިވިޔަސް އެ ކުއްޖަކަށް 14 އަހަރު ފުރިފައިވާނަމަ ޤާނޫނު ނަންބަރު 9/91 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ޤާނޫނު) އާއި ޤާނޫނުލްޢުޤޫބާތުގެ 7 ވަނަ މާއްދާއިން އިސްތިސްނާކޮށް މި ޤާނޫނުގެ ދަށުން ކުށްވެރިވާނޭ ކަމަށްވެސް މި ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. އަދި އެފަދަ ފަރާތްތަކަށް އިއްވޭ ޙުކުމް ތަންފީޛު ކުރަންޖެހޭނީ ޢުމުރުން 18 އަހަރު ނުފުރޭ ކުދިންނަށް ޚާއްޞަކޮށްފައި ހުންނަ މަރްކަޒެއްގައެވެ.
މި ޤާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަދައި ހިންގާނީ މިނިސްޓްރީ އޮފް ހޯމް އެފެއާޒުންނެވެ. އަދި މި ޤާނޫނަށް ޢަމަލުކުރަންފަށާތާ 4 (ހަތަރެއް) މަސްދުވަހުގެ ތެރޭގައި، އެގަވާއިދުތައް ހަދައި ނިންމަންވާނެ ކަމަށާއި، އަދި މިފަދަ ގަވާއިދަކަށް ޢަމަލުކުރަން ފެށުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތުގެ ކޮމިޓީއަށް އެ ގަވާއިދެއް ހުށަހަޅަންވާނެ ކަމަށްވެސް މި ޤާނޫނުގައި ބުނެފައިވެއެވެ.
05 ސެޕްޓެމްބަރ 2010
މިދިޔަ އޯގަސްޓް މަހުގެ 19 ވި ބުރާސްފަތި ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގެ 30 ވަނަ ޖަލްސާއިން ފާސްކުރެއްވި "ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ބިލް" ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ތަޞްދީޤު ކުރައްވައިފިއެވެ. ތަޞްދީޤު ކުރެއްވުމާ ގުޅިގެން، މި ޤާނޫނު ދިވެހި ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިޢު ކުރައްވައިފިއެވެ.
މި ޤާނޫނަކީ، މީސްމީހުންގެ ފުރާނައާއި ހަށިގަނޑާއި މުދަލަށް ގެއްލުން ލިބޭގޮތަށް، ނުވަތަ ގެއްލުމެއް ލިބިދާނެ ފަދަ ގޮތަކަށް، ތޫނު އެއްޗެއްސާއި ހަތިޔާރު ފަދަ ތަކެތި ގެންގުޅުމާއި، މީސްމީހުންނަށް ބިރުދައްކައި، އިންޒާރުދީ ހެދުމާއި، މިފަދަ ކަންކަން ކުރުން މަނާކުރުމުގެ ޤާނޫނެވެ.
މި ޤާނޫނުގެ 2 ވަނަ މާއްދާގައިވާ ގޮތުން، މީހެއްގެ ފުރާނައަށް ނުވަތަ ހަށިގަނޑަށް ނުވަތަ ޢާއިލާގެ މެންބަރަކަށް ނުވަތަ ތިމާގެ ބެލެނިވެރިކަމުގެ ދަށުގައިވާ މީހަކަށް ގެއްލުމެއް ދީފާނެކަމުގެ ބިރުދެއްކުމަކީ ނުވަތަ އިންޒާރުދިނުމަކީ ކުށެކެވެ. އަދި މީހެއްގެ ގެދޮރަށް ނުވަތަ މުދަލަށް ނުވަތަ އޭނާގެ ބެލުމުގެ ދަށުގައިވާ ތަނަކަށް ނުވަތަ އެއްޗަކަށް ނުވަތަ ފުރާ ދުއްވާ އުޅަނދަކަށް ނުވަތަ އެއްގަމު އުޅަނދަކަށް ގެއްލުމެއް ދީފާނެކަމުގެ ބިރުދެއްކުމަކީ ނުވަތަ އިންޒާރުދިނުމަކީ ކުށެކެވެ. އަދި މަޤުބޫލު ސަބަބެއް ނެތި، އެއްވެސް ބާވަތެއްގެ ނުރައްކާތެރި ހަތިޔާރެއް ނުވަތަ ތޫނު އެއްޗެއް ޢާންމު ތަނެއްގައި ގެންގުޅުމަކީ އަދި ޢާންމު ތަނެއް ފިޔަވައި އެހެން ތަނެއްގައި، މަޤްބޫލު ސަބަބެއް ނެތި ނުރައްކާތެރި ހަތިޔާރެއް ނުވަތަ ތޫނު އެއްޗެއް ބެހެއްޓުމަކީވެސް ކުށެކެވެ. މި ދެންނެވި ދެ ކުށުގެ އަދަބަކީ 6 (ހައެއް) މަސްދުވަހާއި 12 (ބާރަ) މަސްދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.
މި ޤާނޫނުގެ 2 ވަނަ މާއްދާގެ (ހ) ގައި ބުނާފަދަ އެއްޗެއް ގެންގުޅެފައިވަނީ ޢާންމު ތަންތަނުގެ ތެރެއިން ސްކޫލްތަކާއި، ޞިއްޙީ ޚިދުމަތްދޭ ތަންތަނާއި، މިސްކިތްތަކާއި، ދައުލަތުގެ އިމާރާތްތަކާއި، އެކިއެކި ޙަފްލާތަކާއި ތަފާތު މުނާސަބަތުތަކާ ގުޅިގެން މީހުން އެއްވެއުޅޭ ތަންތަނާއި، ސިޔާސީ ޕާޓީތަކުގެ ބައްދަލުވުންތައް ބާއްވާ ތަންތަނުގައާއި، ޢާންމު ދަތުރުފަތުރުކުރާ ބަސް، ފެރީފަދަ ގިނަމީހުން ދަތުރުކުރާ އުޅަނދުފަހަރުގައި ކަމުގައިވާނަމަ، މި މާއްދާގެ (ނ) ގައި ބުނާ އަދަބުގެ ތެރެއަށް 1 (އެކެއް) އަހަރުދުވަހާއި 3 (ތިނެއް) އަހަރުދުވަހާ ދެމެދުގެ މުއްދަތެއްގެ ޢުޤޫބާތް އިތުރުކުރެވޭނެއެވެ.
މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ހުއްދަ ލިޔުމަކުން ލިބިގެން މެނުވީ، ހުޅުވާ ލެއްޕޭ ގޮތަށް ތައްޔާރުކޮށްފައި ހުންނަ ފްލިކް ނައިފްއާއި، ބަޓަފްލައި ނައިފްއާއި މި ޤާނޫނުގެ 10 ވަނަ މާއްދާގެ (ނ) އާއި (ރ) ގައި ބަޔާންކޮށްފައިވާ ތަކެތީގެ ތެރެއިން ޢާންމު ދިރިއުޅުމުގެ ބޭނުންތަކާއި މަސައްކަތުގެ ބޭނުމަށް ބޭނުންކުރާ ތަކެތި ފިޔަވައި އެހެނިހެން ތަކެއްޗާއި ބައިނަލްއަޤްވާމީ ގޮތުން ނުވަތަ ދުނިޔޭގެ ގިނަ ޤައުމުތަކުގައި ހަތިޔާރެއްގެ ގޮތުގައި ބަލާ ތަކެތި ރާއްޖެއަށް އެތެރެކުރުމާއި އުފެއްދުމަކީ ކުށެއް ކަމަށްވެސް މި ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.
ސްކޫލް، ކޮލެޖް އަދި އިންސްޓިޓިއުޝަން ފަދަ ތަންތަނުގައި ތޫނު ހަތިޔާރު ހިފައިގެން އުޅޭކަމަށް ތުހުމަތު ކުރެވޭނަމަ، އެތަންތަނުގެ މުވައްޒަފުންނާއި، ފުލުހުންނަށް، ތުހުމަތު ކުރެވޭ ފަރާތްތައް ބަލައި ފާސްކުރުމުގެ ބާރު މި ޤާނޫނުން ލިބިދީފައިވެއެވެ. ހަމައެއާއެކު، 18 އަހަރުން ދަށުގެ ކުޑަކުދިންނަށް ވަޅިފަދަ ތޫނު ހަތިޔާރުގެ ގޮތުގައި ހިމެނޭ ތަކެތި ވިއްކުމަކީވެސް މި ޤާނޫނުން މަނާކޮށްފައިވާ ކަމެކެވެ.
މި ޤާނޫނުގައިވާ ގޮތުން، މި ޤާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަދައި ހިންގާނީ މިނިސްޓްރީ އޮފް ހޯމް އެފެއާޒްއިންނެވެ. އަދި މި ޤާނޫނަށް ޢަމަލުކުރަން ފަށާތާ 4 (ހަތަރެއް) މަސްދުވަހުގެ ތެރޭގައި އެ ގަވާއިދުތައް ހަދައި ނިންމަންވާނެ ކަމަށާއި މިފަދަ ގަވާއިދަކަށް ޢަމަލުކުރަން ފެށުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތުގެ ކޮމިޓީއަށް އެ ގަވާއިދެއް ހުށަހަޅަންވާނެ ކަމަށްވެސް މި ޤާނޫނުގައި ބުނެފައިވެއެވެ.
05 ސެޕްޓެމްބަރ 2010
މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހައުސިންގ އެންޑް އެންވަޔަރަންމަންޓް ކަމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ދެ ބޭފުޅަކު ޢައްޔަން ކުރައްވައިފިއެވެ. މިމަގާމަށް ޢައްޔަން ކުރެއްވި ދެބޭފުޅުންނަކީ، މާފަންނު ފެންފޯއްމާ ޑޮކްޓަރ މުޙަންމަދު ޝަރީފާއި، މައްޗަންގޮޅީ އެވަރލާސްޓް އަކްރަމް ކަމާލުއްދީނެވެ.
މި ދެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ދެބޭފުޅުންވެސް މިހާތަނަށް ތިއްބެވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހައުސިންގ އެންޑް އެންވަޔަރަންމަންޓްގެ ނައިބު ކަމުގެ މަގާމުގައެވެ.
މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މިދެބޭފުޅުން ވަޒީފާ އަދާކުރައްވަމުން ގެންދަވާ ވުޒާރާއަކީ، ސަރުކާރުން ވަރަށް އިސްކަމެއް ދެއްވާފައިވާ ދެކަންތައް ކަމުގައިވާ ގެދޮރު އެޅުމާއި، ތިމާވެށީގެ ކަންތައްތައް ޙަވާލުކުރައްވާފައިވާ ވުޒާރާ ކަމަށް ވުމާއެކު، އެމަސައްކަތްތައް ވީހާވެސް ހަލުވިމިނެއްގައި ގެންދަވަން ސަރުކާރުން ބޭނުންފުޅުވާ ކަމުގައި ވިދާޅުވިއެވެ. އަދި އެމަސައްކަތްތައް ކުރިއަށް ގެންދެވުމުގައި، މިދެބޭފުޅުން ވަރަށް ބޮޑަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
05 ސެޕްޓެމްބަރ 2010
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ސީނުކަރައިގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު ކަމަށް ހެންވޭރު ސީވީޑް އަޙްމަދު ލަޠީފް ޢައްޔަން ކުރައްވައި، އެމަނިކުފާނަށް ސަފީރު ކަމުގެ ފަތްކޮޅު މިއަދު ދެއްވައިފިއެވެ. މަގާމުގެ ފަތްކޮޅު ދެއްވުން އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
އަޙްމަދު ލަޠީފް ސީނުކަރައިގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު ކަމުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ މި ޢައްޔަން ކުރެއްވީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ) ގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާގެ މަތިންނެވެ.
ފަތްކޮޅު ދެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ދެއްކެވި ވާހަކަފުޅުގައި، މަގާމުގެ ވާޖިބު އަޙްމަދު ލަޠީފް ފުރިހަމައަށް އަދާކުރައްވާނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައި ވިދާޅުވިއެވެ. އަދި ސަރުކާރުން ހިންގަވަމުން ގެންދަވާ އެކި މަޝްރޫޢުތައް ކުރިއަށް ގެންދެވުމުގައި، އެބޭފުޅުންގެ އެހީތެރިކަން ސަރުކާރަށް ވަރަށް ބޮޑަށް ބޭނުންފުޅުވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
05 ސެޕްޓެމްބަރ 2010
ކުންފުނިތަކާއި އަމިއްލަ ޖަމްޢިއްޔާތަކާއެކު ސްކޫލްތަކުން ގާތް ގުޅުމެއް އުފެއްދެވުމަށާއި، އެގުޅުމުގެ ސަބަބުން، އެފަދަ ފަރާތްތަކުގެ އެހީ، ދެމިހުންނަވި ގޮތުގައި ސްކޫލަށް ލިބޭނެގޮތް ހޯއްދެވުމަށް ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު އެދިވަޑައިގެންފިއެވެ. ނައިބު ރައީސް މިކަމަށް އެދިވަޑައިގަތީ، މަދްރަސަތުލް އަޙްމަދިއްޔާގެ ވޭތުވެދިޔަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ތާޖުއްދީން ސްކޫލްގައި ރޭ ބޭއްވެވި މިޖަލްސާގައި، ކިޔަވާދީފައި މުޖްތަމަޢަށް ނެރޭ ކުދިންނަކީ ބޭނުން ހިފޭ ކުދިންނަށް ވާންޖެހޭނެކަން ނައިބު ރައީސް ބަޔާންކުރައްވަމުން، އިތުރަށް ކިޔަވަން ބޭނުންވާ ކުދިންނަށް އެފުރްޞަތު ހުޅުވިފައި އޮންނަންޖެހޭނެ ކަމަށާއި، އަދި އެކިމަސައްކަތަށް ނުކުންނަން ބޭނުންވާ ކުދިންނަށްވެސް މަސައްކަތް ލިބިދޭންޖެހޭނެ ކަމުގައި ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ސްކޫލްތަކުން ނިމޭ ކުދިންނަށް ކެރިއަރ ކައުންސެލިންގ ދިނުމުގެ މުހިންމު ކަމުގެ މައްޗަށް ނައިބު ރައީސް ބައްލަވާލެއްވިއެވެ. މިރޮނގުން ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އިތުރަށް، އަމިއްލަ ފަރާތްތަކަށްވެސް މިކަމުގައި ވަރަށްބޮޑު މަސައްކަތެއް ކުރެވިދާނެ ކަމުގައިވެސް ނައިބު ރައީސް ވިދާޅުވިއެވެ. ހަމައެއާއެކު، މަސައްކަތުގެ ދުނިޔެއަށް ކުދިން ތަޢާރުފް ކުރުމަށް ކުރެވިދާނެ ވަރަށްގިނަ ކަންތައްތައް އެބަހުރި ކަމަށާއި، ޚާއްޞަކޮށް، އަމިއްލަ އެކިކުންފުނިތަކާއި، އެކިއޮފީސްތަކާ ގުޅިގެން، ސްކޫލްތަކުން ކުދިންނަށް މިފުރްޞަތު ހޯއްދަވައިދެއްވިދާނެ ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ. އަދި މިކަމަށް ތަޢްލީމީ ދާއިރާގެ ބޭފުޅުންނާއި، ސްކޫލްތަކުގެ ވެރިންނާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ޚާއްޞަ ސަމާލުކަމެއް ދެއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އަޙްމަދިއްޔާގެ ވޭތުވެދިޔަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާގައި، ނައިބު ރައީސް ރޭ ދެއްކެވި ވާހަކަފުޅުގައި، ސްކޫލްތަކުން ނިމޭ ކުދިން މުޖްތަމަޢަށް ނުކުތުމަށްފަހު، އެކުދިންނަށް ވާނުވާގޮތް ބެލުމުގެ މުހިންމުކަމުގެ މައްޗަށްވެސް ބައްލަވާލެއްވިއެވެ. އެކުދިންގެ ތެރެއިން މަތީ ތަޢްލީމަށް ދަނީ ކިތައް ކުދިންތޯ ނުވަތަ އެކިއެކި މަސައްކަތަށް ދަނީ ކިތައް ކުދިންތޯ އަދި ވަޒީފާ އަދާކުރަނީ ކިތައް ކުދިންތޯ ބަލައި، މިތަފާސް ހިސާބު ސްކޫލްތަކުން އެއްކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ނައިބު ރައީސް ވިދާޅުވިގޮތުގައި، ސްކޫލްތައް ބައްޓަން ކުރަންޖެހެނީ މުޖްތަމަޢު ބޭނުންވާ ގޮތަކަށެވެ. އަދި ސްކޫލްތައް ވާންޖެހޭނީ، އަޅުގަނޑުމެން ދެކޭހިތްވާ މުޖްތަމަޢު ދައްކައިދޭ، އަޅުގަނޑުމެން ދެކޭހިތްވާ މުޖްތަމަޢު ތަމްރީނުކުރާ ތަނަކަށެވެ.
ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދުގެ ވާހަކަފުޅުގައި، މިވޭތުވެދިޔަ 28 އަހަރު ދުވަހުގެ ތެރޭގައި، މަދްރަސަތުލް އަޙްމަދިއްޔާ ވަރަށްވެސް ބޮޑު ކާމިޔާބީއެއް ހޯދާފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ސްކޫލްގެ ބާނީ މަރްޙޫމް ޑޮކްޓަރ އަޙްމަދުދީދީ، އެސްކޫލް ބިނާކުރައްވަން ކުރެއްވި މަސައްކަތްޕުޅުތަކާއި، އެސްކޫލް ޤާއިމު ކުރެއްވުމުގެ މަސައްކަތުގައި، އަލްމަރްޙޫމް ސަރަނގު މުޙަންމަދު ކަލޭފާނު ކުރެއްވި މަސައްކަތްޕުޅުތަކުގެ މައްޗަށް ބައްލަވާލައްވައި، އެދެބޭފުޅުންގެ ޒިކުރާ އާކުރެއްވިއެވެ.
މަދްރަސަތުލް އަޙްމަދިއްޔާއިން ވޭތުވެދިޔަ އަހަރު ހުރިހާ ގޮތަކުން އެންމެ ރަނގަޅު ދަރިވަރަކަށް ހޮވުނީ ޞަފާ ޢަބްދުލްޤައްޔޫމެވެ.
|
ދިވެހި ޞަފްޙާތައް
Resources
Strategic Action Plan
Democratic Government
Rapid Assessment
Nation Building
Manifesto
Important Links
Downloads
|
